ޙައްޖު އަދި ޢުމުރާ ކުރުމަށްދާ އަންހެން މީހާ ޙައިޟު ހުއްޓުވާ ބޭސް ކެއުން ހުއްދަވެގެންވޭ ހެއްޔެވެ؟ އެހިނދު ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:


އަޚާ އެވެ. ޢުމުރާގެ އަޅުކަން އަދި ޙައްޖުގެ އަޅުކަން ކުރުމާއި އަދި އަޅުކަމުގައި އެގޮތުގައި ޤާއިމްވެ ދެމިހުރުމަށްޓަކައި ހައިޟު ހުއްޓުވާ ބޭސް ބޭނުން ކުރުމާއި މެދުގައި ބުނަމެވެ.

  1. ދަންނައެވެ. ރޯދަ ހިފުމާއި، ނަމާދު ކުރުމާއި އަދި ޙައްޖު އަދި ޢުމުރާ ކުރުމުގައި މުސްލިމް އަންހެނުން ޤާއިމްވާނެ ކަމާއި، އަޅުކަންތަކުގެ މޫސުންތައް ލައްވައި ޝަރުޢު ކުރެއްވި އިލާހު އާދަމު ދަރިންގެ ތެރެއިން އަންހެނުންނަށް ޙައިޟު ކުރިމަތި ކުރެއްވި އެވެ.
    މާނައީ، ޙައްޖުގެ އަޅުކަން އަދި އެ އަޅުކަން ޝަރުޢު ކުރެއްވި ހިނދު އަންހެނުން ޙައިޟުވުންވެސް ﷲ ލައްވައި ޝަރުޢު ކުރައްވާފައި ވުމެވެ. އެއީވެސް ﷲ ގެ ނިޔާ އެވެ. އަދި މިއީވެސް ﷲ ގެ ނިޔާކަމުގައިވެ އެވެ.
  2. ޙައިޟު ވުމަކީ އަންހެނުންގެ ހަށިގަނޑަށް އޭގެ ސަބަބުން މަސްލަޙަތު ތަކެއް ލައްވާފައިވާ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.
    ކޮންމެ މަހެއްގައި ހަށިގަނޑުން ފައިބާ އެ ލޭތަކަކީ އަހަރެމެންނަށް އޭގެ ޢިލްމު އެނގިފައިވިޔަސް އަދި ނޭނގިފައި ވިޔަސް އޭގެ ސަބަބުން އަންހެނާގެ ހަށިގަނޑަށް ހެޔޮ ކަންތައްތަކެއް ލިބިގެންދާނެ ކަމެއް ކަމުގައިވާނެ އެވެ.
    ފަހެ، ބޭސް ކެއުމުގެ ސަބަބުން އެ ހިނގާ ނިޒާމު ބަދަލުވެ ދިއުމާއި، އުފުލަން ނުޖެހޭ ތަކްލީފްތަކެއް ގެ ތެރެއަށް ދާން ޖެހުމާއި، ޙައިޟުވުމުގެ މުއްދަތު މުޅިން ބަދަލުވެ، ނުވަތަ ދުވަސްތައް އޮޅި އެތައް ގެއްލުން ތަކެއް ދިމާވާކަން އަހަރެމެން ކޮންމެ މީހަކު ދަންނާނެ އެވެ.
    މި ޙަޤީޤަތަކަށް ބަލައިފިނަމަ، އެތަކެއް ޙާދިޘާތަކެއް މި ގޮތުގައި އިނގާފައިވާކަމީ ޝައްކެތްނެތް މިންވަރަށް އެނގި ބަޔާންވެގެންވާ ކަމެވެ.
    މިފަދަ އެތައް ޙާދިޘާތަކެއް އަޑު އަހާފައިވެސް ވެ އެވެ.
  3. ދަންނަންޖެހެ އެވެ.
    ޙައިޟު ހުއްޓުވާ ބޭސް ދުނިޔެ މައްޗަށް އީޖާދު ވުމުގެ ކުރީގައި، ނަބިއްޔާ . ގެ ޒަމާނުއްސުރެ ފަށައިގެން މުއުމިނު އަންހެން ޙައްޖު ކުރުމާއި ޢުމުރާ ކުރަމުން އައީ ކިހިނެތް ތޯ އެވެ؟
    އަހަރެމެންނަށްވުރެ އެތައް ގުނައެއް ދީންވެރިކަމުގައިވާ، ޞާލިޙް ކަމާއި ޢިއްފަތް ތެރިކަމާއި، ޙައްޤަށް ތަބަޢަވަޑައި ގެންނެވުމާއި، ދީނުގައި ކުރިއަރައިދިއުމަށް މާ ބޮޑަށްވެސް ޝަޢުޤުވެރިވާ ބޭކަނަބަލުންތަކެއް ކަމުގައި އެކނަބަލުން ވެވަޑައިގެންނެވި އެވެ.
    ވުމުން، އެކަނބަލުންނަށް ޙައްޖާއި ޢުމުރާގެ އަޅުކަން ބޭސް ޙައްޟު ހުއްޓުވާ ބޭސް ނެތުމުގެ ސަބަބުން ފާއިތުވެދިޔަ ތޯ އެވެ. ނުވަތަ، އަޅުކަން އެ ޙާލުގައި ޙައިޟުވެ ބޭސް ނެތުމުގެ ސަބަބުން ފާއިތުވީތޯ އެވެ؟
    ޖަވާބަކީ ފާއިތު ނުވެ އެވެ. ޙައްޛު އަޅުކަންވެސް އަދި ޢުމުރާގެ އަޅުކަންވެސް އަދާ ކުރެއްވި އެވެ.

ވުމާއެކު، ބަޔާންވަނީ ﷲ ތަޢާލާ މި އަޅުކަން ޝަރުޢު ކުރައްވާފައިވަނީ ޙައިޟުވެރިންނަށް ޙައިޟުގެ ސަބަބުން ފާއިތުވެ ނުދާނެ ގޮތުގަ އެވެ.
އަޅުކަމަށް ހުރަސް ނޭޅޭނެ ސިފައިގަ އެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.

  1. ސީރަތަށް އަދި ތާރީޚަށް ބަލާއިރު މި އުއްމަތަށް ފާޅުވި އެންމެ ދީންވެރި، އެންމެ މާތް އަދި އެންމެ ހެޔޮ އަދި ޢިލްމުވެރި ކަމަނާއަށް ޙައިޟުގެ ދުވަސްތައް މި އަޅުކަމުގެ ތެރޭގައި ކުރިމަތިވަޑައިގެންނެވި އެވެ. މިއީ އެންމެހައި މުއުމިނު އަންހެން ތަކުންނަށް ނަމޫނާއެއް ގޮތުގައިވި އަންހެން ކަމަނާ އެވެ. އާދޭ މާތް ނަބިއްޔާ . ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން عَائِشَة -رضضي الله عنها- އެވެ.
    އިމާމް البخاري (305) އަދި مسلم (2919) ރިވާކޮށްފައިވާ عَائِشَة -رضي الله عنها- ގެ حَدِيْث ގައިވެއެވެ. رَسُوْلُ الله އާ އެކުގައި عَائِشَة حَجَّةُ الوَدَاعُ ގައި العُمُرَة އަށް إِحْرَامْ ބެންނެވި އެވެ.
    އަދި عَائِشَة -رضي الله عنها- އަށް ޙައިޟު މެދުވެރިވެ، مَكَّة އިން މީސްތަކުން حَجُّ ކުރުމަށް ޓަަކައި ނުކުތް ހިނދުގައި طَاهِرُ އެއް ނުވެ އެވެ. ފަހެ އެހިނދުގައި الحَجُّ އަށް إِحْرَامْ ބަނުމަށް ނަބިއްޔާ އެކަމަނާއަށް އަމުރުފުޅު ކުރެއްވި އެވެ. ފަހެ އެގޮތުން عَائِشَة އެހިނދުގައި قِرَانْ ކޮށް حَجُّ ކުރެއްވި ކަމުގައި ވާނެ އެވެ. އަދި ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. (افْعَلِي مَا يَفْعَلُ الحَاجُّ غَيْرَ أَنْ لا تَطُوْفِي بِالبَيْتِ حَتَّى تَطْهُرِي) ”حَجُّ ވެރިޔާ ކުރާ އެންމެހައި ކަންތައްތަކެއް ކުރެއްވުމުގައި ދެމި ހުންނަވާށެވެ. ގެފުޅު ވަށައިގެން طَوَافُ ކުރެއްވުން ފިޔަވަ އެވެ. ކަމަނާއަށް طَوَافُ ކުރެއްވޭނީ ޠާހިރުވެވަޑައިގެން ހިނައިވަޑައިގެންނެވުމަށް ފަހުގައެވެ.“

ޙަދީޘްްގައި މިވަނީ، عَائِشَة -رضي الله عنها- މަދީނާގެ މީޤާތުން އިޙްރާމް ބަންނަވައި މައްކާއަށް ވަޑައިގެންނެވި އެވެ. އަދި ޠަވާފްކޮށް ސަޢުޔު ކުރުމުގެ ކުރިން -އެބަހީ، ޢުމުރާ ފުރިހަމަ ނުކުރައްވަނީސް- ޙައިޟު ކުރިމަތިވަޑައިގެންނެވީ އެވެ.
އަދި އިމާމް مسلم (2950) ރިވާކޮށްފައިވާ އެހެން ޙާދިޘާއެއްގައިވެ އެވެ. ޞަޙާބީ جَابِرُ ރިވާކުރައްވާފައިވާ ދިގު حَدِيْث ގައި ވެއެވެ. (فخرجنا معه حتى أتينا ذا الحليفة، فولدت أسماء بنتُ عميس محمدَ بنَ أبي بكر، فأرسلت إلى رسول الله : كيف أصنع؟ قال: اغتسلي واستثفري بثوب وأحرمي) ”އަހަރެމެން رَسُوْلُ الله -صلى الله عليه وسلم- އަރިއަހުގައި ނުކުމެ ذُوْالخُلَيْفَة އަށް ދެވުމަށްފަހު، أَسْمَاء بِنْتِ عُمَيْس -رضي الله عنها- އަށް مُحَمَّدُ بُنُ أَبِيْ بَكُرُ ލިބިވަޑައިގަތެވެ. އަދި رَسُوْلُ الله -صلى الله عليه وسلم- އަރިއަހުން ތިމަންކަމަނާ ކަންތައް ކުރައްވަންވީ ކިހިނަކުންތޯ އެއްސެވި އެވެ. حَدِيْث ކުރެއްވި އެވެ. ”ކަމަނާ ހިނައިވަޑައިގަންނަވާށެވެ. އަދި ފޮތިގަނޑެއް ބަންނަވާށެވެ. އަދި إِحْرَامْ ބަންނަވާށެވެ.“

މިޙާ ދިޘާގައިމިވަނީ ޞަޙާބީ أَبُو بَكُرُ الصديق ގެ އަނބިކަނބަލުން އިޙްރާމް ލުމުގެ ކުރީގައި ނިފާސް އާ ކުރިމަތިވަޑައިގަންނަވާފަ އެވެ.

އިސްވެ ބަޔާން ކުރެވުނު 2 ޙަދީޘްގެ މައްޗަށް ބުނަމެވެ.
ޙައިޟުވެރިއެއް ކަމުގައި ވީނަމަވެސް އަދި ނިފާސްވެރިއެއް ކަމުގައިވީނަމަވެސް، އިޙްރާމް ބަނުމަށް އެއްވެސް ހުރަހެއް ނެތެވެ.
މީޤާތާއި އަރައި ހަމަވުމުން، ފިރިހެނުންވެސް ނިޔަތް ގަންނަ ފަދައިން ޙައިޟުވެރިޔާވެސް އިޙްރާމްގެ ނިޔަތަށް ވަންނާނީ އެވެ.
އަދި އިޙްރާމްގެ ޙާލަތަށް ވަނުމަށްޓަކައި ހިނައިގަތުންވެސްވެ އެވެ.
ވުމާއެކު، ޙައިޟު ނޫން ފަރާތްތަކަށްވެސް ލިބޭނެ އެންމެހައި ޘަވާބާއި ދަރުމައެއް ޙާޞިލްވެ އެވެ. އެއްވެސް މިންވަރެއް މަދު ނުވާނެ އެވެ.

މައްކާއަށް ދެވުމުން، ޙައިޟުވެރިޔާ ޙައިޟު ނިމެންދެން ނުވަތަ ނިފާސްވެރިޔާ ނިފާސް ނިމެންދެން މަޑު ކުރާނީ އެވެ. އެބަހީ، ޠަވާފް ނުކޮށް މަޑު ކުރާނީ އެވެ.
ސަބަބަކީ، ޠަފާވާފް ކުރެވޭނީ ޙަދަޘަ އެރިގަތުމަށްފަހުގަ އެވެ.
4 ދުވަސް ނުވަތަ 5 ދުވަސްފަހުން ޠާހިރުވީ އެވެ.
އެހިނދު ޙައިޟުން ހިނައިގަތުމަށްފަހު، އެހެން އަންހެނުންނެކޭ އެއްފަދައިން އަންހެން މީހާވެސް އެ ޙާލަތަށް އައީ އެވެ.
ޠަވާފްކޮށް ސަޢުޔުކޮށް، ބޮލުގެ އެންމެހައި އިސްތަށިތަކެއް ޖަމަޢަކޮށް އިނގިލީގެ ބަދައެއްގެ މިންވަރު ބުރިކޮށްލާނީ އެވެ.
އުޚްތާ އެވެ! ޙައްޖު ކުރާ މީހާގެ ޙައްޖުން އަދި ޢުމުރާ ކުރާ މީހުންނަށް އެބައިމީހުންގެ ޢުމުރާއިން ލިބޭ އެއްވެސް މިންވަރެއް މި އަންހެން މީހާއަށް އުނިވެގެން ނުދާނެ އެވެ.
ޘަވާބެއް އަދި ދަރުމައެއް އަދި އަޖުރެއް އުނި ނުވާނެ އެވެ.
އެހެން ފަހަރުތަކޭވެސް އެއްފަދައިން ޙައިޟުގެ ތެރޭގައި ނަމާދު ނުކުރެވޭގޮތަށް، މައްކާގައި އަދި މަދީނާގައިވެސް ނަމާދު ނުކުރެވޭނެ އެވެ. އިތުރު އެއްވެސް ކަމެއް ނުވެ އެވެ.

މިއަދު މަދީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިނެމިވަޑައިގަންނަވާ العلامة عَبد المحسن العباد -حفظه الله- ވިދާޅުވެފައިވެ އެވެ.
“ ޙައިޟުވެރި ނުވަތަ ނިފާސްވެރި ކަމުގައި ވީ އަންހެނަކު مَيْقَاتُ ހުރަސްކުރާ ހިނދު، الحَجُّ ނުވަތަ العُمُرَة ކުރުމަށް ބޭނުންނަމަ، އެ ދެއަންހެނުންވެސް إِحْرَامْ އަށް ނިޔަތްގަތުން ހުއްޓެވެ. އަދި އެހެން މީސްތަކުން عَمَلُ ކުރާ ފަދައިން އެންމެހައި عَمَلُ ތަކެއް ކުރުން ހުއްޓެވެ. ގެފުޅު ވަށައި ކުރާ طَوَافُ މެނުވީ އެވެ. އެ ދެއަންހެނުން طَوَافُ ކުރުން އޮތީ ޠާހިރުވެ ހިނައިގަތުމަށް ފަހުގަ އެވެ. އެއީ رَسُوْلُ الله -صلى الله عليه وسلم- ކުރެއްވި حَجُّ ސިފަކުރައްވާ جَابِرُ ރިވާކުރައްވާފައިވާ ދިގު حَدِيْث ގައި ވާ ފަދައިންނެވެ.“

އަދިވެސް ތަފޞީލުކޮށްދިނުމަށްޓަކައި ބުނަމެވެ.

ރާއްޖޭގައި ހުއްޓާ ޙައިޟުވީ އެވެ. އަދި 3 ދުވަސް ޙައިޟުގައި ފާއިތުވެއްޖެ އެވެ. ލޭ ސާފުވުމަށް އޮތީ އިތުރު 3 ދުވަހެވެ.
ޢުމުރާއަށް ފުރާ ދުވަސް އަކީ ޙައިޟުގެ 4 ވަނަ ދުވަހެވެ.
މި އަންހެން މީހާވެސް، ގޭގައި އިޙްރާމު ލުމަށްޓަކައި ހިނައިގަތުންވެ އެވެ. އަދި އިޙްރާމް ހެދުން (އަންހެނުންނަށް ވކި ޚާއްޞަ ސިފައެއްގައި އޮންނާ އިޙްރާމް ހެދުމެއް ނުވެ އެވެ.) ޢާންމުކޮށް ލައިގެންއުޅޭ ފޭރާމަކީ އެއީ އިޙްރާމް ހެދުމުގެ ގޮތުގައި ބޭނުން ކުރެވޭނެ އެވެ.
ފްލައިޓް މީޤާތާ އަރާ ހަމަވާކަން އެންގުމުން، ޢުމުރާއަށް ޤަޞްދުކޮށް ނިޔަތް ގަންނާނީ އެވެ. އަދި ފްލައިޓް ޖިއްދާގައި ޖެއްސީ އެވެ.

މިހާރު އެ ފާއިތުވީ 5 ވަނަ ދުވަހެވެ.

ޙައިޟުން ޠާހިރުވުމަށް އޮތީ 1 ދުވަސް އެވެ. ސަޢުދީ ޢަރަބިއްޔާގެ ޖިއްދާއިން މައްކާގައިވާ ހޮޓަލަށް ދިއުމަށްފަހު، އަންހެނުންނަށް ކުރުން ހުއްދަ އެންމެހައި ކަންތައްތަކެއް މި އަންހެން މީހާއަށްވެސް ހުއްދަވާނެ އެވެ.
އިޙްރާމުގައި ހުންނަ އިރު އަންހެނުންނަށް ކުރުން މަނާކަންތައްތަކުން އެއްކިބާވުން ހުއްޓެވެ. ހަށިގަނޑުގައި މީރުވަސް ދުވާތަކެތި ބޭނުން ކުރުމާއި، އިސްތަށި އުފުރުމާއި ނިޔފަތިކެނޑުން ފަދަ ޢަމަލުތަކުން ދުރުވާން ޖެހޭނެ އެވެ.

އެއްދުވަސް ފާއިތުވެ، ޙައިޟު ކެނޑުމުން ޙައިޟުން ހިނައިގަންނާނީ އެވެ. (ބޮޑު ޙަދައިން ޠާހިރުވާނީ އެވެ.) އެއަށްފަހު، ޙަރާމްފުޅަށް ގޮސް ޢުމުރާގެ އަޅުކަން ފުރިހަމަ ކުރާނީ އެވެ.
އުޚްތާ އެވެ!
މިކަމުގައި، ބުރަ ދަތިކަމެއް ވޭ ހެއްޔެވެ؟
އެއްވެސް ދަތިކަމެއް ނުވެ އެވެ. އަދި އުނދަގުލެއްވެސް ނުވެ އެވެ.
ގިނަ އަންހެނުން މި ބޭސް ކައިގެން ޙައިޟު ހުއްޓުވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، މައްކާގައި މަދީނާގައި ހުންނަ ދުވަސްތަކުގައި ނަމާދު ދޫކޮށް ނުލުމަށްޓަކަ އެވެ.
އެހިނދު ބުނަމެވެ.

މައްކާގައި އަދި މަދީނާގައި ދިރިއުޅޭ މިލިޔަނުން ގުނާ ލެވޭ އަންހެނުން، ނަމާދު ތައް ދޫކޮށް ނުލުމަށާއި ރަމަޟާން މަހުގައި އެންމެހައި ރޯދަތައް ހިފުމަށް އަބަދުވެސް ބޭސް ކެއުމުގައި ވަނީ ހެއްޔެވެ؟
ނުވަތަ، އެ މިލިޔަން އަންހެނުންނަށްވުރެ އަހަރެމެން ދީންވެރިވީ ހެއްޔެވެ؟

ޖަވާބަކީ، މައްކާގައިވާ އަންހެން ކަނބަލުން މި ބޭސް ކެއުމުގައި ނުވާނެ އެވެ. މަދީނާގައިވާ އަންހެނުންވެސް މި ބޭސް ކެއުމުގައި ނުވާނެ އެވެ.
އެހެނަސް، ޠާހިރުކޮށް ހުންނަ ދުވަސްތަކާއި ދިމާކޮށް ޢުމުރާގެ އަޅުކަން ކުރާނީ އެވެ. އަދި އެކަމަށް ދީނުގައި އެއްވެސް ބުރައެއް އަދި ދަތިކަމެއް ލައްވާފައިވެސް ނުވެ އެވެ.

ރަމަޟާން މަހުގެ ޢުމުރާގެ ދަތުރަކީ، 1 މަސްދުވަހުގެ ދަތުރެ ކެވެ.
ވުމުން، އެއްމަސް ދުވަހުން ޙައިޟުގައި ދާނީ 1 ހަފްތާނަމަ، ބާކީ އޮތް އެންމެހައި ދުވަސްތަކަކީ އަޅުކަން ކުރެވޭނެ ދުވަސްތަކެވެ.
ޢުމުރާ ކުރެވޭނެ، ޠަވާފް ކުރެވޭނެ އަދި ނަމާދު ކުރެވޭނެ ދުވަސްތަކެވެ.

  1. އިސްވެ ދިޔަ އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން ޙަޤީޤަތުގައި ﷲ އަންހެނުންގެ ޠަބީޢަތުގައި ލައްްވާފައިވާ ޙައިޟު ހުއްޓުވައި އެކަމށް ބޭސް ކެއުމުގެ ޙާޖަތެއް ނުޖެ އެވެ.
    އެހެނަސް ޢިލްމުވެރިންގެ ބަސްތަކަށް ބަލާއިރު އެއީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެފައި ނުވެ އެވެ.
    ޝަރުޠު ތަކާއެކު އެކަން ހުއްދަކޮށްފައިވެ އެވެ. އެފަދަ ޝަރުޠު ތަކަށް ބަލާއިރު، ޑަކްޓަރަކާއި މަޝްވާރާކޮށް ، ބޭސް ކެއުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ނުވާނެ ކަމުގައިވުން އަދި ފިރިމީހާ އެކަމަށް އެއްބަސްވެފައިވުންވެ އެވެ. العَلامة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”މީސްތަކުންނާ އެކީގައި ރޯދަ ހިފައި ނަމާދު ކުރުމަށްޓަކައި ހައިޟު ހުއްޓުވާ ބޭސް ބޭނުން ކުރުމުގައި މައްސަލައެއްނެތެވެ. އެހެނަސް ޝަރުޠު ތަކާ އެކުގައ އެވެ. އެއީ އެ ބޭނުން ކޮށްގެން ގެއްލުމެއް ނުލިބުމެވެ. އެގޮތުން ޑަކްޓަރާއި މަޝްވާކޮށް އަދި ފިރިމީހާ އެކަމަށް އެއްބަސްވުމެވެ. އެއީ ހަށިގަނޑަށް ގެއްލުން ނުދިނުމަށްޓަކަ އެވެ. އަދި ފިރިމީހާއަށް ނުކިޔަމަންތެރި ނުވުމަށްޓަކަ އެވެ. މަޝްވަރާކޮށް އަދި ބޭނުން ކޮށްގެން ގެއްލުމެއް ނުލިބޭނެ ކަމުގައި ވާނަމަ މައްސަލައެއްނެތެވެ.“
  2. ނިންމާލުމުގެ ކުރިން ފަހުގެ ދުވަސްތަކުިގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ العلامة ابن العُثَيمين =رحمه الله- ދެއްވާފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.

ޖަވާބު : މި މައްސަލައިގައި އަހަރެން ދެކެނީ، އަންހެންމީހާ މި ޢަމަލުން ދުރުވުމެވެ. (މިގޮތަށް ޢަމަލު ނުކުރުމެވެ.) އަދި ކިޔެއްތޯ އެވެ، ﷲ އޭނާއަށް ޤަދަރުގައި ނިޔާ ކަނޑައެޅުއްވި ގޮތުގައި ދެމިހުރުމާއި، އާދަމު ދަރީންގެ އަންހެންދަރިންގެ މައްޗަށް ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި ހުރުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ޙައިޟުވުން (މައްސަރު ކަންތައްތަކަކީ) އެކަން ވުޖޫދުގައި ލައްވާފައިވުމުގައި ޙިކުމަތެއް ވާނެ އެވެ. ފަހެ، މި ޙިކުމަތަކީ އަންހެންމީހާގެ ޠަބީޢަތާއި މުނާސިބު އެއްޗެއް ކަމުގައިވެ އެވެ. ފަހެ، ހަމަކަށަވަރުން މައްސަރުކަންތައްތައް މަނާކުރުމުން، އޭގެ ސަބަބުން އެކުރެވުނު ކަންތައްތަކުގެ ރައްދެއްގެ ގޮތުގައި އިދިކޮޅު ކަންތައްތަކެއް، ގެއްލުންވާނެ ކަންްތައްތަކެއް، އަންހެންމީހާގެ ހަށިގަނޑުގައި ހިނގާނެ އެވެ.
ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لاضرر ولا ضرار) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމެއް އަދި އަނެކާގެ ނަފްސަށް ގެއްލުން ދިނުމެއްވެސް ނުވެ އެވެ.“
މިއީ، އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން އަންހެންމީހާގެ ރަޙިމަށް ލިބޭ ގެއްލުންތައް ބަޔާންކޮށް ޑަކްޓަރުން ބުނެފައިވާ ބަސްތަކަށް ނުބެލި ކަމުގައިވިޔަސް އެނގިބަޔާންވެގެންވާ ކަމެކެވެ.
މި މައްސަލައިގައި އަހަރެން ދެކޭ ގޮތަކީ އަންހެނުން މިފަދަ ބޭސްތައް ބޭނުން ނުކުރުމެވެ. ﷲ ތަޢާގެ ޙިކުމަތްވަންތަ ކަމަށް އަދި އެކަލާނގެ ޤަޟާޤަދަރަށް ޙަމްދު ހުއްޓެވެ. ފަހެ، ޙައިޟު ބައްދަލުކުރުމާ އެކުގައި ނަމާދު ކުރުމާއި ރޯދަ ހިފުމުން އެއްކިބާވުން ހުއްޓެވެ. އަދި ޠާހިރުވުމުން ރޯދަހިފުމާއި ނަމާދުކުރުމުގައި ދެމިހުންނާނީ އެވެ. އަދި ރަމަޟާން މަސް ނިމުމުން އަންހެންމީހާއަށް ރަމަޟާން މަހުން ގެއްލުނު ރޯދަތައް ހިފާނީ އެވެ.“ مجموع فتاوى ورسائل ج 19 ص 269

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts