ފޮތިން ކަފާފައި ހަދާފައިހުންނަ ޖަނގިޔާ ”ޙައްޖު ޖަނގިޔާ“ ލުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޙައްޖު ޖަނގިޔާ އޭ ބުނެ ފިރިހެނުން އިޙްރާމްގައި ލުމަށް ތައްޔާރުކޮށްފައި ހުންނަ ފޭރާމާއި ބެހޭ ގޮތުން ބުނަމެވެ.
އެންމެ ފުރަތަމައީ : ނަބިއްޔާ ﷺ އަރިހުގައި ފިރިހެނުން އިޙްރާމުގައި ލުމަށް އޮތް ފޭރާމާއި ބެހޭ ގޮތުން ސުވާލު ކުރެވުނެވެ.
ابن عمر رضي الله عنه ގެ حديث ގައިވާފަދައިންނެވެ. (يا رسولَ اللهِ، ما يلبسُ المحرم من الثياب ؟ قال رسولُ اللهِ ﷺ لا يلبسُ القُمُص، ولا العمائمَ، ولا السراويلاتِ، ولا البرانِسَ، ولا الخِفافَ، إلا أحدٌ لا يجدٌ نعلين فليلبسْ خفين، وليقطعْهما أسفلَ من الكعبين، ولا تلبسوا من الثيابِ شيئًا مسه الزعفرانُ، أو ورْسٌ) ”މީހަކު ސުވާލުކޮށް ދެންނެވިއެވެ. الله ގެ ރަސޫލާއެވެ. إحرام ގައި ހުންނަމީހާ ބޭނުންކުރަންޖެހެނީ ކޮން ފޭރާމެއްތޯއެވެ؟ ރަސޫލާ ﷺ حديث ކުރެއްވި އެވެ. ޤަމީސް، ފަގުޑި، ހަރުވާޅު، ބަރާނިސް (ބޯނިވާ ކުރެވޭ ގޮތަށް -ހޫޑް- ލާފައިހުންނަ ހެދުން) އަދި ޚުއްފު ލައިގެން ނުވާނެ އެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ފައިވާނެއް ނުލިބިއްޖެ ހިނދުގައި ޚުއްފު ބޭނުން ކުރާށެވެ. އަދި ތަނބިކައްޓަށްވުރެ ތިރިއަށް ހުންނަ ގޮތަށް އޭގެ މަތީބައި ބުރިކުރާށެވެ. އަދި އެފޭރާމެއްގައި ކުކުން އަދި ورس (މީރުވަސްދުވާ އެެއްޗެއް) އެކުލެވިގެންވާ އެއްވެސް އެއްޗެއް ލައިގެން ނުވާނެ އެވެ.“ މިޙަދީޘް البخاري (1542) އަދި مسلم (2791) ރިވާކުރެއްވި އެވެ.
ޙަދީޘްގައި އިޙްރާމުގައި ހުންނަ ފިރިހެނާ އިޙްރާމުގެ ޙާލަތުގައި ލައިގެން ނުވާނެ ފޭރާން ގޮތުގައި މުޅިންވެސް ޛިކުރު ކޮށްފައިވަނީ، ހަށިގަނޑުގެ ގުނަވަންތަކާ އެއްގޮތަށް ބައްޓަން ކޮށްފައި ނުވަތަ ހަށިގަނޑުގެ ގުނަވަނުގެ ސިފައިގައި ސިފަކޮށްފައިވާ ތަކެއްޗެވެ.
އެ ގޮތުން القُمُص ގަމީސް އަކީ ހަށިގަނޑުގެ ބައްޓަމަށް ބައްޓަންކޮށްފައިވާ އެއްޗެކެވެ.
العمائمَ ފަގުޑިއަކީ ހަށިގަނޑުގެ ގުނަވަނެއްގެ ސިފައަށް ބައްޓަންކޮށް ބޭނުންކުރާ ފޭރާމެކެވެ.
السراويلاتِ ހަރުވާޅަކީވެސް ހަށިގަނޑުގެ ގުނަވަކަށް ބައްޓަންކޮށް ސިފަކޮށްފައިވާ ފޭރާމެކެވެ.
البرانِسَ ބޯ ނިވާ ކުރާ ގޮތަށް -ހޫޑް- ލާފައިވާ ހެދުމަކީވެސް އެފަދަ ހަށިގަނޑުގެ ބައްޓަމަށް ބައްޓަން ކޮށްފައިވާ ލިބާސް އެކެވެ.
އެންމެ ފުރިހަމަ އިޙްރާމްގައި ވުމަށް ނަބިއްޔާ އިރުޝާދު ދެއްވާފައިވީ ހިނދުވެސް، ފިރިހެނުން މަތިން ފޮށައެއް އަދި ތިރިން ފޮށައެއް ބޭނުން ކުރުމަށް ހަދީޘްފުޅު ކުރެއްވި އެވެ. އެއަށްވުރެ ފުރިހަމައަށް އިޙްރާމް ލެވެން އޮތްނަމަ އެފަދައިންވެސް ޙަދީޘްފުޅު ކުރެއްވީ ހެވެ.
ނަބިއްޔާ ﷺ ގެ حَدِيْث ފުޅުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. (وليُحرم أحدكم في إزار ورداء ونعلين) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު (إِحْرَامْ ބަންނަ ހިނދު) إِزَارُ އާއި رِدَاء އަދި ފައިވާނުގައި إِحْرَامْ ބަނުން ހުއްޓެވެ.“ މި حَدِيْث عبدالله بن عمر رضي الله عنه އަރިއަހުން الإمام أحمد (4899) ރިވާކުރެއްވި އެވެ.
އިސްވެ ޙަދީޘްގައި އިޙްރާމުގައި ހުންނަ މީހާ ލައިގެން ނުވާނެކަމުގައި ޙަދީޘް ކުރެއްވި އެންމެހައި ފޭރާމެއްވެސް ފިރިހެނުންނަށް ބޭނުންކުރުން މަނާވެގެންވާ ސަބަބު ކަމުގައިވަނީ ހަށިގަނޑުގެ ގުނަވަނަކަށް ނުވަތަ ހަށިގަނޑަށް ބައްޓަންކޮށް ހަދާފައިވާ ފޭރާންތަކެއް ކަމުގައިވުމެވެ.
ފަހެ، މި ސަބަބު އެނގި މަޢުރިފާވެއްޖެހިނދު އެއީ ވަރަށްބޮޑު މަޢުލޫމާތު އެމީހަކަށް އެނގިގެން ދިއުމެކެވެ.
ދެވަނައީ : ނަބިއްޔާ ﷺ ގެ ޒަމާނަށް ބަލައިފިނަމަ، މި ޒަމާނުގައި ބޭނުން ކުރާ ފަހާ މެށިނާއި، މި އާލަތްތައް ނުހުންނާނެ އެވެ. އަދި ކިޔެއް ގިނައިން ހުންނާނީ އަތުން ވިޔެ ނުވަތަ އަތްތެރި މަސައްކަތުން ތައްޔާރުކޮށްފައިވާ ފޭރާންތަކެވެ.
ވުމުން، ގަމީސްވެސް އަދި ހަރުވާޅުވެސް ތައްޔާރު ކޮށްފައިވާނީ އަތްތެރި މަސައްކަތުގެ ތެރެއިންނެވެ.
މިތަނުގައި އެނގިގަންނަންޖެހޭ ނުކުތާއެއްވެ އެވެ. އެއީ އަތުން ވިޔެ ތައްޔާރު ކުރިކަމުގައިވީނަމަވެސް، ގަމީސް ނުވަތަ ހަރުވާޅު ނުވަތަ ޖެކެޓެއް ނަމަވެސް، އެއަށް ދެވޭނީ ގަމީސްގެ ނަމެވެ. ނުވަތަ ހަރުވާޅުގެ ނަމެވެ. ނުވަތަ ޖެކެޓްގެ ނަމެވެ. އަތުން ވިޔެފައި އޮތުމާއި ފޮށްޓަކުން ފަހާފައި ވުމުގައި ފަރަޤެއް ނެތެވެ.
އެއީ ހަށިގަނޑުގެ ގުނަވަނަކަށް ބައްޓަންކޮށް، ހަށިގަނޑުގެ ސިފައަށް އެ ސިފަކޮށްފައި ވުމެވެ.
އަދިވެސް ބުނަމެވެ.
ޖެކެޓެއް އަތުން ވިޔެލާފައި ވުމަކީ އިޙްރާމުގައި އެ ލުމަށް ހުއްދަވާނެ ސަބަބެއް ނޫނެވެ. ނުވަތަ ހަރުވާޅެއް ވިޔެފައި ވުމަކީ އެ އިޙްރާމުގައި ލުމަށް ހުއްދަވާނެ ސަބަބެއް ނޫނެވެ.
އެހެނަސް އަތުން ވިޔެފައި އޮތަސް އެއީ ހަރުވާލެކެވެ. ނުވަތަ ޖެކެޓެކެވެ. އެ މަނާވެގެންވާ ސަބަބު އަދިވެސް އޭގައިވެ އެވެ. އެއީ ހަށިގަނޑުގެ ބައްޓަމަށް ބައްޓަން ކޮށްފައި ވުމެވެ. ނުވަތަ ހަށިގަނޑުގެ ގުނަވަނެއްގެ ސިފައަށް އެ ސިފަކޮށްފައި ވުމެވެ.
އެހިނދު އިޙްރާމުގައި އެއީ ބޭނުން ކުރުން ހުއްދަވެގެންވާ ފޭރާމެއް ނޫނެވެ.
މި ޒަމާނުގައި ބޭނުން ކުރާ ލަފްޟު ކަމުގައި ”ފަހާފައި ހުންނަ އެއްޗެއް ލައިގެން ނުވާނެ“ ބުނެފައި ވުމަކީ ނުފަހައި، ވިޔެލާފައި ހުންނަ ޖެކެޓް އިޙްރާމުގައި ލެވޭނެ ވާހަކައެއް ނޫނެވެ.
އަދި ނުފަހައި ވިޔެ ލާފައި ހުންނަ ހަރުވާޅު ލެވޭނެ ވާހަކަ އެއް ނޫނެވެ.
ބަހުގެ ގޮތުން ”ފަހާފައި ހުންނަ އެއްޗެއް ނުލެވޭނެ“ ބުންޏަސް އޭގެ ޙަޤީޤީ މާނައަކީ، ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް އެ އެއްޗެއް ބައްޓަންކޮށްފައިވާ ނުވަތަ ސިފަކޮށްފައިވާ އެއްޗެއް ނުލެވޭނެ އެވެ.
އެއީ، ވިޔެފައި ނުވަތަ ގަތާފައި ހުރި ކަމުގައިވީނަމަވެސް، ގުނަވަނާއި ހަށިގަނޑަށް ބައްޓަން ކޮށްފައިވާނަމަ އެއީ ހުއްދަ ފޭރާމެއް ނޫނެވެ.
މިއީ ޙަދީޘްގެ މުރާދު ކަމާއި އޭގެ ސަބަބު ކަމުގައިވަނީ މިއީ ކަން ބަޔާން ކުރައްވާ، މިއަދު ދުނިޔެ މަތީގައި ތިއްބެވި ސުންނަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަދީނާގެ ޢިލްމުވެރިޔާ العلامة عَبد المحسن العباد -حفظه الله- ވިދާޅުވެފައިވެ އެވެ. ”ފަހާފައި ހުންނަ އެއްޗެއް ބޭނުންކުރުން މަނާކުރެވިފައި ވުމުގެ މާނައަކީ، ހަށިގަނޑުގެ ގުނަވަނަކާ އެއްގޮތަށް ބައްޓަން ކުރެވިފައިވާ އެއްޗެއްގެ ގޮތުގައިވާ ފޭރާމެއް ފަދަ ޤަމީސް، ހަރުވާޅު ފަދަ އެއްޗެއް ބޭނުންކުރުމެވެ.“
މި ބަސްތައް ފަހުމްވެއްޖެ މީހާއަށް ދެވަނަ ނުކުތާ ސާފުވެ އެގިގެން ދާނެ އެވެ.
ދެވަނައީ :
ހައްޖު ޖަނގިޔާއަކީ، ފަހާފޮއްޓަކުން ނުފެހި ކަމުގައިވިޔަސް، ހަށިގަނޑުގެ ގުނަވަނަށް ސިފަގެނެސްފައިވާ ފޭރާމެކެވެ. އެގުތުން އުނަގަނޑާއި، އުކުޅުވަޅާއި، ފަލަމަސްގަނޑަށް އަރުވާލެވޭ ގޮތަށް އެންމެހައި ދިމާލަކުން އެވަނީ ސިފަކޮށްފަ އެވެ. އެއަށް ފަހާފޮއްޓަކުން ރޮދި އަރުވާފައި ނުވާކަމެވެ.
އިސްވެ ބަޔާންވެދިޔަ ފަދައިން މި ފޭރާމުގައި އިޙްރާމުގައި ހުންނަ މީހާއަށް ހުއްދަ ނުވާނެ އެންމެހައި ސަބަބެއް އެބަ އޮތެވެ. އުނަގަނޑަށް ސިފަކޮށްފައި ވުމެވެ. ފަލަމަސްގަނޑަށް ސިފަކޮށްފައި ވުމެވެ. ހަށިގަނޑުގެ ގުނަވަނަކަށް އަރުވައި އެ ގުވަނަށް ޚާއްޞަކޮށް ސިފަގެނެސްފައި ވުންފަދަ އެންމެހައި ކަންތަކެއް އޭގައިވެ އެވެ.
ވުމާއެކު، އަދި އިތުރަށް ވިސްނާލުން ހުއްޓެވެ. ކަތުރުން ކަފާފައި އެ ފަހާ ފޮއްޓަކުން ނުފަހައި އައްސައިގެން ބޭނުން ކުރުން ހުއްދަ ކަމުގައިވާނަމަ، ގަމީހެއް ނުވަތަ ހަރުވާޅެއް ކަތުރުން ކަފައި ހަށިގަނޑުގައި އިޙްރާމުގެ ޙާލަތުގައި އައްސައިގެން ބޭނުންކުރުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބުގައި އެންމެން ބުނާނެވެ. ހުއްދައެއް ނުވާނެ އެވެ. އެހެންވެއްޖެނަމަ، މި ޖަގިޔާ ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟
ތިންވަނައީ : މިފަދަ ޖަގިޔާ ބޭނުން ކުރާ މީހުންގެ ކައިރީގައި އެއީ ހުއްދަ ފޭރާމެއް ނޫން ކަމުގައި ބުނުމުން އެކަމާ ދެކޮޅުހަދައި އެ ހުއްދަ ކުރުމަށް ގެންނަ އެންމެ ބޮޑު އެއް ވާހަކައަކީ ”އޮރިޔާން ފެނިދާނެ“ ”ގުނަވަން ކަޝްފު ވެދާނެ“ މިބަސްތަކެވެ.
މިބަސްތަކުގެ ޙަޤީޤަތް ބަލަމާށެވެ. މި ދުނިޔެ މަތީގައި އެންމެ ބޮޑަށް ޢަވްރަ ނިވާކުރުމާއި ޢަވްރަ ކަޝްފު ނުކުރުމަށް އަދި ކަޝްފު ވެދާނެ ކަމަށް އެންމެ ބޮޑަށް ބިރުވެތި ވަޑައިގެންނެވި ފަރާތަކީ މާތް ނަބިއްޔާ ﷺ އެވެ.
އެ ނަބިއްޔާއަށްވުރެ އެކަމަށް މި އުއްމަތުގައި ރައްކާތެރި ވަޑައިގެންނެވި ބޭކަލެއް އަދި އިންސާނަކު ނުވާނެ އެވެ. އެކަމަށް އެއަށްވުރެ ބޮޑަށް ސަމާލުކަން ދެއްވި ބޭކަލެއްވެސް ނުވާނެ އެވެ.
ﷲ ބަސްވަޙީ ކުރެއްވި އެވެ. (وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ) “ އަދި އެބައިމީހުންނީ އެބައިމީހުންގެ ފަރުޖުތަކަށް ރައްކާތެރިވާމީހުންނެވެ.“ المؤمنون (5)
މިފަދަ އާޔަތްތަކުން އެންމެ ފުރިހަމަ ނަމޫނާ އުއްމަތަށް ދައްކަވާނެ ފަރާތަކީ ނަބިއްޔާ ﷺ ކަމުގައިވެ އެވެ.
ޢަޥްރަ ނިވާކުރުމަށް ބާވައިލެއްވުނު އާޔަތްތައް ބާވައިލެއްވުނީ އެ ނަބިއްޔާ ﷺގެ މައްޗަށެވެ. އެ ޢަމުރުފުޅުތަކުގައި ޤާއިމްވެ ހައްޤު ގޮތުގައި ދެމިހުންނެވީ އެ ނަބިއްޔާ ﷺ އެވެ. އެހެނަސް އެފަދަ އެއްޗެއް ބޭނުން ނުކުރައްވަ އެވެ.
އަދި ކިޔެއްތަ! އެފަދަ އެއްޗެއް ބޭނުން ކުރެއްވުމުގެ މައްޗަށް އިންޒާރު ދެއްވައި އެއީ އިޙްރާމުގައިވާ މީހާއަށް ޙަރާމްވެގެންވާ އެއްޗެއްކަން އެންގެވި އެވެ.
ވުމުން، އެއީ ޢަވްރަ ރައްކާތެރި ކުރުމަށްބުނެ ބޭނުން ކުރާނަމަ، އެއަށްވުރެ ބޮޑަށް ޢަވްރަ ރައްކާތެރި ކުރެއްވުމުގައިވި ނަބިއްޔާ ﷺ އަދި އަޞްޙާބު ބޭކަލުން އެކަމުން ދުރުވެ ވަޑައިގެންނެވި އެވެ.
އެމީހެއްގެ އަޞްލު ޤަސްދަކީ އެއީ ކަމުގައިވާނަމަ، އެއް ފޮށާގެ މަތިން އެހެން ފޮށައެއް ބޭނުން ކުރުންވެސް ފުދެ އެވެ. އެ ފޮށާ ނުވަތަ ތިންފޮށާވެސް މަތިމައްޗަށް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ އެތެރެއިން ކުރުފޮށައެއް އުނގަނަޑުގައި އައްސައި އޭގެ ބޭރުން އިޙްރާމުގެ ބޮޑު ފޮށާވެސް ބޭނުން ކުރެވިދާނެ އެވެ.
މިއީ ހައްތަހާވެސް އެކަމަށް އޮތް ހައްލުތަކެވެ.
ހަތަރުވަނައީ :
މި ޒަމާނުގައި ފަހާފައި ނުވާ ބައެއް ތަކެއްޗަށް ބަލާއިރު، ނެފީ އަކީ އެއްވެސް ގޮތަކަށް ފަހާފައި ހުންނަ އެއްޗެއް ނޫނެވެ. އެހެނަސް އެއީ ޖަނގިލެއްގެ ގޮތަށް، ހަށިގަނޑުގެ ބައްޓަމަށް ސިފަ ކޮށްފައިވާ އެއްޗެކެވެ.
ނޫންހެއްޔެވެ؟
ޙައްޖު ޖަނގިޔާއަކާ ނެޕީއަކާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟
މި ނެޕީ މީހަކު ޖަހައިފިއްޔާ އެމީހަކު އިޙްރާމުގައި ހުރެ ޙަރާމްވެގެންވާ ޢަމަލެއް ކޮށްފި މީހެއްގެ ޙުކުމަށް ދާނެ އެވެ.
އަދި އެމީހެއްގެ ބަލި ޙާލަތު ހުރި ގޮތުން މިފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވާނެ އެވެ. ފަހެ، އެހިނދު ފާފަވެރިއެއް ނުވާނެ އެވެ. އެހެނަސް ފިދުޔަ ދޭން ޖެހޭނެ އެވެ. ފިދުޔަ ނެރެން ޖެހޭ ސަބަބަކީ އެމީހަކު އިޙްރާމުގެ ޙާލަތުގައި ހުރެ، ހަށިގަނޑުގައި ބޭނުން ކުރުން ހުއްދަވެގެން ނުވާ ފޭރާމެއް ބޭނުން ކުރުމެވެ.
މިޘާލަކަށް އަބަދު ކުޑަކަމު ދެވޭ މީހާ، އޭނާގެ ބަލި ޙާލަތާއި ގުޅިގެން ބޭނުން ކުރުން ހުއްދަވާނެ އެވެ. އަދި އޭނާ އެ ބޭނުން ކޮށް އެއަށް ފިދުޔަ ދޭނީ އެވެ.
މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ ޑރ. عَبد الله الظفيري حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އަހަރުމެންގެ ޝެއިޚް އެވެ. ﷲ تعلى ޝެއިޚްއަށް ބަރަކާތް ލައްވާށެ އެވެ. އަންހެނަކު އޭނާގެ ދަރިފުޅު އިޙްރާމް ލެއްވުމަށް ބޭނުންވެ އެވެ. އިޙްރާމުގައި ހުންނަހިނދު (ދިމާވެފައިވާ ޙާލަތުގެ ސަބަބުން) ނެޕީ ޖައްސާފައި ބެހެއްޓުމުން ޢަމަލު ކުރަންޖެހޭނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު : ”އެކަމުގައި މައްސަލައެއް ނެތެވެ. وَالله أعلم އެވެ. އެހެނަސް އޭގެ ސަބަބުން އެފަދަ އެއްޗެއް ބޭނުންކުރި މީހާގެ މައްޗަށް އިޙްރާމުގައި ހުންނަހިނދު ހަށިގަނޑުގެ ގުނަވަނާ އެއްގޮތް އެއްޗެއް ލުމުގެ ސަބަބުން ފިދުޔަދިނުން އޮންނާނެ އެވެ. އެއީ މި ތިން ގޮތުގެ ތެރެއިން އެއްގޮތް އިޚްތިޔާރު ކުރުމެވެ. 3 ދުވަހު ރޯދައަށް ހުރުން ނުވަތަ 6 މިސްކީނުންނަށް ކާންދިނުން ނުވަތަ ކަންބަޅިއެއް ކަތިލުމެވެ.“
ބަލި ޙާލަތާއި ގުޅިގެން މިފަދަ އެއްޗެއް ބޭނުން ކޮށްފި މީހާގެ މައްޗަށް އޮތީ މިފަދައިންނެވެ.
އެހެނަސް ބަލި ޙާލަތެއް ނެތި، އެފަދަ އެއްޗެއް ބޭނުން ކުރުންވެސް ހުއްދައެއް ނުވާނެ އެވެ. އަދި ބޭނުން ކޮށްފި މީހާ ފާފަވެރިވާނެ އެވެ.
ވުމުން މައްސަލަ އޮޅުންފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.