މައްކާގައި އެއްލައްކަ ލިބޭނީ ޙަރަމްފުޅުގައި ކުރާ ނަމާދު ތޯ ނުވަތަ މުޅި މައްކާގައި ތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
المسجد الحرام ގައި ކުރެވޭ ނަމާދުގެ އަޖުރާއި ޘަވާބު އެހެން ތަންތަނުގައި ކުރެވޭ ނަމާދަށްވުރެ މާތް މަތިވެރިވެގެންވާކަން ޞައްޙަ ޙަދީޘްއިން ބަޔާންވެގެންވެ އެވެ.

އޭގެ ތެރޭގައި ابن ماجه ސުނަނުގައި 1163 ޞަޙާބީ جابر بن عبدالله އަރިހުން ރިވާކޮށްފައިވާ ހަދީޘްވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (صلاةٌ في مسجِدي أفضلُ من ألفِ صلاةٍ فيما سواهُ إلَّا المسجدَ الحرامَ وصلاةٌ في المسجدِ الحرامِ أفضلُ من مائةِ ألفِ صلاةٍ فيما سواهُ) ”ތިމަން ނަބިއްޔާގެ މި މިސްކިތުގައި (އެބަހީ : މަދީނާގައިވާ މަސްޖިދުއް ނަބަވީ) ކުރާ ނަމާދު އެހެން ތަނެއްގައި ކުރާ ނަމާދަށްވުރެ އެއްހާސް ގުނަ އިތުރުވެގެންވެ އެވެ. މަސްޖިދުލް ހަރާމް ފިޔަވަ އެވެ. އަދި މަސްޖިދުލް ޙަރާމްގައި ކުރެވޭ ނަމާދު އެހެންތަނެއްގައި ކުރެވޭ ނަމާދަށްވުރެ ސަތޭކަ ހާސް (އެއްލައްކަ) ނަމާދަށްވުރެ މޮޅުއިތުރުވެގެންވެ އެވެ.“

ޙަދީޘްއިން ލިބޭ ފައިދާ ތަކުގެ ތެރޭގައި :

މަދީނާގައިވާ މާތް ނަބިއްޔާ ﷺގެ މިސްކިތުގައި ކުރާ ކޮންމެ ނަމާދަކީ އެއްހާސް ނަމާދެވެ.

މަސްޖިދުލް ޙަރާމްގައި ކުރާ ކޮންމެ ނަމާދަކީ އެއްލައްކަ ނަމާދެވެ.

ދެންފަހެ، ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ”މަސްޖިދުލް ޙަރާމް“ އެއީ މުޅި މައްކާގެ ޙަރަމް ސަރަޙައްދު އެކުއެކީގައިތޯ ނުވަތަ އެއީ ކައުބާ ވަށައި ބިނާ ކުރެވިފައިވާ މިސްކިތްތޯ އެވެ؟

މި މައްސަލައިގައި ޛިކުރު ކުރެވޭ މަޝްހޫރު ދެ ޤައުލެއްވެ އެވެ. :

ފުރަތަމަ ޤައުލަކީ :

މައްކާގައި އެއްލައްކަ ނަމާދުގެ ފަޟްލު ލިބޭނީ ކަޢުބާގެ މިސްކިތަށެވެ. (އެބަހީ : ކަޢުބާ ވަށައި ބިނާ ކޮށްފައިވާ މިސްކިތަށެވެ.) މިއީ الحنابلةِ އިންގެ ޤައުލެވެ. ފަހުގެ ޢިލްމުވެރިންގެ ތެރެއިން އިމާމް ابنُ عُثَيمين -رحمه الله- މިފަދައިން ވިދާޅުވެ އެވެ.
ސަބަބަކީ، ބައެއް ރިވާޔަތްތަކުގައި އެފަދައިން، ކަޢުބާގެ މިސްކިތް ގޮތުގައި ޛިކުރުވެފައި ވުމެވެ.
ޞަޙާބީ ابن عباس -رضي الله عنهما- ގެ އަރިހުން އިމާމް مسلم ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވެފައިވެ އެވެ. رَسُولَ اللهِ -صَلَّى اللَّهُ عليه وَسَلَّمَ- ޙަދީޘް ކުރައްވަނިކޮށް އަޑު އެހީމެވެ. ( صَلَاةٌ فيه أَفْضَلُ مِن أَلْفِ صَلَاةٍ فِيما سِوَاهُ مِنَ المَسَاجِدِ، إِلَّا مَسْجِدَ الكَعْبَةِ) ”ތިމަން ނަބިއްޔާގެ މިސްކިތުގައި ކުރާ ނަމާދު އެހެން މިސްކިތެއްގައި ކުރާ ނަމާދަށްވުރެ އެއްހާސް ނަމާދުގެ (އަޖުރުން) އިތުރުވެގެންވެ އެވެ. ކައުބާގެ މިސްކިތް ފިޔަވަ އެވެ.“

އަދިވެސް އެބޭކަލުން ނަންގަވާ ރިވާޔަތްތަކުގައި، އިމާމް البخاري އަދި އިމާމް مسلم ޞަޙާބީ أبوهريرة -رضي الله عنه- ގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތް ވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لَا تُشَدُّ الرِّحَالُ إِلَّا إلى ثَلَاثَةِ مَسَاجِدَ: مَسْجِدِي هذا، وَمَسْجِدِ الحَرَامِ، وَمَسْجِدِ الأقْصَى) ”(ﷲ އަށް ކުއްތަންވުމަށްޓަކައި) ތިން މިސްކިތަކަށް މެނުވީ ދަތުރުކޮށް ދިއުމެއް ނުވެ އެވެ. ތިމަން ނަބިއްޔާގެ މިސްކިތަށެވެ. މަސްޖިދުލް-ޙަރާމް އެވެ. އަދި މަސްޖިދް އަލް-އަޤްޞާ އެވެ.“
ފަހެ، ޙަދީޘްއިން ބަޔާންވަނީ މަސްޖިދުލް-ޙަރާމް ކަމުގައި ވުމުން އޭގެ މާނައަކީ މައްކާއެއް ނޫން ކަމެވެ. އެހެނަސް އެއީ ކަޢުބާގެ މިސްކިތެވެ.
މިނޫން އެހެނިހެން ރިވާޔަތްތައްވެސް މިބަސްފުޅު އިޚްތިޔާރު ކުރެއްވި ޢިލްމުވެރިން ނަންގަވަ އެވެ.

ދެވަނަ ޤައުލަކީ :

ޙަދީޘްގައި ޛިކުރު ވެގެންވާ މަސްޖިދުލް ޙަރާމްގެ މުރާދަކީ، އެބަހީ އެއީ މައްކާގެ ޙަރަމް ސަރައްދު އެކު އެކީގައި ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެ އެވެ. الحنفية އާއި المالكية އަދި الشافعية ގެ ޤައުލަކީ އެއީ އެވެ. އިމާމް ابنُ تيميَّةَ އަދި ابن القيم -رحمهم الله- މި މައްސަލައިގައި އިޚްތިޔާރު ކޮށްފައިވަނީވެސް އެފަދައިންނެވެ.

އަދި މިއީ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ اللجنة الدائمة އިންވެސް ފަތުވާ ދެއްވާފައިވާ ގޮތެވެ. އަދި މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް الشيخ ابن باز -رحمه الله- ވިދާޅުވެފައިވެސް ވެ އެވެ.

މިފަދައިން އެބޭކަލުން ވިދާޅުވެފައިވަނީ ވަރަށް ގިނަ ޝަރުޢީ ދަލީލުތަކުން އެފަދައިން ބަޔާންވުމާއި އަދި އެހެނިގެން ގޮތްތަކުންވެސް އެފަދައިން ބަޔާންވެގެން ވުމުންނެވެ.

އެފަދަ ދަލީލުތަކުގެ ތެރޭގައި :

ﷲ ވަޙީ ކުރެއްވި އެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَٰذَا) ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މުޝްރިކުންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މިއަހަރަށްފަހު، މަސްޖިދުލް ޙަރާމްއާ އެބައިމީހުން، ކައިރިވިޔަ ނުދޭހުށިކަމެވެ!“

ފަހެ، އާޔަތް ބާވައިލެއްވުނުހިނދު ކަޢުބާ ވަށައި ބިނާވެފައިވާ މިސްކިތެއް ނެތެވެ. އަދި އާޔަތުގައި ބަޔާންވެގެންވަނީ الْمَسْجِدَ الْحَرَامَ އަށް މުޝްރިކުން ނުވެއްދުމަށެވެ. ވުމުން އެއީ ކާއުބާއަށް ނުވެއްދުން ކަމުގައި ބުނެވޭކަށެއް ނެތެވެ. އެހެނަސް އެއީ މައްކާއަށް އެ ކާފަރުން ނުވެއްދުމެވެ.

ފަހެ، އާޔަތުގައި ބަޔާންވަނި މުޅި މައްކާއަކީ އެއީ الْمَسْجِدَ الْحَرَامَ ކަމުގަ އެވެ. ވުމުން، الْمَسْجِدَ الْحَرَامَ ގައި ކުރެވޭ ނަމާދަކީ އެއްލައްކަ ނަމާދު ކަމުގައި އޮތުމުން އެއީ މުޅި މައްކާގެ ހަރަމްވެގެންވާ ހިސާބު ކަމުގައިވެ އެވެ.

މުޅި މައްކާއަކީ އެއީ الْمَسْجِدَ الْحَرَامَ ކަމުގައި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައްވެސް ވާރިދުވެގެންވެ އެވެ.

އޭގެ ތެރޭގައި عطاء بن أبي رباح ވިދާޅުވެފައިވެ އެވެ. ތިމަންމެންނަށް ابن الزبير ޚުތުބާއެއް ދެއްވަވާ ވިދާޅުވި އެވެ. ”ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”އެހެން އެންމެހައި މިސްކިތްތައް ފިޔަވައި ނަބިއްޔާގެ މިސްކިތުގައި ކުރެވޭ ނަމާދަކީ އެއްހާސް ނަމާދެވެ. މަސްޖިދުލް ހަރަމް ފިޔަވަ އެވެ. މަސްޖިދުލް ޙަރަމްގައި ކުރެވޭ ނަމާދަކި އެއްލައްކަ ނަމާދެވެ.“
عطاء بن أبي رباح ވިދާޅުވެފައިވެ އެވެ. މަސްޖިދުލް ހަރަމް އެކަނިތޯ އެވެ. ނުވަތަ މައްކާގެ މުޅި ޙަރަމް އެކުގައިތޯ އެވެ؟ އެހިނދު ދެންނެވި އެވެ. ”ކިޔެއްތަ! މުޅި ޙަރަމުގަ އެވެ. ފަހެ، ޙަރަމް އެކުއެކީގައި އެއީ މިސްކިތެވެ.“
ޞަޙާބީ ابنِ عَبَّاسٍ ވިދާޅުވެފައިވެ އެވެ. “ الحَرَمُ އެކުއެކީގައި އެއީ މަސްޖިދުލް ޙަރާމް އެވެ.“

އަދިވެސް މި ޤައުލަށް ބާރުދެވެނީ، ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ އިސްރާ ކުރެއްވުނު ޙާދިޘާ ބަޔާންކުރައްވާ ވަޙީ ކުރެއްވި އެވެ. (سُبْحَانَ الذي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ ) ”ރޭގަނޑުން ބައެއްގައި އެކަލާނގެ އަޅާ الْمَسْجِدِ الْحَرَامِ އިން އިސްރާ ކުރެއްވި އިލާހު ހުސްތާހިރުވަންތަ ކަމާ އެވެ..“

މި އާޔަތުގައިވެސް އެކަލާނގެ ވަނީ الْمَسْجِدِ الْحَرَامِ ގެ ނަމުން ނަންދެއްވާފަ އެވެ. އެހެނީ ނަބިއްޔާ ﷺ މައްކާއިން އުފުއްލެވުނީ أُم هانئ (ބޮޑުދައިތާފުޅު) ގެ ގެކޮޅުންނެވެ. އެއާއެކުވެސް، ވަނީ الْمَسْجِدِ الْحَرَامِން އުފުއްލެވުނު ކަމުގައި ވަހީ ކުރައްވާފަ އެވެ. (ނަބިއްޔާ ﷺ މައްކާއިން އިސްރާކުރެއްވުނު ހިނދު އުފުއްލެވުނު ތަނާއި މެދުގައި ޚިލާފް އުފެދިފައިވެ އެވެ. އެހެނަސް والله أعلم ޞައްޙަ ބުނުމަކީ އުފުލެވުނީ މިސްކިތުންނެއް ނޫން ކަމެވެ.)

މި ޤައުލަށް ބާރު ދެއްވާ ابن القيم -رحمه الله- ޛިކުރު ކުރައްވާފައިވެ އެވެ. އެއީ، ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ- ޞުލްޙުލް-ޙުދައިބިއްޔާގެ ދުވަސްތަކުގައި ނަމާދު ވަޤުތު ވަނުމުން، ނަމާދު ކުރެއްވުމަށް މައްކާގެ ޙަރަމްތެރެއަށް ވަދެވަޑައިގަންނަވަ އެވެ. އަދި އެއަށްފަހު ނިކުމެވަޑައިގެން ޙުދައިބިއްޔާގައި ހުންނަވަ އެވެ.
މި ޙާދިޘާއަށް އިޝާރަތް ކުރައްވައި ވިދާޅުވި އެވެ. ”މިއީ މައްކާގެ މުޅި ހަރަމްގައި (ނަމާދުގެ ޘަވާބު) އިތުރުވެގެންވާ ބަޔާންވެގެންވާ ދަލީލެކެވެ. އެއީ ޠަވާފް ކުރުމަށް ޚައްޞަކުރެވިގެންވާ މިސްކިތް (ކަޢުބާ ވަށައި ބިނާ ކުރެވިގެންވާ މިސްކިތައް) ޚާއްޞަ ކަމެއް ނޫންކަން އިނގެ އެވެ.“ زاد المعاد 3/303

ވުމުން މުޅި މައްކާގެ ޙަރަމް ސަރަޙައްދަކީ މަސްޖިދުލް ޙަރާމް އެވެ. އެހެން ވުމުން މަސްޖިދުލް ޙަރަމްގައި ކުރެވޭ ނަމާދަކީ އެއްލައްކަ ނަމާދު ކަމުގައި ޛިކުރުވެފައިވުމުން، މައްކާގެ ކޮންމެ ތަނެއްގައި ނަމާދު ކުރި ކަމުގައިވނަވެސް އެމީހަކަށް އެއްލައްކަ ލިބޭނެ އެވެ. والله أعلم

ނިންމާލުމުގެ ކުރީގައި ބުނަމެވެ.
މައްކާގެ ޙަރަމްގެ ތެރޭގައި ކުރާ ކޮންމެ ނަމާދަކީ އެއީ ސުންނަތް އަދި ފަރުޟު ނަމާދު ކަމުގައިވީނަމަވެސް އެހެނިހެން މިސްކިތްތަކާ ޚިލާފަށް މި ފަޟްލު ލިބިގެންވާކަމަށް ބުނެފައިވުން އެއީ އެންމެ ޞައްޙަ ޤައުލުކަމުގައި ބުރަވެ އެވެ.

ވުމުން، ޚާއްޞަކޮށް އަންހެނުން މައްކާގައި އަދި މަދީނާގައި ކަމުގައިވީނަމަވެސް ގޭގައި ނަމާދު ކުރުން މޮޅު އިތުރުވެގެންވެ އެވެ. ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ- ޙަދީޘް ކުރައްވާފައިވެ އެވެ. (خَيرُ مساجِدِ النِّساءِ قَعرُ بُيُوتِهنَّ) ”އަންހެނުންނަށް އެންމެ ހެޔޮވެގެންވާ މިސްކިތަކީ އެ ކަނބަލުންގެ ގޭގެ އެންމެ އެތެރޭގައި ހުންނަ ތަނެވެ.“ صحيح الجامع 3327

މިއަދު ޢާންމުވެ ފެންނަ މަންޒަރު ކަމުގައިވާ، ފިރިހެނުންނާ އެއްފަދައިން މިސްކިތުގެ ތެރޭގައި ބާރު ބޮޑުވެ، ފިރިހެނުންނާއި ވަކިވެ ތިބުމުގެ ބަދަލުގައި ފިރިހެނުންގެ ތެރޭގައި ސަފުތައް ހަދައި، މިއީ މައްކާގައި ވުމުން، ހެޔޮ ގޮތް ކަމުގައި ބުނުމަކީ ޝައްކެތްވެސް ނެތް ގޮތުގައި ޝަރީޢަތުގައި ބަޔާންވެގެންވާ އަދި ކަނޑައެޅިފައިވާ ގޮތާއި ޚިލާފް ޢަމަލުތަކެވެ.
ފަހެ، އަންހެނުން ގޭގައި ނަމާދުކުރުމުން ލިބޭ ޘަވާބު އަދި އަޖުރު މޮޅު އިތުރުވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts