ސަޖިދާގައިއޮންނައިރު އިސްތަށި ނިތްކުރި މައްޗަށް ފައިބައިފައި ހުރުމުގެ ޙުކުމަކީކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އިމާމް البخاري 812 އަދި އިމާމް مسلم 490 ޞަޙާބީ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. رَسُولُ اللَّهِ ﷺ ޙަދީޘް ކުރެއްވި އެވެ. «أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الجَبْهَةِ – وَأَشَارَ بِيَدِهِ إِلَى أَنْفِهِ -، وَاليَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنِ».
”ހަތް ގުނަވަނެއްގެ މަތީގައި ސަޖިދަ ކުރައްވަން ތިމަން ނަބިއްޔާއަށް އަމުރުވެވިގެންވެ އެވެ. އެއީ ނިތްކުރި، (އަދި ނަބިއްޔާ އަތްޕުޅުން ނޭފަތްޕުޅަށް އިޝާރާތް ކުރެއްވިއެވެ.) އަދި ދެ އަތާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލިތަކެވެ.“
މި ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ހިމެނިގެންވާ ރުކުނެކެވެ. އަދި އެމީހެއްގެ ސަޖިދަ މި ހަތްގުނަވަނުގެ މައްޗަށް ނުކޮށް ޞައްޙަވެސް ނުވާނެ އެވެ.
އެއަށްފަހު، މި ގުނަވަންތަކަށް ތަފްޞީލުކޮށް ބަލާލަމެވެ.
މި ގުނަވަންތަކުގެ ތެރޭގައި އަބަދުވެސް އެކުއެކީގައި ނިވާ ކުރެވިގެންވާ ގުނަވަންތަކެއްވެ އެވެ. އެއީ، ކަކުލެވެ.
އަބަދުވެސް ހާމަކުރެވިގެންވާ ގުނަވަންތަކެވެ. އެގޮތުން އަތްތިލަ އަދި މޫނަކީ ފިރިހެނުން އަބަދުވެސް ހާމަކޮށްފައިވާ ގުނަވަނެކެވެ. އަދި މި ގުނަވަންތައް ސަޖިދަ ކުރުމުގައި އެއްވެސް ހުރަހެއްނެތި ސަޖިދަކުރާ ތަނުގައި ބީހެވެ.
ދެފައިގެ އިނގިލިތަކަށް ބަލާއިރު، ބައެއްފަހަރުގައި ނިވާކުރެވިފައިވުން އެކަށީގެންވެ އެވެ. އެގޮތުން ޚުއްފުގައިހުރެ ނަމާދު ކުރާ މީހާ (އިސްޓާކީންގައި) ނަމާދު ކުރާ މީހާގެ ފައިގެ އިނގިލިތައް ސަޖިދަކުރާ ތަނުގައި ބީހޭހުށީ ހުރަހަކާ އެކުގަ އެވެ. އަދި ހުސްފަޔާ ނަމާދު ކުރާމީހާގެ ފައިގެ އިނގިލިތައް ސަޖިދަކުރާ ތަނުގައި ބީހެވެ.
ވުމުން، އަޞްލަކީ ނިތްކުރި އަދި ނޭފަތް އެއްވެސް ހުރަހެއްނެތި ސަޖިދަކުރާ ތަނުގައި ބީހުމެވެ.
ބުނަމެވެ. ނަމާދަށް ހުންނަ މީހާ، އޭނާ ނަމާދުގައި އެންމެ ހެޔޮ ރިވެތި ވެގެންވަނީ އަދި އަޥްލާވެގެންވަނީ ބޮލުގެ އިސްތަށިގަނޑު ނިވާކޮށްފައި ބެހެއްޓުމެވެ. ތާކިހާ ނުވަތަ އެފަދައިން ބޯ ނިވާކުރާ އެއްޗެއް ބޭނުންކޮށް ބޯނިވާކޮށްފައި ބެހެއްޓުމެވެ.
ފަހެ، މި ޢަމަލަކީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުންގެ އަރިހުންވެސް ވާރިދުވެގެންވާ ޢަމަލެކެވެ.
ޞަޙާބީ جَابِر -رضي الله عنه- ވިދާޅުވެފައިވެ އެވެ. (أنَّ رَسولَ اللهِ ﷺ خَطَبَ النَّاسَ وَعليه عِمَامَةٌ سَوْدَاءُ)
”ކަޅުކުލައިގެ ފަގުޑިއެއް ތުރުކުރައްވައިގެން ހުންނަވައި ހަމަކަށަވަރުން رَسولَ اللهِ ﷺ ޚުޠުބާ ދެއްވި އެވެ.“ مسلم 1359
ابن عُمر -رضي الله عنهما- އަށް نَافع އިސްތަށިފުޅު ނިވާ ނުކުރައްވާ ނަމާދުކުރަން ހުންނެވިތަން ފެނިވަޑައިގެންނެވި އެވެ. ފަހެ، އެހިނދު ވިދާޅުވި އެވެ. ”ތިބާގެ ބޯ ނިވާކުރުން ހުއްޓެވެ. ތިބާގެ ބޯ ހާމައަށް ބަހައްޓައިގެން މީސްތަކުންގެ ތެރެއަށް ނުކުންނާނަން ހެއްޔެވެ؟“
نافع ވިދާޅުވި އެވެ. ނޫނެކެވެ. ابن عُمر ވިދާޅުވި އެވެ. ”ތިބާﷲއަށް ޒީނަތްތެރިވުން މާ ޙައްޤުކަން ބޮޑުވެގެންވެ އެވެ. “
ހިތާމައަކީ އަދި ނުހަނު ދެރަވާ ކަމަކީ، މިއަދު ޢިލްމަށް އަދި ދީންވެރިކަމަށް ދަޢުވާ ކުރާ މީހުންނަށްވެސް މި ހެޔޮ ރިވެތި ޢަމަލުތަކުގައި ފަސްޖެހި ހެޔޮ ޢަމަލުގައި ކުރިއަރައި ނުދެވޭ ކަމެވެ. އެއްވެސް ބުރައެއް އަދި ތަކްލީފެއް އުފުލުމެއްނެތް ހިނދުގައިވެސް ވަނީ ފަރުވާ ކުޑަ ކުރުމުގަ އެވެ. މިއަށްވުރެ ބޮޑަށް ދެރަވާ ކަމަކީ، ބޯ ނިވާކޮށް ނަމާދަށް ހެޔޮ ރިވެތި ފޭރާމުގައި ނުކުންނަ ފަރާތްތަކަށް ބަދުބަސްތައް ރައްދުކުރާ ބައެއްގެ ގޮތުގައި މި މީސްތަކުންވާ ކަމެކެވެ. والله المستعان
شَيخ الإسلام ابن تَيمية – رحمه الله ވިދާޅުވެފައިވެ އެވެ. ”ބޯ ހާމައަށް ކޮށްފައި (ހާމައަށް) ބެހެއްޓުމާއި އަދި އިސްތަށިގަނޑު ގަތާފައި (ގޮށްޖަހައި އަދި ގަތާފައިބެހެއްޓުން) އެއްވެސް ޞާލިޙް (އަޅެއްގެ) ޝިޢާރު (ސިފައެއްގެ) ތެރެއިން ހިމެނިގެންވާ ކަމެއް ނޫނެވެ. ޞަޙާބީންގެ ތެރެއިން ތާބިޢީންގެ ތެރެއިން އަދި މުސްލިމުންގެ އެއްވެސް ޝެއިޚެއްގެ (ޢަމަލުފުޅެއް) ކަމުގައި ނުވެ އެވެ.“ مجموع الفتاوى 11-494
الإِمَام مُحَمَّدُ نَاصِر الدِّيْن الأَلْبَانِي رحمه الله ވިދާޅުވެފައިވެ އެވެ.
”މި މައްސަލައިގައި އަހަރެން ދެކެނީ، ހަމަކަށަވަރުން ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރުމަކީ މަކްރޫހަވެގެންވާ ކަމެކެވެ.“
تمام المنة ص 164
الشَّيخ د. عَرَفَات بن حَسن المُحمَّدي حفظه الله އަރިއަހުގައި ސުވާލު ކުރެވުނެވެ.
ސުވާލު : ފިރިހެނުން ބޯ ނިވާކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ?
ޖަވާބު : ”ނަމާދުގައި އެއީ މުސްތަޙައްބުވެގެންވާ ކަމެކެވެ. ފަހެ، އެއީ ޒީނަތްތެރިވުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.
އަދި ނަމާދުން ބޭރުގައި މާތް މަތިވެރި ނަބިއްޔާ ﷺ އަށް ތަބަޢަވުން މުޞްތަޙައްބުވެގެންވެ އެވެ.“
ސަބަބެއް މެދުވެރިވެ، ނިތްކުރިއާ ދެމެދު އެއްޗެއް ހުރަސްވެއްޖެހިނދުގައި ބުނަމެވެ.
މި ބާބުގައި ޙަދީޘެއް ވާރިދުވެގެންވެ އެވެ. . ވިދާޅުވެފައިވެ އެވެ. ޞަޙާބީ أَنَس بن مَالك -رضي الله عنه- ވިދާޅުވެފައިވެ އެވެ. ”ނުހަނުގަދަ ހޫނުގައި ތިމަންމެން ނަބިއްޔާ އެކުގައި ނަމާދު ކުރަމު އެވެ. (ހޫނުގަދަކަމުން) ބިންމަތީގައި އަހަރެމެންގެ ތެރެއިން މީހަކު ނިތްކުރި ޖެއްސުމަށް ކުޅަދާނަވެގެން ނުވެ އެވެ. އެހިނދު، އޭނާ ލައިގެން ހުންނަ ފޭރާން މޫނުޖެހޭ ތަނުގައި އަޅައި އޭގެ މައްޗަށް ސަޖިދަ ކުރަމެވެ.“
ވުމުން، މި ޙަދީޘްއިން ދަލީލު ކުރެވެނީ، ނަމާދު ކުރާ މީހާއަށް އެފަދަ އުޛުރެއް މެދުވެރި، ޙާލަތު މެދުވެރިވެ، ނިތްކުރި ބިންމަތީގައި ޖެއްސުމަށް ހުރަސްވާގޮތަށް އެއްޗެއް ބޭނުން ކުރުން މައްސަލައެއް ނޫންކަމެވެ.
ވުމުން، މިކަމުގައި ނަޞޭޙަތްތެރިވަނީ އިސްތަށިގަނޑު ތާކިހާ ފަދައެއްޗަކުން ނިވާކުރުމެވެ. އެހިނދު ހެޔޮ ޢަމަލެއް ކުރެވި އަދި ނަމާދުގައިވެސް އެންމެ ހެޔޮވެގެންވާ ގޮތުގައި ޤާއިމްވެ އެންމެ ފުރިހަމަވެގެންވާ ގޮތުގައި ސަޖިދަކުރެވެ އެވެ.
އަދި އިސްތަށި ނިތްކުރި މައްޗަށް ފައިބައިފައި ހުރުމަކީ ނަމާދަށް އަޘަރު ކުރާނެ ކަމެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.