ފިރިހެނުންގެ މައްޗަށް އަންހެނަކު އިސްވެ އިމާމްވެ ނަމާދު ކުރެވޭނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އިސްލާމް ދީނުގެ ބައެއް ޙުކުމް ތަކުގައި އަންހެނުންެ މައްޗަށް ފިރިހެނުން ވަނީ ކަނޑައަޅުއްވާފަ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. ( وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّهُ عَزِيزٌ حَكِيمٌ ) البقرة/228
”އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެންވެ އެވެ. އަދި އެކނަބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެ އެވެ.“
ދަންނަ އެވެ! އެންމެހައި ކަންތައްތަކެއް މޮޅަށް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވާ ޢާލަމްތަކުގެ ވެރި އިލާހުގެ ޝަރީޢަތާއި ޤާނޫނެވެ. މިއީ އޭގެ ޙަޤީޤަތް އަދި ޙިކުމަތް ވިސްނުނަސް އަދި ނުވިސްނުނަސް އެންމެ ޢަދުލުވެރި އަދި އެންމެ ފުރިހަމަ އަދި އިންސާފުގެ ޤަނޫނު ކަމުގައި ހިތުގެ އަޑިން ޤަބޫލުކަން ޖެހެ އެވެ.
ﷲ ވަޙީ ކުރައްވާފައިވެ އެވެ.
( وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا )
”އަދިނަބިއްޔާގެ ވެރި އިލާހުގެ ބަސްފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެ އެވެ.“
ﷲ ބާވައިލެއްވި އެންމެހައި ޚަބަރު ތަކަކީ ތެދުބަސްފުޅެވެ. އަދި އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެވެ. ﷲ ގެ ޙުކުމްފުޅުތަކުން ބޭރުވެގަތުމަކީ އެއީ ތިމާގެ އަމިއްލަނަފްސަށް ނުވަތަ އަނެކާއަށް އަނިޔާވެރިވެރި ވުމެވެ.
ފިރިހެނުން އަންހެނުންގެ މައްޗަށް އިސްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ނަބީކަމާއި ރަސޫލުކަން (ރަސޫލުންނާއި ނަބިއްޔުންގެ ޢަދަދު ގިނަ ކަމާއެކު އަންހެނަކު ނުވެ އެވެ.)
ޖިހާދު ފަރުޟު ކުރެވިގެންވަނީ ފިރިހެނުންގެ މައްޗަށެވެ. މީސްތަކުންގެ މައްޗަށް ވެރިކަން ކުރާ ވެރިންގެ ގޮތުގައި ކަނޑައެޅެނީ ފިިރހެނުންނެވެ.
އަދި ހުކުރު ކުރުންފަދަ އަޅުކަންތައް ފިރިހެނުންނަށް ވާޖިބުވެގެންވާ ފަދަ ޝަރީޢަތުގައި ކަނޑައެޅިފައިވާ ކަންކަމެވެ.
އަންހެނުން ނަމާދުގައި ފިރިހެނުންގެ މައްޗަށް އިމާމްވުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
އިމާމް مسلم (440) ގައި أَبِي هُرَيْرَةَ رضي الله عنه ގެ އަރިހުން ރިވާކޮށްފައިވެ އެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. : ( خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا ، وَشَرُّهَا آخِرُهَا ، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا ، وَشَرُّهَا أَوَّلُهَا ) ”ފިރިހެނުންގެ އެންމެ ހެޔޮ ވެގެންވާ ސަފަކީ ފުރަތަމަ ސަފެވެ. އަދި (ފިރިހެނުންނަށް އެންމެ ނުބައިވެގެންވާ) ސަފަކީ އެންމެ ފަހު ސަފެވެ. އަދި އަންހެނުންނަށް އެންމެ ހެޔޮިވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ. އަދި (އަންހެނުންނަށް) އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެ.“
މިއީ ނަމާދުގައި ހެޔޮގޮތް ކަނޑައެޅިފައިވާ ގޮތެވެ. އަންހެނުންނާ ދުރުގައި ސަފުހެދޭ މިންވަރަކުން އެ ސަފަކީ ފިރިހެނުންނަށް ހެޔޮ ވެގެންވާ ސަފެވެ. އަދި ފިރިެހެނުންނާ ދުރުވެ ހެދޭ ސަފަކީ އަންހެނުންނަށް ހެދޭ އެންމެ ހެޔޮ ސަފެވެ.
އަދިވެސް ބުނަމެވެ. އަންހެނުންނަށް އެންމެ ހެޔޮ، ރަނގަޅު ނަމާދެއް ކަމުގައިވަނީ އެކަނބަލުންގެ ގޭގައި އަދި ގޭގައި ފޮރުވިގެންވާ ގޮތުގައި ކުރެވޭ ނަމާދެވެ. ފަހެ، އެހިނދު މި މާތް ސާފު މަތިވެރި ޝަރީޢަތުގައި ފިރިހެނުންގެ މައްޗަށް އިމާމެއްގެ ގޮތުގައި އަންހެނަކު ކަނޑައެޅި ފިރިހެނުންނަށް ނަމާދު ތަބަޢަވުމުގައި ވާނީ ކިހިނަކުންހެއްޔެވެ؟
ނަމާދުގައި އިމާމް އަށް ކުށް ކުރެވުމުން އަންހެނުން އަނގަބަހުން ބުނުމުގެ ބަދަލުގައި އަތްޖެހުން އައިސްފައިވީހިނދު، އެކަނަބލުންގެ އަޑު އުފުލައި ބަސް ބުނުމުގެ ބަދަލުގައި އަތް ޖެހުމަށް ޝަރުޤައު ކަނޑައެޅިފައިވުމުން، ފިރިހެނުންގެ ކުރިމައްޗަށް ނުކުމެ ނަމާދު އަޑު އުފުލައި ކުރުން ހުއްދަވާނެ ކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ؟
އިސްލާމް ދީނުގެ ތާރީޚްގައި ދުވަހަކުވެސް ފިރިހެނުންގެ މައްޗަށް ޖަމާޢަތުގައި އިމާމްއަށް އަންހެނަކު ކަނޑައެޅިފައި ނުވެ އެވެ.
އަދި ކިޔެއްތޯ އެވެ! ދީނާއި ސުންނަތުގެ ޝަރީޢަތުގެ ޢިލްމު ލިބިވަޑައިގަންނަވާފައިވީ ޢިލްމުގެ އަހުލުވެރިން އެކަން މަނާ ކުރެއްވުމުގައި ދެމިތިއްބެވި އެވެ.
ފިރިހެނުންގެ މައްޗަށް އަންހެނަކު އިމާމް ނުވެވޭނެ ކަމުގެ މައްޗަށް އެންމެހައި ފިޤުހުވެރިން ކަހަލަ ގޮތަށް އިއްތިފާޤުވެވަޑައިގެންފައިވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الشيخ ابن باز -رحمه الله- އަންހެނަކު އިމާމްކަމުގައިވެ ފިރިހެނަކު ނަމާދު ކުރިކަމުގައި ސުވާލު ކުރެވުނުހިނދު ވިދާޅުވި އެވެ. ”ފިރިހެނުންގެ މައްޗަށް އިމާމްވެ އަންހެނަކު ނަމާދު ކުރުން ހުއްދައެއް ނުވާނެ އެވެ. އަދި އަންހެން މީހާގެ ފަހަތުގައި (އަންހެނަކު އިމާމްއަށް ހުރެ ފިރިހެނަކު ތަބަޢަވުން) ނަމާދު ޞައްޙައެއް ނުވާނެ އެވެ. އެކަމުގެ މައްޗަށް ގިނަ ދަލީލުތަކެއްވެ އެވެ. އަދި ފިރިހެނުން ނަމާދު އަނބުރައި އިޢާދަކުރުން ހުއްޓެވެ.“ فتاواه (12/130)
ވުމުން، މައްސަލަ ސާފުވެ، އެއީ ހުއްދަވެގެންވާ ކަމެއް ނޫންކަން ބަޔާންވެގެންދެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.