އެސްފީނާ އަދި ރުޤްޔާ ކުރުމަށް ކިޔަވާނީ ކޮންތަނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އެސްފީނާއިން ރައްކާތެރި ކުރުމަށްޓަކައި ކިޔާނެ ތަކެއްޗަކީ ކޮބައިހެއްޔެވެ؟
ޝިފާހޯދުމަށްޓަކައި ކުރެވޭނެ އެކިއެކި ޢަމަލުތައްވެ އެވެ.
ފުރަތަމައީ ޤުރުއާން ކިޔަވައި އެއިން ޝިފާ ހޯދުމެވެ.
ދަންނަ އެވެ. މުޅި ކީރިތި ޤުރުއާނަކީ ޝިފާއެކެވެ. ކީރިތި ޤުރުއާނުގެ ފާތިޙާ ސޫރަތުން ފަށައިގެން ސޫރަތުއް-ނާސި އާ ހަމައަށް އެއީ ޝިފާއެއްގެ ގޮތުގައި ﷲ ބާވައިލެއްވި އެކަލާނގެ ކަލާމް ފުޅެވެ.
އެންމެހައި މުސްލިމުންނަށް އެނގި ބަޔާންވެގެންވާ ފަދައިން ކީތިރި ޤުރުއާނުގެ ބައެއް އާޔަތްތައް އަދި ބައެއް ސޫރަތްތައް އެހެނިހެން ސޫރަތްތަކާއި އާޔަތްތަކުގެ މައްޗަށް މަތިވެރި މާތްވެގެންވެ އެވެ.
އެ ގޮތުން ރުޤްޔާ ކުރުމާއި އަދި ޝިފާ ހޯދުމަށް ކިޔެވުމުގައިވެސް އެފަދަ ސޫރަތްތަކާއި އަދި އާޔަތްތައް މޮޅުއިތުރު ވެގެންވެ އެވެ.
އޭގެ ތެރޭގައި ސޫރަތުލް ފާތިޙާ :
الإمَام ابن القيِّم -رحمه الله- ވިދާޅުވެފައިވެ އެވެ.
”ﷲގެ އަޅާ، ސޫރަތުލް ފާޠިޙާއިން ރަނގަޅަށް ބޭސްފަރުވާކޮށްފި ނަމަ، ހަމަކަށަވަރުން ޝިފާ ލިބުމުގައި އެއިން އަޘަރުކުރާ މިންވަރު ޢަޖައިބު (ޙައިރާންކުރުވަނިވި) މިންވަރަށް ފެންނާނެ އެވެ. އަހުރެން މައްކާގައި ޤާއިމްވެހުރި މުއްދަތުގައި ބަލިތަކާއި ކުރިމަތިވި އެވެ. އެހެނަސް ބޭސްފަރުވާ ކޮށްދޭނެ ފަރާތެއް އަދި ބޭހެއްވެސް ނެތެވެ. އަދި އަމިއްލައަށް ފާޠިޙާ ޞޫރަތުން ބޭސްފަރުވާ (ރުޤްޔާ) ކުރަމެވެ.
ފަހެ، ޙައިރާންވާ މިންވަރަށް އެއިން އަޘަރުކުރުވާތަން ފެނުނެވެ. އެގޮތުން (ހަށިގަނޑުގައި) އެކި ވޭން އަޅާ މީހުންނަށް (މިފަދައިން ރުޤްޔާ ކުރުމަށް އުނގަންނައި ދެމެވެ.) އަދި އެބައިމީހުން އެހިނދު (ފާތިޙާ ސޫރަތުން ރުޤްޔާކޮށް) ނުހަނު ހަލުވިކަމާއެކު ބަލިން ސަލާމަތްވެ އެވެ.“ الداء والدواء ٩
ބަޤަރާ ސޫރަތް :
رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (اقرؤوا سورةَ البقرةِ في بيوتِكم، فإنَّ الشيطانَ لا يدخلُ بيتًا يُقْرَأُ فيه سورةُ البقرةِ) ”ތިޔަބައިމީހުންގެ ގެތަކުގައި سُوْرةُ البَقَرةِ ކިޔެވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެ ގެއެއްގައި سورةُ البقرةِ ކިޔަވާ ގެއަކަށް ޝައިޠާނާ ނުވަންނާނެ އެވެ.“ السلسلة الصحيحة 1521
ބަޤަރާ ސޫރަތުގައިވާ ޤުރުއާނުގެ އެންމެ މާތް އާޔަތް – އާޔަތުލް ކުރުސީ އެވެ.
އަލް- މުޢައްވިޛަތައިން (އިޚްލާޞް- ފަލަޤި އަދި ނާސި) ސޫރަތް :
عقبة بن عامر އަށް ރަސޫލު الله صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. [އޭ عقبة بن عامر އެވެ! މި ދެ ސޫރަތުން ރައްކާތެރިކަން ހޯދާށެވެ. ރައްކާތެރިކަން ހޯދާ މީހަކަށް ރައްކާތެރިކަން ހޯދުމަށް މިފަދަ އެހެން ސޫރަތްތަކެއް ނުވާނެއެވެ.]
މި ނޫނަސް ސޫރަތްތަކާއި އާޔަތްތައްވެ އެވެ.
ދެވަނައީ : ﷲ އަށް ދުޢާކޮށް، ދެންނެވުމެވެ. ﷲ އަށް ކުއްތަންވުމުގައި ދެމިހުރުމުވެ. ޚާއްޞަކޮށް ދުޢާތައް އިޖާބަ ކުރެވޭ ވަޤުތުތައް އިޚްތިޔާރުކޮށް އެވަޤުތުތަކުގެ މައްޗަށް ސަމާލުވެ ފަރުވާތެރި ވުމެވެ.
الإِمَام ابن القّيِّم -رحمه الله- ވިދާޅުވެފައިވެ އެވެ. “ ޝައިޠާނާގެ ފަރާތުން ރައްކާތެރިވެ ސަލާމަތްކަން ލިބުމަށް އެންމެ ފައިދާކުރަނިވި ވަޞީލަތަކީ ﷲގެ މަތިން ގިނަގިނައިން ހަނދުމަ ކުރުމެވެ.“
މިއީ ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިން ސަލާމަތްވެ ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރެވެ.
ފަހެ، ޗާބޫކުން ތެޅުމުން މިސްތަކުންނަށް އުނދަގޫވާފަދައިން ﷲއަށް ޛިކުރުކޮށް އެކަލާނގެ ހަނދުމަ ކުރުމަކީ ޝައިޠާނާގެ މައްޗަށް އޮތް ޗާބޫކެއް ފަދަ އެއްޗެކެވެ. بدائع الفوائد ٢٦٩/٢
العَلاَّمَة مُحمَّد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ދުވަސްތަކުގައި (މި ވަޤުތު ތަކުގައި) މީސްތަކުންގެ މައްޗަށް ޖިންނި އަވަލުން ގިނަވެފައިވާ ސަބަބުތަކުގެ ތެރޭގައި، ﷲގެ މަތިން ހަނދުމަކުރުމަށް (ޛިކުރު ތަކާއި ވިރުދުތައް ކިޔުމަށް) ކަނޑައެޅިފައިވާ ދަނޑިވަޅުތަކުގެ މައްޗަށް މީސްތަކުން ޣާފިލުވެފައިވުމުގެ ސަބަބުންނޭ ބުނުމަކީ ދުރުކަމެއް ނޫނެވެ.“ التعليق على صحيح مسلم 2-296
ތިންވަނައީ : ޚާއްޞަކޮށް ސުންނަތް ނަމާދު އަދި އެހެނިހެން ސުންނަތް އަޅުތަންތައް ކުރުމުގައި ފަރުވާތެރިވެ ދެމިހުރުމުގައި ވުމެވެ.
العَلاَّمَة الشَّيْخ رَبِيْع بن هَادِيْ حفظه الله ވިދާޅުވެފައިވެ އެވެ. ”ތިޔަބައިމީހުން ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން ހުއްޓެވެ. ހަމަކަށަވަރުން އެއީ ޝައިޠާނާގެ ކިބައިން ރައްކާތެރިކުރާނެ ފާރެއް ފަދަ އެއްޗެކެވެ. އެ ފާރު ވެއްޓިއްޖެހިނދު ޝައިޠާނާ ފަރުޟު ކަންތައްތަކުގެ ތެރެއަށް ވަދެގަނެ ތިބާ އެ ފަރުޟުކަންތައްތައް (އަދާކުރުމުގައި) ބަލިކަށި ކުރާނެވެ.“ من الشريط الثالث شرح كتاب الإيمان من صحيح البخاري
އަޚާ އެވެ! ޤުރުއާނުގެ އާޔަތްތައް ކިޔެވުން، އަދި ސޫރަތްތައް ފެނަށް ކިޔެވުމަށްފަހު އެ ފެން ބޮއެ ހެދުން އެއީ ރުޤްޔާ ކުރުމެވެ. އަދި އެ ފެނުން ފެންވެރުން އެއީވެސް ރުޤްޔާ ކުރުމެވެ.
ޝިފާ ލިބުމުގެ އުއްމީދުގައި ކިޔެވުންވެސް އެއީ ރުޤްޔާ ކުރުމެވެ.
އިސްވެ ބަޔާންކުރެވުނު ސޫރަތްތަކާއި އާޔަތްތައް 1 ފަހަރު އަދި 3 ފަހަރު އަދި އެއަށްވުރެ ގިނަ ޢަދަދަށްވެސް އެފަދައިން ކިޔެވިދާނެ އެވެ.
ކިޔެވުމުގެ އެކި ގޮތްތައް ވެ އެވެ. އެގޮތުން :
- އެންމެ ހެޔޮ އަދި އެންމެ އޭގައި އެދެވވިގެންވާ ގޮތަކީ ބަލި މީހާ އޭނާގެ އަމިއްލައަށް އަމިއްލަ ނަފްސަަށް ކިޔެވުމެވެ. ސޫރަތްތައް އަދި އާޔަތްތައްވެސް އަމިއްލަ ނަފްސަށް ކިޔަވާނީ އެވެ. ކިޔަވައި ހަށިގަނޑަށް ފުމެލާނީ އެވެ.
- ނުވަތަ،، އަމިއްލަ ނަފްސަށް ރުޤްޔާ ކުރުމުގެ ގޮތުން، ފެން އެއްޗަކަށް އިސްވެ ބަޔާންވި އާޔަތްތަކީ ސޫރަތްތައް ކިވައި އެ ފެން ބޮއެ އަދި ހަށިގަނޑުގައި އުނގުޅާނީ އެވެ.
- ބަލި މީހާ ކައިރީގައި ހުރެގެން ކިޔެވުމެވެ. ވުމުން، ބަލި މީހާ ގާތުގައި ކައިރީގައި ހުރެގެން ކިޔަވާނީ އެވެ. ބަލިމީހާ އޮށޯވެ އޮންނާނީ އެވެ. އެއަށްފަހު އޭނާގެ ގާތުގައި ކައިރީގައި ހުރެގެން ކިޔަވާނީ އެވެ. އަދި އޭނާގެ ހަށިގަނޑަށް ފުމެލުންވެސް ހުއްދަވެގެންވެ އެވެ.
- ބަލި މީހާއަށް ރުޤްޔާ ކުރުމަށްޓައި އެހެން މީހަކު ފެން އެއްޗަކަށް އާޔަތްތަކާއި ސޫރަތްތައް ކިޔަވައި ބަލި މީހާއަށް ބޯންދީ ހަށިގނަޑުގައި އެ ފެން އުނގުޅާނީ އެވެ.
ނިންމާލުމުގެ ކުރިން ބުނަމެވެ. މިއަދު މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ، އަގު ނަގައިގެން، ބޮޑެތި ޢަދަދުން ފައިސާ ނަގައި، ފައިސާގެ ބޮޑެތި ޕެކޭޖްތައް ހަދައިގެން ރުޤްޔާ ކުރުމަށް ނިކުމެފައިވާ ފަރާތްތަކުގެ ޢަމަލުތަކުން ދުރުވުން ހުއްޓެވެ.
ޤުރުއާން އެމީހަކަށް ކިޔަވަން އިނގޭނަމަ، ޤުރުއާންއިން ރުޤްޔާ ކުރުމަށް އެންމެ އަޥްލާވެގެންވަނީ އެމީހެކެވެ. އަމިއްލަ ނަފްސަށް ކުރުން އެދެވިގެންވެ އެވެ. އަދި އެންމެ ހެޔޮ ގޮތަކީވެސް އެއީ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.