ޚާދިމަކަށް ކާފަރު މެއިޑަކު ގެންގުޅުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާއެވެ. އުޚްތާއެވެ.
ކޮށްފައިވާ ސުވާލަށް ވުރެ މުހިންމު ސުވާލެއް އަދި ޖަވާބު މިތަނުގައި ބަޔާންކުރަމެވެ.
ﷲ ތަޢާލާ އަޅަމެނަށް އެކަލާނގެއަށް ކުއްތަންވުމުގެ މަގު ދައްކަވައި އަޅަމެންގެ ކުށްފާފަތަކުން އަޅަމެން ރައްކާތެރިކުރައްވައި އަޅަމެނަށް ޢަފޫ ކުރައްވާނދޭވެ.
މިއަދު އެތައް އެތައް ގިނަ ޢަދަދެއްގެ މުސްލިމުން އެ ފިތުނައަކާ، ވެއްޓިފައިވާ ފާފަވެރި މުންކަރާތުގެ އެއް ޢަމަލަކީ ކާފަރު ޚާދިމުން، މެއިޑުން ގެނެސް ގޭގައި ގެންގުޅުމެވެ.
މިއަދު، މީސްތަކުންގެ ތެރޭގައި މި ޢަމަލަކީ ކުޑަވެސް އަދި ކިޔެއްތަ! މިއީ މުންކަރާތެއް ކަމާއި ފާފަވެރި ޢަމަލެއްކަން ދެކޭ އެކަކުވެސް ނެތް ފަދަ އެވެ. ﷲ ރަޙްމަތް ލެއްވި އަޅަކު މެނުވީ އެވެ.
އެގޮތުން، ކޮންމެ މީހަކު، މިއަދު އޭނާގެ ގޭގައި މެއިޑެއް، ޚާދިމެއް ގެންގުޅުމަކީ އެއީ ކުޑަކޮށްވެސް އޭގެ މައްޗަށް ވިސްނާލައި ހެޔޮކަމެއް ނުވަތަ ނުބައިކަމެއްތޯ ވިސްނާވެސް ނުލަ އެވެ.
ﷲ ތަޢާލާ އަޅަމެނަށް ހެޔޮވެގެންވާ، ސީދާވެގެންވާ މަގަށް މަގުދައްކަވާނދޭވެ.
މި ޒަމާނުގައި ދުނިޔެމައްޗަށް ފާޅުވި އެންމެހައި ސުންނަތުގެ ބޮޑެތި ޢިލްމުވެރިން މި ޢަމަލުގެ ނުރައްކާ ކަމާއި އަދި ކިޔެއްތަ ދީނީގޮތުން މިކަމުގެ ހުރި ފަސާދައިގެ ބޮޑުކަން ބަޔާންކޮށްދެއްވާފައިވެ އެވެ.
އޭގެ ބައެއް ފަތުވާތައް މިތަނުގައި ޛިކުރު ކުރަމެވެ.
ސަޢުދީ ޢަރަބިއްޔާއަށް ފާޅުވި ފަހުގެ ދުވަސްތަކުގައި އުއްމަތަށް ދުށް އެންމެ ބޮޑެތި ދީނީ ސުންނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإِمَام العَلاَّمَة العُثَيمين -رحمه الله- ވިދާޅުވެފައިވެ އެވެ.
”މުސްލިމް ޚާދިމަކު މެނުވީ ގެންގުޅެގެން ނުވާނެ އެވެ. އެއީ އެ ޚާދިމުގެ މަޙްރަމްއާ އެކުގަ އެވެ.
އަދި ޒަރޫރީ ޙާލަތުގައި އެކަންޏެވެ. ފަހެ، ތިބާއަށް މުސްލިމް ޚާދިމަކު ހޯދުމަށް ނުކުޅަދާނަވެއްޖެ ހިނދުގައި އަދި ޚާދިމަކު ހޯދުމަށް ޒަރޫރީވެއްޖެ ހިނދުގައި މަޙްރަމަކާ އެކުގައި ޚާދިމެއް ހޯދާށެވެ. ސަބަބަކީ ޙަޤީޤަތުގައި ކާފަރު ޚާދިމަކީ : ފުރަތަމައީ، އިންސާނަކު އޭނާގެ ގޭގައި ﷲއާއި އޭނާގެ މައްޗަށް ހުރި ޢަދުއްވެއް ގެންގުޅޭނީ ކިހިނަކުން ހެއްޔެވެ؟ މިކަމަށް އޭނާ ރުހޭނީ ކިހިނަކުން ހެއްޔެވެ؟ ….. ފަހެ، ކާފަރު ޚާދިމުން ގެންގުޅުމުގައި އެތަކެއް ނުރައްކަލެއްވެ އެވެ.“
ފަތުވާގައި ޝަރުޢީ އެތައް ކަމަކަށް އަލިއަޅުވާފައިވެ އެވެ.
ޚާދިމް، މެއިޑް އަކީ މުސްލިމެއް ކަމުގައިވުމެވެ. ފަހެ، މުސްލިމު ބައްޕައަކު ނުވަތަ މަންމައަކު އޭނާގެ ގޭގައި އޭނާގެ ލޮލުގެ ކޮއެފަދަ ދަރިން ބެލުމަށް ﷲއަށް ކުފުރުވެފައިވާ، ބުދަށް އަޅުކަން ކުރާ، ﷲއަށް ޝަރީކު ކުރާ، ހެއްދެވި ފަރާތް ކަމުގައިވާ ﷲއާ މެދު އެއްވެސް އަޚްލާޤެއް ނެތިފައިވާ ފަރާތެއް ގެންގުޅޭނެ ގޮތަކާއިމެދުގައި ވިސްނާލުން ހުއްޓެވެ.
މުސްލިމަކަށްވެ ހުރެ، ކުފުރާއި ކުފުރުގެ އަހުލުވެރިންނާއި މުޝްރިކުންގެ ކިބައިން ބަރީއަވެ ދުރުގައިވުން ކޮބައިހެއްޔެވެ؟
ކާފަރަކީ، މުޝްރިކަކީ ﷲ ގެ ޢަދުއްވުންނެވެ. އެއީ އެކަލާނގެ ޙަޟުރަތުގައިވާ އެންމެ ނުބައިކަންބޮޑުވެގެންވާ ފަރާތެކެވެ. އެއީ ނަރަކައިގެ އަލިފާން ކަމުގައިވާ ފަރާތްތަކެވެ.
އެފަދަ ފަރާތެއް ގެނެސް، އޭނާއަށް އޯގާތެރިކަމާއި ލޮތްބާއި، ކުލުނު ދެވި، ގޭގައި ގެންގުޅެ، ﷲ ތިމާއަށް ދެއްވި ޙަލާލު ހެޔޮ ފައިސާ އެފަރާތަކަށް ދޭނީ ކިހިނަކުން ހެއްޔެވެ؟
الإِمَام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
”މުސްލިމް އަޅާއަށް ވާޖިބުވެގެންވަނީ ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވެ އަދި ﷲ އަށްޓަކައި އެބައިމީހުންދެކެ ރުޅިވުމެވެ.
އެހެނަސް އެބައިމީހުންނަކީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައިވާ ފަރާތްތައް ގޮތުގައި ނުވާހިނދެއްގައި ގޯނާ ކުރުމާއި އުނދަގޫކުރުން އަދި ޙައްޤަކާ ނުލައި އެބައިމީހުންނަށް އަނިޔާވެރިވުމެއް ނުވެ އެވެ. އެހެނަސް އެއީ އަޞްޙާބުންގެ ގޮތުގައި އަދި އަޚުންގެ ގޮތުގައި ހަދައިގެންނުވާނެ އެވެ.“ مجموع الفتاوى 6-494
ތިމާ އެންމެ ލޯބިވާ އަނބިންނާއި ދަރިންގެ ގާތުގައި މިފަދަ ފަރާތެއް ބަހައްޓާނީ ކިހިނަކުން ހެއްޔެވެ؟ ތިމާ ހެއްދެވި ފަރާތް، ﷲ ތަޢާލާގެ މައްޗަށްވާ ޢަދުއްވެއް، ތިމާގެ ދީނުގެ މައްޗަށްވާ ޢަދާވަތްތެރިއެއް، އަދި ތިމާގެ ރަސޫލާގެ މައްޗަށް ނަފްރަތާއި ރުޅިވެރިކަމާއި ދެކޮޅުވެރިކަން ފާޅުކޮށްފައިވާ ކާފަރު މުޝްރިކެއް ތިމާގެ ގާތުގައި ކައިރީގައި ކާންދީ ބޯންދީ ހެޔޮކޮށް ހިތައި ގެންގުޅޭނީ ކިހިނަކުން ހެއްޔެވެ؟
ގޭގައި ގެންގުޅޭ މެއިޑުން، ޚާދިމުންނަކީ އެ ގޭގެ އަހުލުވެރިން ހިތާއި ދުލާއި ޢަމަލުން ނުހަނު ލޯބިކުރާ، ހެޔޮކޮށް ހިތާ އަދި ތިމާގެ މުސްލިމު އަޚުންނާއި އުޚްތުންނާއި މެދު ނުދެވޭ ކުލުނާއި ހެޔޮ މުޢާމަލާތް ކުރެވޭ ފަރާތެއް ކަމުގައި މެނުވީ ނުވެ އެވެ.
މި މައުޟޫގައި ﷲ ތަޢާލާ ވަނީ އަހަރެމެންނަށް އެއީ ނުހަނު ރިވެތި ނަމޫނާ އަދި މިޘާލެއް ކަމުގައި އެކަލާނގެ ނަބިއްޔާ إبراهيم ގެ ފަރާތްޕުޅުން އަންގަވާފަ އެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ﴿ قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ ﴾ الممتحنة 4
إبراهيم އަދި އެނަބިއްޔާގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެބައިމީހުން، އެބައިމީހުންގެެ ޤައުމުގެ އަހުލުވެރިންނަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން އިންކާރު ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާނދެނެވެ.“
ވިސްނާލައި ފިކުރުކޮށްލުން ހުއްޓެވެ! އެ ނަބިއްޔާގެ ކިބައިން އަހަރެމެންނަށް ރިވެތިވެގެންވާ މިޘާލު އެކަލާނގެ ޖެއްސެވީ ކޮން ކަމެއްގެ މައްޗަށް ހެއްޔެވެ؟ ﷲ އަށް އެ ކާފަރުން އީމާންވެއްޖައުމަށް ދާންދެން، އެ ކާފަރުންގެ މައްޗަށް ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ފާޅުކުރުމުގައިވާނެ ކަމެވެ.
އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ﴾ المائدة 51
އޭ އީމާންވެއްޖެެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީން އަދި ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.“
އެ ޔަހޫދީންނާއި ނަޞާރާއިން އެކުވެރި ލޯބިދެވިގެންވާ ބައެއް ކަމުގައި ހަދައިފިމީހާގެ މައްޗަށް އޮތް ނުރައްކަލާއި އިންޒާރުގެ ބޮޑުކަމާ އެވެ.
މިއީ ޔަހޫދީން އަދި ނަޞާރާއިންގެ ގޮތުގައިވާ ފޮތުގެ އަހުލުވެރިންނާ މެދުގަ އެވެ.
ފަހެ، ހިންދޫސީންނާއި ބުދު ދީނާއި މަޖޫސީންނާއި މެދުގައި އެހިނދު ދެކެނީ ކިހިނަކުން ހެއްޔެވެ؟ لاحول ولا قوة إلا بالله!
މުސްލިމް އަޚުންނާއި އުޚްތުންނޭވެ!
ދަންނަ އެވެ. ކާފަރުންނަކީ ﷲ އެބަޔެއްގެ މައްޗަށް އެއީ އެކަލާނގެ ލޯބިވޮޑި ނުގަންނަވާ ބައެއް ކަމާއި އަދި އެއީ އަނިޔާވެރިން ކަމުގައި ވަޙީ ކޮށްފައިވާ ބައެކެވެ.
އެފަދަ ބަޔަކު އަހަރެމެން ހިތާއި ދުލުން ރުހިގެން ގެންގުޅޭނީ ކިހިނަކުން ހެއްޔެވެ؟
﴿ فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ﴾ آل عمران 32
(ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކާފަރުން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
﴿ وَالْكَافِرُونَ هُمُ الظَّالِمُونَ﴾ البقرة 32 ކާފަރުންނަކީ ހަމަ އަނިޔާވެރިންނެވެ.
ފަހަރެއްގައި އެހިނދު ބުނެފާނެ އެވެ. މިއީ މުސްލިމް މެއިޑް، ޚާދިމެކެވެ.
އެހިނދު އޮތީ، އޭނާގެ މަޙްރަމެވެ. އޭނާގެ ބެލެހެއްޓުން ޙަވާލުވެގެންވާ، އޭނާގެ ޝަރުޢީ ބަލަދުވެރިޔާ ކޮބައިހެއްޔެވެ؟
ހިލޭ އަންހެނަކު އެއްވެސް ބެލެހެއްޓުންތެރިއެއްނެތި ހިލޭ ފިރިހެނުންނާ އެކު އުޅެވޭނީ ކިހިނަކުން ހެއްޔެވެ؟ އެ އަންހެން މެއިޑް މަޙްރަމެއް ނެތި ދަތުރު ފަތުރު ކުރަނީ ކިހިނަކުން ހެއްޔެވެ؟ سبحان الله!
މުޖުތަމަޢުގައި މިއަދު މިކަންތަކާއި މެދު ވިސްނަނީ ކިތައް ފަރުދުން ހެއްޔެވެ؟
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް الإمام ابن بَاز -رحمه الله ވިދާޅުވެފައިވެ އެވެ.
”ކުޑަ ކުދިންނަކީ އެ ކުދިންގެ ބައްޕަ އަދި މަންމައާ ޙަވާލު ކުރެވިފައިވާ އަމާނާތެކެވެ. ފަހެ، ވާޖިބުވެގެންވަނީ ﷲއަށް އީމާންވެ އަދި އާޚިރަތް ދުވަހަށް އީމާންވެގެންވާ މީހަކު މެނުވީ އެކުދިން ތަރުބިއްޔަތު ކުރުމާއި ޙަވާލު ނުވުމެވެ.
އަދި އެމީހެއްގެ ކިބައިން އެކުދިންނަށް ފައިދާ ކުރާނެ ކަމުގައި (އުއްމީދު ކުރެވޭ މީހެއްކަމުގައި) ވެ އެކުދިންނަށް އިރުޝާދާއި ހެޔޮ މަގުދައްކައިދެ އެވެ. ދެންފަހެ، ކުޑަކުދިން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ކާފަރު އަންހެނުންނާއި ޙަވާލު ކުރުމަކީ ހުއްދަވެގެންނުވާ މުންކަރު ޢަމަލެކެވެ.“
نور على الدرب ١٧٢/٣٣
މި ބަސްފުޅުތަކުގައިވެސް، ޝަރުޢީ މިންގަނޑުން މިކަމުގެ މައްޗަށް ބަޔާންކޮށްފައިވާ ބަސްފުޅުތައް ބުއްދި ސަލާމަތުން ހުރި، ހެޔޮވިސްނޭ ފަރާތަކަށް ވިސްނޭނެ އެވެ.
މިއަދު އެތައް ބަޔަކަށް ﷲ ފައިސާއާ ދުނިޔޭގެ ތަނަވަސްކަން ދެއްވުމުން ހޯދައިގަނެފައިވާ މަގުތަކަކީ މިއީ އެވެ. ޚާދިމުން، މެއިޑުން ހޮދުމެވެ.
ޢާއިލާގެ މަސްއޫލުވެރިން ކަމުގައިވާ ބައްޕަ އެވެ!
ތިޔަ ބައްޕައާ ﷲ ޙަވާލު ކުރެއްވި ބޮޑުވެގެންވާ އަމާނާތެއްގެ ގޮތުގައި، ކޮނޑުގައި އެޅިފައިވާ ތަރުބިއްޔަރުގެ ކުރުމުގެ މަސްއޫލިއްޔަތުގެ ތެރޭގައި މިދަރިންވެ އެވެ.
ކާފަރަކު ގެނެސް، ﷲގެ ޢަދުއްވެއް ގެނެސް އެކުދިން ތަރުބިއްޔަތު ކޮށްލަން ދޫކޮށްލަނީ ކިހިނެތް ހެއްތެވެ؟
އެއީ ތިބާއަށްވެސް ޙަލާލުވެން ނުވާ ހިލޭ އަންހެނެކެވެ.
ތިޔަ ބައްޕައާ އެފަދަ ހިލޭ އަންހެނަކާ އޮންނާނެ ގުޅުމަކީ ކޮބައިހެއްޔެވެ؟
މިއީ ފިތުނަވެރި ދިއުން ކަމުގައި ނުވޭ ހެއްޔެވެ؟
މަސްއޫލުވެރިންނޭޥެ! މާތް ނަބިއްޔާ ދޫކުރެއްވި ޝަރީޢަތުގެ ބަސްފުޅުތަކާއިމެދު ވިސްނާލުން ހުއްޓެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (إِنَّ اللهَ سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاه، أَحَفِظَ أَمْ ضَيَّعَ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِه) ”ހަމަކަށަވަރުން މަސްޢޫލިއްޔަތް އުފުލުމުގައި ދެމިތިބި އެންމެހައި މީސްތަކުންނާ ﷲ ޤިޔާމަތް ދުވަހުގައި ސުވާލުކުރައްވާނެ އެވެ. އޭނާ އެ މަސްޢޫލިއްޔަތް އަދާކުރިތޯ އެވެ. ނުވަތަ އެކަމަށް ފަރުވާކުޑަކުރިތޯ އެވެ. އެގޮތުން ކޮންމެ މީހެއްގެ ފަރާތުން އެނާގެ އަހުލު ބައިތުންގެ މައްޗަށް ސުވާލު ކުރެވޭނެ އެވެ.“ النسائي (السنن الكبرى) (5/ 374 އަދި الألباني (السلسلة الصحيحة 1636)
މީގެ އިތުރުން البُخَارِيْ އަދި مُسْلِم އިއްތިފާޤުވެވަޑައިގެންފައިވާ މަޝްހޫރު ޙަދީޘްގައިވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الْإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ) ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް މަސްޢޫލުވެރިއެކެވެ. އަދި ކޮންމެ މީހަކާ ވެސް އޭނާގެ ބެލެހެއްޓުންތެރިކަމާ ބެހޭގޮތުން ސުވާލުކުރެވޭނެ އެވެ. އިމާމުއަކީ މަސްޢޫލުވެރި ފަރާތެކެވެ. ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ ބެހޭގޮތުން އޭނާއާ ސުވާލު ކުރެވޭނެ އެވެ. ކޮންމެ ފިރިހެނަކީ އޭނާގެ ޢާއިލާގެ ބެހެއްޓުންތެރިއެކެވެ. އޭނާގެ ބެލެހެއްޓުންތެރިކަމާ ބެހޭގޮތުން އޭނާއާ ސުވާލުކުރެވޭނެ އެވެ.“ الإمام البخاري (رقم 7128) އަދި الإمام مسلم (رقم 1829)
الإِمَامُ ابنُ القَيِّمِ -رحمه الله- ވިދާޅުވެފައިވެ އެވެ. ”ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެ، ޝަހުވަތްތަކުގެ މައްޗަށް އެ ދަރިފުޅަށް ވާގިވެރިވެ، އެމީހެއްގެ ލޮލުގެ ކޮއެފަދަ ދަރިފުޅު ދުނިޔެއާއި އާޚިރަތުގައި އަބާއްޖަވެރިއެއްގެ ގޮތުގައި ކިތައް މީހުން ހަދައިފި ހެއްޔެވެ. އޭނާ ދެކޭގޮތުގައި އެއީ އެ ދަރިފުޅަށް ހެޔޮކަމެއް ކޮށްދެވެނީއެވެ. އެހެނަސް ހަމަކަށަވަރުން އެއީ އެ ދަރިފުޅަށް އިހާނާތްތެރި ވުމެކެވެ. އޭނާ ދެކޭގޮތުގައި އެއީ އެ ދަރިފުޅަށް ރަޙްމަތް ކުރުމެވެ. އެހެނަސް އެއީ އެ ދަރިފުޅަށް ދެވޭ އަނިޔާވެރި ކަމެކެވެ. އެހިނދު އޭނާއަށް އެ ދަރިފުޅުގެ ފަރާތުން މަންފާ ލިބުން ފާއިތުވެ ދިޔައީއެވެ. ދުނިޔެ އާއި އާޚިރަތުގައި ދަރިފުޅުގެ ފަރާތުން ލިބެންވާ ނަޞީބު އޭނާއަށް ފާއިތުވެ ދިޔައީ އެވެ. ދަރިންތައް ފަސާދަވެދާދިއުން ބަލައިފި ހިނދުގައި، ޢާންމު ގޮތެއްގައި އެކަންތައް އެގޮތަށް ހިނގައިފައިވަނީ މައިންބަފައިން ޢަމަލުކޮށްފައިވާ ގޮތުން ކަމަށް ތިބާއަށް ފެންނާނެ އެވެ.“
އަދިވެސް ވިދާޅުވެފައިވެ އެވެ. ”ގިނަ ދަރިންތައް ފަސާދަވެފައިވަނީ އެބައިމީހުންގެ މައިންބަފައިންގެ ފަރާތުންނެވެ. އެއީ އެ ދަރިން ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުންނެވެ. އެ ދަރިންނަށް ދީނުގައިވާ ފަރުޟުތަކާއި ސުންނަތްތައް އުނގަންނައި ދިނުން ދޫކޮށްފައިވުމުގެ ސަބަބުންނެވެ. ތުއްތު ޅަދަރިންގެ ގޮތުގައި ވަނިކޮށް އެ ދަރިންތައް ހަލާކުވެ ދިޔައީ އެވެ. އެބައިމީހުންގެ އަމިއްލަ ނަފްސަށް އެއްވެސް ފައިދާއެއް ނުކުރި އެވެ. އެ ދަރިން އުމުރުން ދޮށިވެ ދިޔުމުންވެސް އެ މައިންބަފައިންނަށް ފައިދާއެއް ނުކުރި އެވެ. އެއީ ބައެއް މައިންބަފައިން އެބައި މީހުންގެ ދަރިންނަށް އަނިޔާވެރި ވެފައިވުމުން އެކަމަށް ބަދަލު ދީފައިވާ ފަދައިންނެވެ. ފަހެ، އެ ދަރިފުޅު ބުނެ އެވެ. އޭ ބައްޕާ އެވެ! އަހަރެން ޅަދަރިއެއްގެ ގޮތުގައިވީ ދުވަހުގައި އަހަރެންނަށް އަނިޔާވެރިވުމުން، ފަހެ، އަހަރެން ބައްޕައަށް އަނިޔާވެރި ވީމެވެ. އަހަރެން ޅަދަރިއެއްގެ ގޮތުގައިވީ ދުވަހުގައި އަހަރެންގެ މައްޗަށް އިހުމާލުވެ އަޅާލުންކުޑަކޮށްފައިވުމުން، އަހަރެން ބައްޕަ މުސްކުޅިވެ ދުވަސްވުމުން އިހުމާލުވެ އަޅާލުންކުޑަކޮށްފީމެވެ.“
މިޒަމާނުގައި ކުދިން ފަސާދަވެގެންދާ ވާހަކަ މިއީ ބީރައްޓެހި ވާހަކަ އެއް ނޫނެވެ. އެތައް ސަބަބުތަކެއް އޭގައިވެ އެވެ.
ﷲގެ ހަޟުރަތުން ތަޥްފީޤާއި މަދަދު އަދި ވާގިވެރިކަން ނުލިބިއްޖެހިނދު ކަންތައްތައް މެދުވެރިވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ނަތީއްޖާ ނުކުންނާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
ދަރިން އެންމެ ޅައިރުންސުރެ މި މުންކަރާތާއި ފާފައިގެ މަތީގައި އަދި ގޭގައި ޤާއިމްވެއްޖެހިނދު، ނަތީއްޖާ ނުކުންނާނީ ކިހިނަކުން ހެއްޔެވެ؟ والله المستعان
އަޚާއެވެ! އުޚްތާއެވެ! ޙަޤީޤަތަކީ މިއީ ނޫން ހެއްޔެވެ؟
މި މައުޟޫގައި މިއަދު ދުނިޔެ މަތީގައި ތިއްބެވި ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة صَالح الفَوْزَان حَفظه الله ވިދާޅުވެފައިވެ އެވެ.
”ފުރަތަމައީ، ކާފަރު ޚާދިމެއް ގެންގުޅުން ހުއްދައެއް ނުވާނެ އެވެ. އެ ޚާދިމާ ގެއަށް ވައްދައި، ޢާއިލާ އެކުގައި އުޅުން މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. މުސްލިމުން ގެންނަން ޖެހޭނީ މުސްލިމް ޚާދިމުންނެވެ. މުސްލިމް ޚާދިމުން ނުހަނު ގިނަ އެވެ. وَالحمد لله“
ދަންނަ އެވެ! ހުއްދަ ނޫން ކަމެއް ކިތަންމެ ގިނަ ބަޔަކު އެކަން ކުރި ކަމުގައިވީނަމަވެސް އެއީ ހުއްދަވާނެ ކަމެއް، ހުއްދަ ޢަމަލެއްވެސް ނޫނެވެ.
އޭގެ ބަދަލުގައި ފެންނަނީ މީސްތަކުން މި ފިތުނައިގައި، ފަސާދައިގައި ބައިވެރިވެފައިވާ މިންވަރެވެ.
މިއަދު ހައިރާންވެ ޢަޖައިބުވާ ކަމަކީ، އެފަދަ ކާފަރު އަންހެނަކު ގޭގައި، އޮރިޔާން ނިވާނުވާފަދަ ހެދުމުގައި ހުންނައިރު، ޢާއިލާގެ މަސްއޫލުވެރިޔާ ނުވަތަ ބައްޕަ އެފަދަ އަންހެނަކާ ގާތްކޮށް އުޅުމުގެ ފިތުނަ އެވެ. އެ އަންހެން މީހާއަކި އެއްވެސް ޙާލެއްގައި ހުއްދަ ނޫން، އޭނާއަށް ޙަލާލު ނޫން އަންހެނެއް ކަމުގައި ނުވިސްނެ އެވެ.
މިއަށްވުރެ ބޮޑަށް ނުރައްކާވާ އެއް ސިފައަކީ، އެ އަންހެން މީހާ އެކަހެރިވެ އުޅުމެވެ. އަނބިމީހާ ގޭގައި ނޫޅެވެ. ފިރިހެން މީހާ ގެއަށް އަންނަހިނދު، ގޭގައި މި ޚައްދާމު، މެއިޑް އުޅެ އެވެ. އެހެން މީސްތަކުންނާ އެކަހެރިވެ ވަކިވެ ގަނެ އެވެ.
ފާފައަކަށް މި މިންވަރުން ފުދޭ ނޫން ހެއްޔެވެ؟ ޙަރާމް ޢަމަލެއްގެ ގޮތުގައި މި މިންވަރު ފުދެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخ العَلاَّمَة صَالح الفَوْزَان حفظه الله ވިދާޅުވެފައިވެ އެވެ.
” ގޭގައި މަސައްކަތް ކުރުމަށް ގެންގުޅޭ އަންހެން ޚާދިމް އާއެކުގައި ފިރިހެންމީހާ (ޚަލްވާވުން) އެކަހެރިވުން ހުއްދައެއް ނުވާނެ އެވެ. އަދި ގޭގައި މަސައްކަތްކުރަން ގެންގުޅޭ ފިރިހެން ޚާދިމް އާ އެކުގައި އަންހެންމީހާ އެކަހެރިވުން ހުއްދައެއް ނުވާނެ އެވެ.
ފަހެ، މަސައްކަތް ކުރުމަށް ޚާދިމުން ގެންގުޅުމަކީ ވަރަށްގިނަބަޔަކަށް އިމްތިޙާނެއް ކަމުގައި ދިމާވެފައިވާ ބޮޑު ނުރައްކަލެކެވެ. މިކަމުގެ ސަބަބަކީ އަންހެނުން މަސައްކަތް ކުރުމުގެ ނަމުގައި އަދި ކިޔެވުމަށްޓަކައި ގެއިން ބޭރަށް ނުކުމެފައިވާތީ އެވެ.
ފަހެ، މިކަމުގެ މައްޗަށް މުއުމިނު އަންހެނުންނާއި އަދި މުއުމިނު ފިރިހެނުން ބޮޑުވެގެންވާ އިންޒާރުން އިންޒާރު ލިބި، ސަމާލުވުން ހުއްޓެވެ. އަދި މިކަމަށް ލާޒިމްވެގެންވާ އެންމެހައި ފިޔަވަޅުތަކެއް އެޅުން ހުއްޓެވެ.“ تنبيهات على أحكام تختص بالمؤمنات ص 114
މިފަދައިން ގެންގުޅޭ މެއިޑް، ޚާދިމާއި އެކަހެރިކޮށް ފިރިމީހާ ގޭގައި އެހެން މީހަކު ނެތި އުޅެނީ ކިހާވަރަކަށް ހެއްޔެވެ؟
މެއިޑް އާއި ކުޑަ ދަރިފުޅު އަރުވައިގެން ފިރިމީހާ ކާރު ދުއްވުމަށް ދަނީ ކިހާ ވަރަކަށް ހެއްޔެވެ؟
މެއިޑް ބަލިވުމުން އެ މެއިޑް ގޮވައިގެން ބޭސްފަރުވާ ކުރުމާއި ހޮސްޕިޓަލަށް ފިރިމީހާ ދަނީ ކިހާވަރަކަށް ހެއްޔެވެ؟
އެ މެއިޑް ޗުއްޓީގައި ދިއުމަށް ބޭނުން ވުމުން، އެ މެއިޑް މަޙްރަމެއްނެތި ދަތުރުކުރުމަށް ހުއްދަވެގެންވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
މައިންބަފައިންނޭވެ! ﷲ ތަޢާލާ ތިޔަ މައިންބަފައިންގެ ބޯމައްޗަށް މަތިކޮށްފައިވާ ދަރިން ބެލުމާއި، ދަރިން ތަރުބިއްޔަތު ކުރުމާއި އަދި އެދަރިންނަށް މަސްޢޫލިއްޔަތު އަދާ ކުރުމުގައި ވާޖިބުކޮށްފައިވާ ޙާއްޤުތަކުގެ މައްޗަށް ފަރުވާކުޑަކޮށްފިހިނދު އޭގެ ނަތީއްޖާ ދެކިގަތުން ހުއްޓެވެ.
އިމާމް الإمام البخاري (1240) އަދި الإمام مسلم (2162) ރިވާކޮށްފައިވާ ޙަދީޘގައިވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً فَلَمْ يَحُطْهَا بِنَصِيحَةٍ إِلَّا لَمْ يَجِدْ رَائِحَةَ الْجَنَّةِ) ”ﷲ އެ އަޅަކާ ބައެއްގެ ބެލެހެއްޓުންތެރިކަން ޙަވާލުކުރައްވާފައިވާ ހިނދުގައި، އޭނާ އެބައިމީހުންނަށް އެކަންތަކުގެ މައްޗަށް ނަޞޭޙަތްތެރިވެފައި ނުވާ މީހާއަށް ޤިޔާމަތް ދުވަހުގައި ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ އެވެ.“
ފަހެ، ނުރައްކާ ބޮޑުވެގެންވެ އެވެ. މިއީ އެތައް ބަޔަކަށް ކުރިމަތިވެފައިވާ ބޮޑުވެގެންވާ އިމްތިޙާނެކެވެ.
ދުޢާއަކީ، ﷲ ތަޢާލާ މުސްލިމުންގެ ޙާލަތު ހެޔޮ ޙާލަތަށް ގެންދަވައި މުސްލިމުންނަށް ދީނުގައި ޝަރީޢަތުގައި ފިޤުހުވެރިކަން ދެއްވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.