އެއް ރަކުޢަތުގެ ނަމާދެއްކޮށްފައި، މަސްޖިދު ސުންނަތުގެ ގޮތުގައި އިށީދެވޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް މަސްޖިދްގެ ނަމާދާއި މެދުގައި ބުނަމެވެ.

ޙަދީޘްގައިވެ އެވެ.

ޞަޙާބީ أبو قتادة الحارث بن ربعي -رضي الله عنه- ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކޮށްފައިވެ އެވެ. (إذا دخلَ أحدُكمُ المسجدَ فلا يجلِس حتَّى يصلِّيَ رَكعتينِ) މި ޙަދީޘް އިމާމް البخاري (1167)، އަދި مسلم (714) ރިވާކުރެއްވި އެވެ.

”ތިޔަބައިމީހުންކުރެ މީހަކު މިސްކިތައް ވަދެއްޖެހިނދު، 2 ރަކުޢަތް ނަމާދެއް ކޮށްފުމަށް ދާންދެން އެމީހަކު މިސްކިތުގައި ނުއިށީނުން ހުއްޓެވެ.“

އަދިވެސް ބުނަމެވެ. މަސްޖިދު ސުންނަތަކީ އޭގެ ޛާތުގައި ޤަޞްތުވެގެންވާ ނަމާދެއް ނޫނެވެ. އެބަހީ : މިސްކިތަށް ވަނުމަށްފަހުގައި ރަވާތިބު ސުންނަތުގެ 2 ރަކުޢަތެއް ނުވަތަ ފަރުޟު ނަމާދެއް ކުރި ކަމުގައިވީނަމަވެސް އެމީހަކަށް އެހިނދު އެވަނީ 2 ރަކުޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތުން ނަމާދު ކޮށްފަ އެވެ.

ވުމުން، ކޮންމެ ނަމާދަކުންވެސް މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް-މަސްޖިދު ޙާސިލްވާނެ އެވެ. އެއީ ވިތުރި ނަމާދު ކުރި ކަމުގައިވީނަމަވެސް އެވެ. ނުވަތަ ރަވާތިބް ސުންނަތް ކުރި ކަމުގައިވީނަމަވެސް އެވެ. ނުވަތަ ވުޟޫ ކުރުމަށްފަހު ވުޟޫގެ ސުންނަތް 2 ރަކުޢަތް ކުރި ކަމުގައިވީނަމަވެސް މަސްޖިދު ސުންނަތް ޙާޞިލްވީ އެވެ.

އެއަށްފަހު ސުވާލުގައި ޛިކުރު ކޮށްފައިވާ މިސްކިތަށް އެރި ވަޤުތަކީ ވިތުރީގެ އެއް ރަކުޢަތް ކުރުމުގެ ވަޤުތެއް ކަމުގައިވެފައި، އަދި އެ އެއްރަކުޢަތް ކުރުމަށްފަހު މިސްކިތުގައި އިށީނުން ހުއްދަވާނެ ހެއްޔެވެ؟

އިސްވެ ދިޔަ ފަދައިން، ފުޤަހާއިންގެ ބަސްފުޅަކީ، ދެ ރަކުޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތްތަކުން ކުރާ ކޮންމެ ނަމާދެއް، ކޮންމެ ނަމާދެއް ކަމުގައިވީނަމަވެސް ތަޙިއްޔަތުލް މަސްޖިދް (މަސްޖިދް ސުންނަތް) ގެ މަޤާމަށް ފުދޭނެކަމެވެ.

އެހެނަސް ފިޤުހު ޢިލްމުވެރިންގެ މެދުގައި މަސްޖިދް ސުންނަތުގެ މަޤާމުގައި 1 ރަކުޢަތް ކޮށްފައި އިށީނުން ހުއްދަވެގެންވާ ކަމުގެ މައްޗަށް އެބޭކަލުންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.

ޖުމްހޫރު ޢިލްމުވެރިންގެ ޤައުލަކީ، ނަބިއްޔާ ﷺ  ޙައްދު ކަނޑައަޅާފައިވާ މިންވަރަށްވުރެ މަދު ޢަދަދުން މަސްޖިދް ސުންނަތުގެ މަޤާމް އަދާ ނުކުރެވޭނެ ކަމެވެ. އެހެނީ ހަމަކަށަވަރުން މާތް ނަބިއްޔާ ﷺ  ހަދީޘްފުޅު ކުރައްވާފައިވެ އެވެ.

(إذا دخلَ أحدُكمُ المسجدَ فلا يجلِس حتَّى يصلِّيَ رَكعتينِ) ”ތިޔަބައިމީހުންކުރެ މީހަކު މިސްކިތައް ވަދެއްޖެހިނދު، 2 ރަކުޢަތް ނަމާދެއް ކޮށްފުމަށް ދާންދެން އެމީހަކު މިސްކިތުގައި ނުއިށީނުން ހުއްޓެވެ.“

ފަހެ، އެބޭކަލުން ޙަދީޘްގެ މައްޗަށް ވިދާޅުވެ އެވެ. 1 ރަކުޢަތަކީ މާތް ނަބިއްޔާ ކަނޑައެޅުއްވި މިންވަރަށްވުރެ މަދު ޢަދަދެކެވެ. ވުމުން އެއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.

މައްސަލައިގެ ދެވަނަ ބުނުމަކީ، ބައެއް ފުޤަހާއިން ވިދާޅުވެފައިވަނީ، 1 ރަކުޢަތަކީވެސް އެއީ ފުރިހަމަ ނަމާދެއްގެ ގޮތުގައި ވުމުން، ނަމާދެއްގެ ޙުކުމް ނަގާނެ ކަމެވެ.

އަދިވެސް ވިދާޅުވެފައިވެ އެވެ. 2 ރަކުޢަތް ކުރުމަކީ އެއީ ގިނައިން ނަމާދު ކުރުވޭ ގޮތް ކަމުގައި ވުމުން ނަބިއްޔާ އެފަދައިން ޙަދީޘްފުޅު ކުރެއްވީ އެވެ. އެއީ، 1 ރަކުޢަތަށް ކުރެވޭ ފުރިހަމަ ނަމާދެއް ނަފީ ކުރުމެއް ނޫނެވެ.

އެހެނަސް ޖުމްހޫރުން ވިދާޅުވެފައިވާ ފަދައިން، މި މައްސަލަ ފައިޞަލާ ކުރެވޭ ފާޅުކަން ބޮޑުވެގެންވާ ޙުއްޖަތެއްގެ ގޮތުގައި ޙަދީޘްވެ އެވެ.

ބުނަމެވެ. ޝައްކެތްވެސް ނެތެވެ. ޙުއްޖަތާއި ދަލީލަކީ އެންމެހައި ތަކެއްޗެއް މައްޗަށް އިސްވެގެންވާ އަދި އިސްކުރަން ޖެހޭނެ ޤައުލެވެ.

ވުމުން މައްސަލައިގައި ޖުމްހޫރު ޢިލްމުވެރިންގެ ޤައުލު ޙުއްޖަތާއި ދަލީލުން ބާރުގަދަވެގެންވެ އެވެ. އަދި އެ ގޮތުގައި ޤާއިމްވުން މާބޮޑަށް އަޥްލާވެގެންވެ އެވެ.

ވުމުން، އެއް ރަކުޢަތް ކޮށްފައި އިށީނުން ހުއްދަވެގެން ނުވާނެ އެވެ.

ދެ ރަކުޢަތް އެންމެ މަދު މިނުން ކޮށްފުމަށް ދާންދެން މިސްކިތުގައި އިށީނުން ހުއްދައެއް ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts