ދިގުކޮށް ޤުނޫތު ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މި ޒަމާނުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ ވާހަކަ ދެއްކުމާއި އެ ސުންނަތަށް ޢަމަލު ކުރުން ބީރައްޓެހިވެ އަދި ގިނަ ފަހަރު ތަކުގައި ސުންނަތަށް ޤަދަރާއި އަގު ނުދެވުމަކީ ނުހަނު ހިތާމަކުރަންޖެހޭ ކަމެކެވެ.
އެ ނަބިއްޔާގެ މީޘާލުން މިޘާލު ހޯދުމާއި އަދި ނަބިއްޔާ ގެ ނަމޫނާއިން ނަމޫނާ ލިބިގަނެ ނަބިއްޔާއަށް އެންމެހައި ކަންތައްތަކުގައި އިޤްތިދާވުމަށް އަމުރުކުރައްވައި އުއްމަތަކަށް އެކަލާނގެ ވަޙީ ކުރެއްވި އެވެ.
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا
ހަމަކަށަވަރުން، اللَّه ގެ ރަސޫލާ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.“
އަދި މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ.
ان خير الهدي هدي محمد ﷺ
ހަމަކަށަވަރުން އެންމެ ހެޔޮވެގެންވީ ހިދާޔަތަކީ محمد ﷺ ގެ ހިދާޔަތެވެ.“
ދަންނަ އެވެ. ޤުނޫތަކީ މާތް ނަބިއްޔާ އުނގަންނަވައިދެއްދި ދުޢާ އެކެވެ. އަދި މާތް ނަބިއްޔާ ﷺ ކާފަ ދަރިކަލުންނަށް ބަޔާންކޮށްދެއްވި ދުޢާއެކެވެ.
އެއީ އަހަރެމެން ހަދަހަދައިގެން ކިޔުމަށް، އެމީހަކަށް ފެނުނު ގޮތަކަށް އެމީހަކު ހިތް އެދޭހާ ގޮތަކަށް ކިޔުމަށް އޮތް އެއްޗެއްގެ ގޮތުގައި އެހިނދު ވޭ ހެއްޔެވެ؟
މާތް ނަބިއްޔާ ގެ އަރިހުން ދަރިވަރުވެ، އިސްލާމް ދީން މިސްތަކުންނަށް އުނގަންނައި ދެއްވުމުގެ އެންމެ ރިވެތި ނަމޫނާ ދެއްކެވި ބޭކަލުން، އާދެ! މާތް ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންނަކީ އުއްމަތުގެ އެންމެ ދީންވެރި، އެންމެ ތަޤްވާވެރި އެންމެ ހެޔޮލަފާ ޞާލިޙް ބޭކަލުންނެވެ.
ވިސްނާލުން ހުއްޓެވެ! އެ ބޭކަލުންތަށް ދުޢާ ކުރެއްވުމަށް ނަފްސުގައި އޮތް ޝައުޤުވެރިކަމަށްވުރެ ފުރިހަމަ އެހެން ބަޔަކު ވާނެ ހެއްޔެވެ؟ ދުޢާ ކުރުމާއި ﷲއަށް ދެންނެވުމަށް އެބޭކަލުންގެ ނަފްސުގައި ދަހިވެތިކަން އޮންނަ މިންވަރަށް އެހެންބަޔަކު ވާނެ ހެއްޔެވެ؟
މާތް ރޭތަކާއި މަތިވެރި ދުވަސްތަކުގެ ޝަރަފާއި ޤަދަރު އެނގިވަޑައިގެން މިފަދައިން ޤުނޫތު ކިޔުމުގައި އަދި ދިގުކޮށް ކިޔުމަށް އެބޭކަލުން ޤާއިމްވާނެ މިންވަރަށް އެހެން ބަޔަކަށް އެކަން ނުކުރެވޭނެ އެވެ.
އެބޭކަލުންގެ ދަމު ނަމާދު ނުވަތަ ޤިޔާމުލް ލައިލްގެ މިންވަރަކީ އިރާކޮޅުން ފެށިގެން ފަތިސް ވަޤުތު ކައިރިވުމާއި ހަމައަށެވެ. މި ފަދަ ދިގު ނަމާދެއް އެބޭކަލުން ކުރެއްވިހިނދު، އެބޭކަލުންނަށް ޤުނޫތު ދިގުކޮށް ވިދާޅުވުމަށް ބުރައަކަށް ވާނެ ހެއްޔެވެ؟
އެހެނަސް އެބޭކަލުން ޤުނޫތު ދިގު ނުރައްވަ އެވެ.
އަޚާ އެވެ! މި ބޭކަލުންނަށްވުރެ ދީންވެރި އެހެންބަޔަކު ފާޅު ނުވާނެ އެވެ. މި ބޭކަލުންނަށް ތަބަޢަވުމަށާއި އެބޭކަލުންގެ ޢަމަލުން ޢަމަލު ހޯދުމަށް ގިނަގުނަ އަމުރުފުޅުތަކެއް އޮތްކަން ހަނދާނަށް ގެންނަން ޖެހެ އެވެ.
ފަހެ، އެބޭކަލުން އެންމެ ގިނަ ވަޤުތަކަށް ވިތުރީގެ ޤޫނޫތު ދިޤުކޮށް ވިދާޅުވެފައިވަނީ، ކީރިތި ޤުރުއާނުގެ و الليل اذا يغشى ގެ މިންވަރަށެވެ.
މިއީ މިއަދު ވަޤުތުގެ ގޮތުން ބުނާނަމަ، ދޮޅުމިނިޓްހާ އިރު އެވެ.
މިއަދު މައްކާގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ محمَّد بن عُمر بن سَالم بازمُول – حفظه الله ވިދާޅުވެފައިވެ އެވެ. ”ޚާއްޞަކޮށް ވިތުރީގެ ޤުނޫތު ދިގުކޮށް ކުރުމަކީ ސުންނަތެއް ނޫނެވެ. އެކަން ބަޔާންވެގެންވަނީ، ރަސޫލާ ކުރެއްވެވި އެންމެ ދިގު ދުޢާ ޞުރަތް وَاللَّيْلِ إِذَا يَغْشَى (މި ޞޫރަތުގެ ދިގުމިނަށްވުރެ) އިތުރެއް ނުވެ އެވެ.
ބައެއް އިމާމުންގެ ފާރަތުން ޤުރުއާން ކިޔަވާ މިންވަރަށްވުރެ ދިގުކޮށް ޤުނޫތު ކިޔާތަން، އަދި 2 ރަކުޢަތް ނަމާދެއްގެ ދިގުމިނަށްވުރެ ދިގުކޮށް ޤުނޫތު ކިޔާތަން އަހަރެންނަށް ފެނިފައިވެ އެވެ.
ނާމަދުގައި އިމާމްވެ ނަމާދުކުރާ މީހާ ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ތިބާގެ ފަހަތުގައި މީސްތަކުން ރަކުޢަތްތައް ކުރުމުގައިވެ އެވެ. (މާނައަކީ : ތިޔަ އިމާމް އަކީ އެކަނި ހުރެ ނަމާދުކުރާ މީހެއް ނޫނެވެ.) ފަހެ، ވިތުރީގެ ނަމާދާއި ހަމައަށް އަންނަހިނދު އެބައިމީހުން ތިބެނީ ވަރުބަލިވެފަ އެވެ. ފަހެ، ޤުނޫތުގެ ދުޢާ ދިގުކުރުމުން ހަމަކަށަވަރުން އެބައިމީހުންގެ ވަރުބަލިކަން އިތުރުވެގެންދެ އެވެ. އަދި އެބައިމީހުން ވަނީ އެހިނދު ޚުޝޫޢަތް ތެރިކަން ގެއްލިފަ އެވެ. والله الموفق.“
ވުމުން މައްސަލަ ސާފުވެއްޖެކަމަށް އުއްމީދު ކުރަމެވެ.
އަދިވެސް އިތުރަށް ބަޔާންކޮށް ބުނަމެވެ.
ވިތުރީގައި ކިޔާ ޤުނޫތަކީ ﷲ ގެ ނަބިއްޔާ އެ ނަބިއްޔާގެ ކާފަ ދަރިކަލުން الحسن بن علي بن ابي طالب އަށް އުނގަންނަވައި ދެއްވި ހެޔޮވެގެންވާ ދުޢާއެކެވެ.
ޖަވާމިޢު ދުޢާ އެކެވެ. ވަކި ޚާއްޞަ ލަފްޟުތަކެކެވެ. އެ ލަފޟޫތައް މިތަނުގައި ބަޔާން ކުރަމެވެ.
اللهمَّ اهدِني فيمن هدَيْتَ ، وعافِنِي فيمن عافيْتَ ، وتولَّنِي فيمن توليْتَ ، وبارِكْ لي فيما أعطيْتَ ، وقني شرَّ ما قضيْتَ ، فإِنَّكَ تقضي ولا يُقْضَى عليْكَ ، وإِنَّه لا يَذِلُّ من واليْتَ ، تباركْتَ ربَّنا وتعاليْتَ
މާތް ނަބިއްޔާ އުނގަންނަވައި ދެއްވި މިންވަރަކީ އެންމެ ހެޔޮ އަދި އެންމެ މޮޅު އަދި އެންމެ ފުރިހަމަ ގޮތެވެ. ދުޢާގެ ލަފްޟުތަކަށް ތަދައްބުރުކޮށްފިހިނދު، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމާއި ބާއްޖަވެރިކަމެއް އަދި ކާމިޔާބީއާއި ފަލާޙެއް މިދުޢާގެ ލަފްޟުތަކުގައިވެ އެވެ.
ބުނެވޭ ކަހަލަ އެވެ! އެއްވެސް އެއްޗެއް އިތުރަށް އިތުރު ނުކުރި ކަމުގައިވީނަމަވެސް ފުދެ އެވެ.
ސުންނަތުގެ އަހުލުވެރިން އެންމެހައި ޢަމަލުތަކެއްގައިވާހުށީ ސުންނަތުގެ މިންގަނޑުގަ އެވެ. ސުންނަތް އެއީ އެންމެ ހެޔޮ އިޤްތިޞާދުވެގެންވާ މިންވަރެވެ.
ފަހެ، މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން މި ދުޢާގެ ތެރެއަށް އިތުރު ދުޢާތަކެއް ނިންމާލުމުގެ ކުރިން އިތުރު ކުރައްވާފައިވާކަން ބަޔާންވެ އެވެ. އެހެނަސް އެއީ ވަރަށްމަދު މިންވަރަކަށެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ރަސޫލާ ކުރެއްވެވި އެންމެ ދިގު ދުޢާ ޞޫރަތް وَاللَّيْلِ إِذَا يَغْشَى (މި ޞޫރަތުގެ ދިގުމިނަށްވުރެ) އިތުރެއް ނުވެ އެވެ.
މިއީ މިޒަމާނުގެ ވަޤުތަށް ބަލައިފިނަމަ ގާތްގަނޑަކަށް އެންމެ ދިގުކަމުގައިވީނަމަވެސް ދޮޅު މިނިޓް އެވެ.
ވުމާއެކު ޤުނޫތުގެ ދުޢާގެ ތެރެއަށް اللهُّم إِنَّكَ عَفُوٌّ تُحبُّ العَفْوَ فَاعفُ عَنِّيْ އަދި رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ކިޔައިފިހިނދު ފުދިއްޖެ އެވެ. ދެދުނިޔޭގައި ބޭނުންވެފައިވާ އެންމެހައި ކަންތަކެއް ޙާޞިލްވެއްޖެފަދަ އެވެ.
ފަހެ، ނަބިއްޔާ ވިތުރީގައި އެންމެ ފަހު ދުޢާއެއްގެ ގޮތުގައި މިކަލިމަތައް اللهمَّ إِنَّا نَعُوْذُ بِرِضَاكَ مِنْ سَخَطِكَ وَبِعَفْوِكَ مِنْ عُقُوْبَتِكَ ، وَبِكَ مِنْكَ ، لَا نُحْصِيْ ثَنَاءً عَلَيْكَ ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ ވިދާޅުވާ ކަމުގައި ޙަދީޘްގައިވެ އެވެ.
އެއަށްފަހު ޞަލަވާތް ކިޔަވައި ނިންމައި ސަޖިދައަށް ދާނީ އެވެ.
ފަހެ، އިސްވެ ބަޔާންވެދިޔައީ މި ޢަމަލު އެންމެ ހެޔޮވެގެންވާ ގޮތެވެ.
ދަންނަ އެވެ. ނުހަނު ކުރީއްސުރެން ފަށައިގެން ޤުނޫތު ދިގުކޮށް ކިޔުން އެއީ ކަރާހަތްތެރިވެގެންވާ ޢަމަލެއް ކަމުގައި ޢިލްމުވރިން ވިދާޅުވެފައިވެ އެވެ.
الحافط البغَوِي -رحمه الله ވިދާޅުވެފައިވެ އެވެ ހިޖުރައިން 516ގައި ދުނިޔެ ދޫކުރެއްވި އިމާމް
”ޤުނޫތު ދިގުކުރުން މަކްރޫހަވެގެންވެ އެވެ.“ المجموع 3-499
الإِمام ابن بَاز – رحمه الله ވިދާޅުވެފައިވެ އެވެ. ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ
”ޤުނޫތުގައި ސުންނަތްވެގެންވަނީ ދިގު ނުކުރުމެވެ. އަދި ވާރިދުވެގެންވާ ޖަވާމިޢުއް ދުޢާތަކުގެ މައްޗަށް އެކަނި ޚާއްޞަކުރުމެވެ.“ مجموع فتاوى 11-357
ފަހުގެ ދުވަސްތަކުގައި ދުނިޔެދުށް އެންމެ ބޮޑެތި ފިޤުހުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންންވާ الإِمام ابن العُثَيمِين – رحمه الله ވިދާޅުވެފައިވެ އެވެ.
”މީސްތަކުންނަށް ބުރަވާ މިންވަރަށް ދިގުކުރުން ނަހީކުރެވިގެންވެ އެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم- معاذ ابن جبل (އިމާމްވެ ކުރެއްވި) ނަމާދު ދިގުކޮށް ކުރެއްވިކަން އެނގިވަޑައިގެންނެވުމުން ދުވަހަކުވެސް ވަޢުޟެއް ދެއްވުމުގައި ކޯފާވެވަޑައިނުގަންނަވާ މިންވަރަށް ކޯފާފުޅުވި އެވެ… ފަހެ، އެދެވިގެންވަނީ ވާރިދުވެގެންވާ ކަލިމަތަކުގެ މައްޗަށް ކުރުކޮށްލުމެވެ.“ مجموع فتاوى 14-80
ޤުނޫތާއި މެދުގައި ކޮށްފައިވާ ސުވާލުގެ މައްޗަށް އަދިވެސް އިތުރަށް ބަޔާން ކުރަމެވެ.
މިއަދު ޤޫނޫތު ކިޔުމާއި ނަމާދުގައި ކުރެވޭ ދުޢާތައް ވަރަށްވެސް ގިނަފަރާތްތައް -ﷲ މި މީސްތަކުންނަށް ހިދާޔަތް ދައްވާށި އެވެ.- ދުޢާތައް ވަނީ ކީރިތި ޤުރުއާން ކިޔެވުމާއި އެއްފަދަ ކޮށްފަ އެވެ. ޤުރުއާން ތިލާވަތް ކުރުން އަދި ދުޢާކުރުން އެއްފަދަ އެވެ. ރާގަށް ރިވެތިކޮށް ތިލާވަތް ކުރެ އެވެ. ފަހެ، މިއީ ކޮންފަދަ ޢަމަލެއްކަން އެބައިމީސްތަކުންނަށް ނޭނގެނީބާ އެވެ.
ހިޖުރައިން 861 ގައި ދުނިޔެ ދޫކުރެއްވި الإِمَام محمد ابن الهُمَام الحَنَفِي -رحمه الله- ވިދާޅުވެފައިވެ އެވެ.
”“ދުޢާ ކުރުމުގައި ދަމަދަމާފައި ކުރުމާއި އަދި ޙައްދުފަހަނައަޅާ މިންވަރަށް އަޑު އުފުލުމާއި، އަޅުކަމުގެ އެއްވެސް ނިޔަތެއްނެތި ހަމައެކަނި ހުނަރުވެރިކަން ދެއްކުމަށްޓަކައި ރާގު ތަކުގައި މަޝްޣޫލުވުން ފަދަ މިހާރު މި ޒަމާނުގައި ފެންނަ ކަންތައްތަކަކީ އޭގެ ސަބަބުން ދުޢާ އިޖާބަވުމަށް މެދުވެރިވާ ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ ދުޢާ ރައްދުވުމަށް އޮތް ސަބަބުތަކެވެ.
މިހާރު މި ޒަމާނުގައި ޤާރީވެރިން ކަންތައްކުރާ ފަދައިން އެކި ރާގުތަކުގެ ބައްޓަމަށް ދުޢާ ކުރުމަކީ، ދުޢާގެ މާނަ ދަންނަ މީހަކު ކޮށްފާނެ ކަމެއް ކަމުގައި އަހަރެން ނުދެކެމެވެ. އެހެނީ، އެފަދައިން ޢަމަލު ކުރުމާ ވަތްތަރީ ކުޅިވަރެއް ކަމުގައި މެނުވީ ނުވެ އެވެ. އެހެނީ ރަސްކަލެއް ކައިރިއަށް ޙާޖަތަކަށް އެދި އަންނަ މީހާ، އޭނާގެ އެ ޙާޖަތަށް އެދި ވާހަކަ ދައްކާއިރު އަޑު ތިރިކޮށް އަދި އުފުލައި، މިއުޒިކީ މޭރުމަށް އަޑު ކަރުތެރޭގައި ތަކުރާރު ކުރަމުން ވާހަކަ ދައްކާނަމަ، އެފަދަ މީހާގެ ޤަޞްދަކީ ސަމާސާކޮށް ކުޅިވަރު ކުޅުން ނޫނީ މަލާމާތް ކުރުން ކަމުގައި ބެލެވޭނެކަން ކަށަވަރެވެ. އެއީ، ޙާޖަތަކަށް އެދޭ ދަތިޙާލަތުގެ ވަޤުތުގައި އެކަށީގެންވަނީ ދެރަ ނިކަމެތިވުމެވެ. އެއީ ރާގު ރާގަށް ކިޔުމަށް އޮތް ދަޑިވަޅެއް ނޫނެވެ. އެހެން ކަމުން އެނގި ފާޅުވަނީ އެކަންތައްތަކަކީ އަބާއްޖަވެރިކަމާއި (ދުޢާ އިޖާބަވުން) މަޙްރޫމުވުމުގެ ސަބަބުތައް ކަމެވެ.“ ފަތުވާ ނަގާފައިވަނީ : فتح القدير 1-229
މިއަދު މަދީނާގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ العَلاَّمَة عُبَيد الجَابري -حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އަހަރެމެން އުއްމީދު ކުރަނީ މި އިމާމް އަކީ ސަލަފީ އެއް ކަމުގަ އެވެ. އެހެނަސް ޤިޔާމުއް ލައިލް ގައި ދުޢާކުރާ ހިނދުގައި އޭނާ ވަރަށް ދިގުކޮށް ދުޢާ ކުރެ އެވެ. މާނައީ: ޤުނޫތު ދިގުކޮށް ކިޔުމާއި ރާގަށް ކިޔުމެވެ.
ފަހެ އޭނާގެ މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ جزاكم الله خيرا.
ޖަވާބު : ފަހެ، އަހަރެން ތިފަދަ ވައްތަރުގެ މީހުންގެ ފަހަތުގައި ނަމާދު ނުކުރާނަމެވެ. އަހަރެން އެޙާލުގައި ގޭގައި ނަމާދުކުރުން މާ ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ ތިޔައީ ބިދުޢައެކެވެ. އެހެނަސް ސަޖިދަ ދިގުކުރުން، އާއެކެވެ. ރޭއަޅުކަމުގައި ސަޖިދަ ދިގުކުރުން ވެ އެވެ. ބަލިމިހާ، ނުކުޅެދުންތެރިޔާ އޭނާއަށް ކުޅަދާނަވީ މިންވަރަކަށް ސަޖިދަ ދިގުކުރާނީ އެވެ. އެހެނަސް ދުޢާ ކުރުމުގައި ދިގުކުރުމަކީ ސުންނަތުގައިވާ ކަމެއް ނޫނެވެ.
ސުވާލު ކުރާ މީހާ : ސުވާލުގައި ބަޔާންކޮށްފައިވަނީ، ދުޢާ ދިގުކުރުމާއި ރާގު ރާގަށް ކިޔެވުމެވެ.
ޝެއިޚް : ދުޢާކުރާ ހިނދުގައި ރާގަށް ކިޔެވުންތޯ؟
ސުވާލު ކުރާ މީހާ : އާއެކެވެ.
ޖަވާބު :ތިޔައީ ބިދުޢަވެރި މުންކަރާތެކެވެ. ޞަޙީޙުގައި عَائِشَة رضي الله عنها ވިދާޅުވެފައިވެ އެވެ. ”ރަސޫލާ صلى الله عليه وسلم ދުޢާކުރައްވާ ހިނދުގައި ޖަވާމިޢު ދުޢާ އިޚްތިޔާރު ކުރައްވަ އެވެ. އަދި އެނޫން ދުޢާތައް ދޫކޮށްލައްްވަ އެވެ.“
ފަހެ، ތިޔަބައިމީހުންނަށް ވަރަށްވެސް ގިނަ މިސްކިތްތަކުން އަޑުއިވޭ ދުޢާތަކަކީ މީސްތަކުން އަމިއްލައަށް ހަދާފައިވާ ދުޢާތަކެވެ. އަދި ދުޢާ ކުރާ ހިނދުގައި ރާގަށް ކިޔެވުމަކީ ބިދުޢަ އެކެވެ. ފަހެ، މިތަނުގައި ދެ ގޮތުގައި ބިދުޢަވެ އެވެ. ދިގުކޮށް ދުޢާ ކުރުމާއި އަދި އަމިއްލައަށް ހަދައިގެން ދުޢާ ކުރުމާއި ރާގަށް ކިޔުމެވެ.“ (ސުވާލުގެ ޖަވާބު ނިމުނީ)
މިއީ އަދުގެ ޙާލަތެވެ. ގިނަ މީސްތަކުންގެ ޙާލަތެވެ. ސުންނަތަށް އޮތް ބީރަށްޓެހި ކަމުގެ ބޮޑުކަމާ އެވެ. والله المستعان
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.