މަޙްރަމަކާ ނުލައި އަންހެނަކަށް ހައްޖަށް ދިއުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާ އެވެ! ﷲ އަހަރެމެންނަށް ޤުރުއާނާއި ސުންނަތުގެ މަގަށް މަގުދައްކަވައި ބާޠިލް ބަސްތަކާއި ޢަމަލުތަކުން އަހަރެމެން ދުކޮށްދެއްވާށި އެވެ.
އަޚާ އެވެ! ދަލީލު ފާޅުވެ ބަޔާންވުމަށްފަހު އެއްވެސް އެހެން މީހެއްގެ ބަސް، ކަނޑައެޅިގެން ޤުރުއާނާއި ޙަދީޘްއާއި ފުށުއަރާހިނދު ޤަބޫލު ކުރެވޭނެ ތޯ އެވެ؟ ނުވެވޭނެ އެވެ. މިއީ ހަމަ މުސްލިމަކު ބުނާނެ އެއްޗެއްވެސް ނޫނެވެ.
ޙަދީޘްގައިވެ އެވެ. (لا تُسافِرُ المرأةُ إلا مع ذِي مَحْرَمٍ، ولا يَدْخُلُ عليها رجلٌ إلا معها مَحْرَمٌ) صحيح الجامع 7301 ”މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ. އަދި އަންހެނެއްގެ ގާތަށް މަޙްރަމަކު ނެތި ފިރިހެނަކު ވަދެގެން ނުވާނެ އެވެ.“
رسول الله ﷺ ޙަދީޘް ކުރެއްވި އެވެ. (لَا تُسَاِفر المَرأَةُ إِلاَّ مَعَ ذِيْ مَحْرَم، وَلاَ يَدْخُل عَلَيْهَا رَجُلٌ إِلاَّ وَمَعَهَا مَحْرَمٌ، فَقَالَ رَجُلٌ: يَا رَسُوْلَ اللهِ! إِنِّيْ أُرِيْدُ أَنْ أَخْرُجَ فِيْ جَيْشٍ كَذَا وَكذَا، وَامْرَأَتِيْ تُرِيْدُ الحَجَّ؟ فَقَالَ: اُخْرُجْ مَعَهَا)
”މަޙްރަމަކާ ނުލައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެއެވެ. އަދި އަންހެންމީހާގެ މަޖްލިސް އަށް މަޙްރަމެއް ނެތި ފިރިހެނަކު ވަދެގެން ނުވާނެއެވެ. ފަހެ އެހިނދު މީހަކު ބުންޏެވެ. ﷲ ގެ ރަސޫލާ އެވެ. އެވެނި މިވެނި ހަނގުރާމައަކަށް ދިއުމަށް ލަޝްކަރާއެކުގައި ނުކުތުމަށް އަހަރެން ބޭނުމެވެ. އަހަރެންގެ އަނބިމީހާވަނީ ޙައްޖު ކުރުމަށް ނުކުމެ އެވެ. ފަހެ، އެހިނދުގައި ޙަދީޘް ކުރެއްވިއެވެ. އަނބިމީހާ އެކުގައި ދާށެވެ.“ البخاري (1862) مسلم (3272)
މި ޙަދީޘްގައި ޞަރީޙަ ޢިބާރާތުން ބަޔާންވެގެންވަނީ އަނބިމީހާ ޙައްޖު ދަތުރަށް ނުކުތުމަށް މަޙްރަމެއް ނެތި ހިނގައްޖެކަމެވެ.
އެހިނދު ޖަވާބަކީ ކޮބައިތޯ އެވެ؟ ޢިއްދަކެނޑިފައިވާ އަންހެނެއްތޯ ހެއްޔެވެ؟ ޢުމުރުން 50 އަހަރުވެއްޖެ ތޯ އެވެ؟ އަންހެނުންގެ ޖަމާޢަތަކާ އެކުގައި ތޯ އެވެ؟
އަޚާ އެވެ! މިއީ މިއަދު މަޙްރަމުން ނުލައި ދަތުރު ކުރުމަށް ދައްކާ އެކިއެކި ވާހަކަތަކެވެ. އެހެނަސް މާތް ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދަކީ މަޙްރަމެއް ހުރިތޯ ނުވަތަ ނޫންތޯ އެވެ.
ހަނގުރާމައަށް ނުކުތުމަށް ތައްޔާރުވެފައިވާ މަޙްރަމުއަށް އަމުރުފުޅު ކުރެއްވީ އަނބިމީހާގެ މަޙްރަމު ގޮތުގައި ހަނގުރާމަ ދޫކޮށް ދިއުމަށެވެ؟ މިއަށްވުރެ އުއްމަތަށް ނަޞޭޙަތެރިވާނެ ފަރާތްތަކެއްވަނީ ހެއްޔެވެ؟ ނަޞޭހަތްތެރި ވުމަށް އުއްމަތަށް މިއަށްވުރެ ހެޔޮ އެދޭ ފަރާތްތަކެއްވަނީ ހެއްޔެވެ؟
މިފަދަ އެއްވެސް ބަހަނާއެއް އަދި ބަސްތަކަކީ އެއްްވެސް ޙުއްޖަތެއް އަދި ދަލީލެއްގެ މައްޗަށް ބުނެވޭ ބަސްތަކެއް ކަމުގައިނުވެ އެވެ. މުއުމިނު އަޅާއަށް އޮތީ ނަފްސުގެ މައްޗަށް މި ދަލީލުތައް ނެރެ ދަލީލުތަކުގެ މަތީގައި ޤާއިމްވެ ދެމިހުރުމެވެ. ޙަޤީޤަތުގައި މިއީ ޢިލްމުވެރިންގެ ބަސްފުޅުތަކެއްބވެސް ނޫނެވެ. ޢިއްދަ ކެނޑިފައި، 45 ނުވަތަ 50 އަހަރުވެއްޖެ އެވެ.
މިއަދު ދުނިޔެ މަތީގައިވާ ސުންނަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ.
”މިބައިމީހުން (ބާޠިލް ބަސްތައް ބުނާ މީހުން) ބުނެފައިވެ އެވެ. މަޙުރަމު ގޮސް އަންހެންމީހާ ފްލައިޓަށް އަރުވާނީ އެވެ. އަދި އަނެއް މަޙްރަމު އަންހެން މީހާ ދާން ބޭނުންވާ މަންޒިލުން އިސްތިޤްބާލު ކުރާނީ އެވެ. ސަބަބަކީ ފްލައިޓަކީ އަމާންކަމުގައިވާ އެއްޗެކެވެ. އެމީހުންގެ މިކަމުގެ ދަޢުވާއަކީ ފްލައިޓުގައި ގިނަ ފަސެންޖަރުންގެ ގޮތުގައި ފިރިހެނުންނާއި އަންހެނުން ތިބޭތީ އެވެ.
އެބައިމީހުންނަށް އަހަރެމެން ބުނަމެވެ. ހަމަހިލާ އެހެނަކުން ނުވާނެ އެވެ. ފްލައިޓަކީ އެހެން ތަކެއްޗަށްވުރެން ނުރައްކާތެރިކަން ބޮޑު އެއްޗެކެވެ. ސަބަބަކީ އޭގައި ފަސެންޖަރުންވަނީ މައްސުނި ވެގެންނެވެ. ފަހަރެއްގައި އަންހެންމީހާ ހިލޭ ފިރިހެނެއްގެ ގާތުގައި އިށީންނަން ޖެހެ އެވެ..“
الحافظ النووي ވިދާޅުވެފައިވެ އެވެ.
”ފަހެ، މިތަނުން ޙާޞިލްވާ އެއްޗަކީ، ހަމަކަށަވަރުން ދަތުރެއް ކަމުގައި ބުނެވޭ އެންމެހައި ދަތުރުތަކެއްގައި އަންހެނުން އެބައިމީހުންގެ ފިރިމީހާ ނެތި ނުވަތަ މަޙްރަމެއް ނެތި ދަތުރުކުރުން ނަހީކުރެވިފައިވުމެވެ. އެއީ ތިން ދުވަހުގެ މުއްދަތަށް ނުވަތަ ދެ ދުވަހުގެ މުއްދަތަށް ނުވަތަ އެއް ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދަތުރުކުރި ކަމުގައިވިޔަސް އެވެ. އެއީ مسلم ގެ ރިވާތަޔުގައި މުޠްލަޤުކޮށް އައިސްފައިވުމެވެ. އެއީ ކުރީގައި ގައި ބަޔާންކުރެވުނު ރިވާޔަތެވެ. (لا تسافر امرأة إلا مع ذي محرم) މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ.
ފަހެ، މި ޙުކުމްގެ ތެރެއަށް އެއީ ދަތުރެއް ކަމުގައިބުނެވޭ އެންމެހައި ދަތުރުތަކެއް ވަންނާނެ އެވެ. والله أعلم“ شرح صحيح مسلم 9 -103
އެއްވެސް ޙާލަތެއްގައި، އެއްވެސް ގޮތެއްގައި އަންހެނަކަށް އެ ދަތުރަކީ އަމާން ދަތުރެކޭ ބުނެ ދަތުރު ކުރުން ޙަލާލެއް ނުވާނެ އެވެ. އަދި ކިޔެއްތަ އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައި މެނުވީ ނުވެ އެވެ.
الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ” ވާޖިބު ޙައްޖު ކުރުމަށްޓަކައި އަންހެނަކަށް، އަންހެނުންގެ ޖަމާޢަތަކާ އެކުގައި ދަތުރު ކުރެވިދާނެ ކަމަށް ދީފައިވާ ފަތުވާއަކީ ސުންނަތާއި ޚިލާފު ވެގެންވާ ފަތުވާ އެކެވެ.“
ފަހުގެ ދުވަސްތަކުގައި ދުނިޔެދުށް ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ العَلاَّمَة عَبدُ الله بن إبراهيم القرعاوي ވިދާޅުވެފައިވެ އެވެ.
ސުވާލު : މަޙްރަމެއް ނެތި އަންހެނަކު ދަތުރު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”މަޙްރަމެއް ނެތި އަންހެނަކު ދަތުރުކުރުން ޙަރާމްވެގެންވެ އެވެ. އެއީ ގިނަ އަންހެނުންތަކަކާ އެކުގައި ކަމުގައިވީ ނަމަވެސް އެވެ. ސަބަބަކީ ޙަދީޘްފުޅުގައިވެ އެވެ. (لا تُسَافِر المَرأة إلا و مَعَها ذو مَحرم) ”މަޙްރަމަކާ އެކުގައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ.“ أسئلة و أجوبة عن المرأة المسلمة ص 15
ވުމުން އަޚާ އެވެ!
އެތަނުގެ އަހުލުވެރިން އެއީ ދަތުރެއް ކަމުގައި ދެކޭ ކޮންމެ ދަތުރަކީ ޝަރުޢީގޮތުން ދަތުގެ ޙުކުމް ލިބިފައިވާ ދަތުރުގެ ގޮތުގައިވެ، އަންހެނަކު މަޙްރަމެއް ނެތި ދަތުރުކުރުން ޙަރާމްވެގެންވެ އެވެ.
އެއްވެސް ދަތުރެއްގައި އަންހެނަކު މަޙްރަމެއް ނެތި ދަތުރު ކުރުން ދީނުގައި ހަރާމްވެގެންވެ އެވެ. ފަހެ، އެކަމަށް އައިސްފައިވަނީ އެންމެ ޙަދީޘެއް ނުވަތަ 2 ޙަދީޘެއް ނޫނެވެ. ގިނަ ޙަދީޘްތަކެކެވެ.
ވުމުން ޝަރުޢީ ޙުކުމަށް ރުޖޫޢަވެ ބޯލެނބުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.