އަންހެނުންގެ ހެދުން ޒީނަތް ފާޅުވާގޮތަށް ފެހުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ފެހުމާއި އަދި ފަހައި ތައްޔާރު ކުރާ ހެދުންތަކުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ސުވާލުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލަތަކަށް އިޝާރަތް ކޮށްފައި ވުމުން ކޮންމެ ބަޔަކަށް ވަކިން ޖަވާބުދެމެވެ އެވެ.
ފުރަތަމައީ : އެ ހެދުންތަކަކީ ބޭރުތެރެއަށް ނުކުންނަހިނދު ބޭނުން ނުކުރާނެ އަދި ގޭތެރޭގައި ބޭނުން ކުރާ ހެދުންތައް ގޮތުގައި ފަހާ ހެދުމެވެ.
މި ފަދަ ހެދުންތަކާއި އަދި އެފަދަ ހެދުންތަކުގެ އަޞްލަކީ ދީނުގައި ހުއްދަވުމެވެ. ވުމުން މިފަދަ ހެދުންތައް ފެހުމަކީ އޭގައި މަނާކަމެއް އެކުލެވިގެންވާ ކަމެއް ނޫނެވެ.
އެހެނަސް ދަންނަ އެވެ. ހެދުން ފަހާ މީހާއަށް އެ ހެދުން ފަހައިދިނުމަށް އެދޭ އަންހެން މީހާ އެނގި ބަޔާންވެ، އެ ގޮތުން ގޭތެރޭގައި ކަމުގައިވީނަމަވެސް، އެ ހެދުމަކީ ހަށިގަނޑަށް ނުހަނު ބާރުކޮށް ހަށިގަނޑުގެ ވަނާތަކާއި ބައްޓަން ފާޅުކޮށް އެނގި ބަޔާންވާ ފަދައިން އެމީހެއްގެ ހަށިގަނޑަށް ފަހައިދޭ ހެދުމެއް ކަމުގައިވާނަމަ އެކަމުން ދުރުވުން ހުއްޓެވެ. ސަބަބަކީ ޢިލްމުވެރިންގެ ބަސްފުޅުތަކުން ބުރަވަނީ މިއީ ޝަރުޢުގައި އަންހެނުންނަށް ހަށިގަނޑު ނިވާކުރުމަށް ހުއްދަވެގެންވާ ފޭރާމެއް ނޫން ކަމެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި މި ފަހުގެ ދުވަސްތަކުގައި ދުނިޔެމައްޗަށް ފާޅުވި އެންމެ ބޮޑު ސުންނަތުގެ އެއް އިމާމު الشيخ عبد العَزِيز بن باز -رحمه الله- އަރިހުގައި ސުވާލު ކުރެވުނުހިނދު ވިދާޅުވެފައިވެ އެވެ.
ސުވާލު : އަންހެނުންގެ ކުރިމަތީގައި އަންހެނަކު ހަށިގަނޑަށް ބާރު ހެދުން ލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި އެ ހެދުމުގެ މަތިން ޖިލްބާބެއް ނުވަތަ ޢަބާޔާއެއް ލައިގެން ގެއިން ބޭރަށް މިޘާލަކަށް ހަމައެކަނި އަންހެނުން ގެ ސުކޫލްފަދަ ތަނަކަށް ނުކުތުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖަވާބު : ”ހަށިގަނަޑަށް ބާރު ހެދުން މުޠްލަޤުކޮށް ހުއްދައެއް ނުވާނެ އެވެ. އަންހެނުންގެ ކައިރީގައި އަދި ފިރިހެނުންގެ ކައިރީގައިވެސް އެވެ. ސަބަބަކީ އެ (ފޭރާމަކީ) ޢަޥްރަ ބައްޓަން ކޮށްދޭ (ސިފަކޮށްދޭ) ފޭރާމެކެވެ. އަދި މީސްތަކުން ފިތުނަވެރި ކުރެ އެވެ. ފަހެ، ވާޖިބު ވެގެންވަނީ މިފަދަ ތަކެތިން ރައްކާތެރިވެ ސަމާލުވުމެވެ. ފޭރާމަކީ ހަށިގަނޑަށް ބާރު ނޫން އަދި ޢަޥްރަ ބަޔާންނުކޮށްދޭ ފަދަ މެދުމިންގަނޑުގެ ފޭރާމެއް ކަމުގައިވުމެވެ. ފިރިހެނުންނާއި އަދި އަންހެނުންނަށް ވާޖިބުވެގެންވަނީ މިފަދައިންނެވެ. އެ ފޭރާމަކީ ހަށިގަނޑުގެ ޢަޥްރަ ސިފަކޮށް ބައްޓަން ނުކޮށްދޭނެ މެދު މިންގަނޑުގައިވާ ފޭރާމެއް ގޮތުގައިވުމެވެ. އަދި ހަށިގަނޑުގެ ޢަޥްރައިން ބައެއް ކަޝްފުވެ ސިފަވާ ވަރަށް އެހާމެ ފުޅާ ފޭރާމެއް ކަމުގައިވެސް ވެގެން ނުވާނެ އެެވެ. އެހެނަސް އެ ދެމެދުގައިވާ ފޭރާމެއް ކަމުގައިވާން ޖެހެ އެވެ.“
މިފަދަ ހަށިގަނޑަށް ބާރު ހެދުން ލުމުގެ މައްޗަށް މިއަދު ދުނިޔެމަތީގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު الشيخ د. صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ! ޝެއިޚް އަށް ﷲ ތަޥްފީޤު ދެއްވާށި އެވެ. އަންހެން މީހާގެ ގާތް ތިމާގެ މީހުންގެ ކުރިމަތީގައި އަންހެނުން ހަށިގަނޑަށް ބާރު ހެދުން އަންހެނުން ލައިގެން އުޅުމުގެ ޙުކުމަކީ ކޮބައި ތޯ އެވެ؟ އަދި ހަމަ އެފަދައިން އެކި އެކި ޙަފްލާ ތަކުގައި އަންހެނުންގެ ކުރިމަތީގައި ހަށިގަނޑަށް ބާރު ހެދުން ލައިގެން އުޅުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”ހަށިގަނޑަށް ބާރު ހެދުން ލުން އަންހެނުންނަށް ހުއްދައެއް ނުވާނެ އެވެ. ނަރަކައަށް ބިރުގަންނަ ނަމަ، އަންހެނުންގެ ކުރިމަތީގައިވެސް އަދި މަޙްރަމުންގެ ކުރިމަތީގައި ކަމުގައިވީނަމަވެސް އެވެ. އަދި ހިލޭ މީހުންގެ ކުރިމަތީގައިވެސް އެފަދަ ހެދުން ލައިގެން އުޅުން ހުއްދައެއް ނުވާނެ އެވެ. (އަންހެން މީހާ، އެބައިމީހުންގެ ކުރިމަތީގައި ލައިގެން ހުންނަ ފޭރާމަކީ) ހަށިގަނޑަށް ފުޅާ، ދޫ، ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ސިފަކޮށް ނުދޭނެ ހެދުމެއް ކަމުގައިވާން ޖެހޭނެ އެވެ.
ދެންފަހެ، ނަރަކަ ދެކެ ބިރު ނުގަންނަނަމަ، އަންހެން މީހާ އޭނާ ބޭނުން ކަމެއް ކުރާނެ އަންހެނެއް ކަމުގައިވާނެ އެވެ. އެ ނަރަކަ ވަނީ އަންހެން މީހާގެ ކުރި މަތީގަ އެވެ.
ވުމުން، ހެދުން ފަހާ ފަރާތަށް ނަޞޭހަތް ގޮތުގައި ބުނަމެވެ. ގޭތެރޭގައި ލުމަސް ބޭނުން ކުރާ ހެދުންތައް ފެހުމުގެ އަޞްލަކީ ހުއްދަ އެވެ. އެހެނަސް އެ ހެދުން ފަހައިދެވޭ އަންހެނާ އެ ހެދުންތައް ފެހުމުގައި މިފަދަ ހަށިގަނޑަށް ބާރު ވަނާތައް ފާޅުވާ ގޮތުގައި ފެހުމަށް އެދޭނަމަ އެ ސިފައިގައި ފެހުން އެއްކިބާވެ ދުރުވުން ހުއްޓެވެ. އެއީ އެ ހެދުމުގެ ޛާތުގައި ހުއްދަނުވީއެއް ނޫނެވެ. އެހެނަސް ނުބައި ޢަމަލަށް ހިތްވަރު ދިނުމާއި އެ ޢަމަލުގައި އެމީހަކަށް ވާގިވެރި ނުވުމަށްޓަކަ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ) “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!“
ދެވަނައީ : ގެއިން ބޭރަށް ނުކުންނަހިނދު ހަށިގަނޑު ނިވާކުރުމަށް ބޭނުންކުރާ ފޭރާންތަކެވެ.
މިފަދަ ލިބާސްތަކުގައި އެކިއެކި ޒީނަތްތައް ގެނެސް ނުވަތަ އޭގައި ލޮލުގައި އަޅައިގަންނަ ފަދަ ޑިޒައިންތައް ގެނެސް ހެދުމުގައި ބެލުންއޮތީ އެތަނެއްގައި ޢާދަކާދައޮތް ގޮތެއްގެ މައްޗަށެވެ.
އެފަދައިން ހިލޭފިރިހެނުންނާ އަދި ބާޒާރުތަކަށް ނުކުމެ އެއިން ނަހަމަ ގޮތުގައި ބޭނުން ހިފާނެކަން ދަންނަނަމަ އެގޮތުން އެ ފެހުމާއި އެކަމަށް އެހީތެރިވެ ދިނުމުން ދުރުވުމެވެ.
އެހެނަސް އެތަނެއްގެ ނުވަތަ މުޖުތަމަޢުގައި އެއީ އޭގެ މައްޗަށް އަޢިބު ކުރެވޭ ނުވަތަ ނަހަމަ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗެއް ގޮތުގައި ނުވާނެ ކަމުގައި ވާނަމަ އޭގެ ޙުކުމަކީ އަޞްލު ޙުކުމް ކަމުގައިވާ ހުއްދަވުމެވެ. އަދި ފަހަން އަންނަ ފަރާތުން އެފަދައިން ބެލުމެއްވެސް ނުވެ އެވެ.
ވުމުން މިކަމުގައި ބޮޑަށް ބެލުން އޮތީ އެ މުޖުތަމަޢުއެއްގައި އަދި ޢާދަވެ އެބޭނުން ކުރާ ސިފައެއްގެ މައްޗަށެވެ.
އަޚާ އެވެ! އުޚްތާ އެވެ! އެ ލިބާހެއްގެ ނުވަތަ އެ ފޭރާމެއްގެ ސަބަބުން މިސްތަކުންގެ ނަޟަރު ހުއްޓުވާ ފަދަ ސިފަތައް އެއީ ދީނުގައި ރައްކާތެރިވުމަށް އަމުރު ކުރެވިގެންވާ ޢަމަލެކެވެ؛
ކީރިތި ޤުރުއާނުގައި ﷲގެ ވަޙީބަސްފުޅުގައި ބަޔާންވެގެންވަނީ، ކައިވެންޏަށް ނޭނދޭ ޢުމުރަށް ގޮސްފައިވާ އަންހެނުންންވެސް އެކަބަލުން ޒީނާތްތެރިކަން ފާޅު ނުކުރުމަށެވެ. ފަހެ، އެއީ މުސްކުޅިވެ ކައިވެންޏެއްގެ އެދުން ނަފްސުން ފިލައިފައިވާ ފަރާތްތައް ކަމުގައިވީހިދު ޒުވާން އަންހެނުންނާ މެދުގައި ދެކެނީ ކިހިނަކުން ހެއްޔެވެ؟
ﷲ ގެ ވަޙީބަސްފުޅުގައިވެ އެވެ. (وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ ۖ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ ۗ وَاللَّهُ سَمِيعٌ عَلِيمٌ) ”ކައިވެންޏަކަށް އެދުންނުވާ މުސްކުޅި އަންހެނުން، ޒީނަތްތެރިކަން ފާޅުނުކުރާ ގޮތުގައި އެކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން އެކަނބަލުންގެ މައްޗަކަށް ކުށެއް ނެތެވެ. (ނަމަވެސް) އެކަނބަލުން ޢިއްފަތްތެރިވުން އެކަނބަލުންނަށް ހެޔޮކަން ބޮޑެވެ. އަދި الله އީ އެންމެ މޮޅަށް އައްސަވާވޮޑިގެންވާ، އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“
ވުމުން، މިފަދައިން ބޭރު ތެރެއަށް ނުކުތުމުގައި ބޭނުންކުރާ ފޭރާންތަކުގައި އެ ހެދުންތަކަށް ޒީނަތްތެރިކަން ފާޅުކޮށް ހެދުން އެއީ އެދެވިގެންވާ ގޮތެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.