އިންސްޓޯލްމަންޓަށް މުދާގެނެ ވިއްކުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ވިޔަފާރިއަކީ ކޮބައިކަމާއި އަދި ވިޔަފާރީގެ ޝަރުޠުތައް ދީނުގައި ކަނޑައެޅިފައިވެ އެވެ. މި އީ ﷲ ކީރިތި ޤުރުއާނުގައި ޙަލާލު ކުރައްވާފައިވާ މުޢާމަލާތެކެވެ. އެބަހީ ވިޔަފާރި ކުރުމެވެ. އެކަލާނގެ ވަޙީ ކުރެއްވި އެވެ. (وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَ) ”ހަމަކަށަވަރުން ﷲ ވިޔަފާރި ޙަލާލު ކުރެއްވި އެވެ. އަދި ރިބާ ޙަރާމް ކުރެއްވި އެވެ.“
ވިޔަފާރިއަކީ މުދާ (މުދާތަކެއް) އޭގެ މިލްކުވެރިކުރާ ފަރާތުން ގަނެގެން ގެނެސް ނުވަތަ އޭނާގެ ބާރުވެރި ކަމުގެ ދަށުގައި ހުރެ ވިއްކުމެވެ.
ވުމުން، ވިއްކާ މީހާ، ގަންނަ މީހާ، ވިއްކާލެވޭ ތަކެތި (އެ އެއްޗަކީ އޭނާ މިލްކުކޮށްފައިވާ އެއްޗެއް ކަމުގައިވުން ޝަރުޠު ކުރެވެ އެވެ.)، ގަނެވިއްކުމުގެ ބަސް އަދި ދެފަރާތުގެ ރުހުން އޮންނަން ޖެހެ އެވެ.
މިއީ ގަނެވިއްކުމުގެ މުހިންމު ޝަރުޠު ތަކެވެ.
ވިއްކާ މީހާއަށް ބަލާލުމުން ފެންނާނެ އެވެ. އަތުގައިވާ ފައިސާއިން މުދާތައް ގަނެ އެވެ. އެތަކެތި ގުދަން ކުރުމާއި، ބެލެހެއްޓުމާއި، އެއިން ގެއްލުން ވެދާނެ ކަމާއި، ހަލާކު ވެދާނެ ކަމާއި، އެތަކެއްޗަށް ރައްކާތެރި މާހައުލެއް ހޯދުމާއި، އެއަށް ހަރަދު ކުރުމާއި، އެއިން ފާއިދާ ވުމާއި އަދި ގެއްލުންވުން ވިޔަފާރި ވެރިޔާގެ ވިޔަފާރީގައި އޮންނާނެ އެވެ.
އޭގޭ ބަދަލުގައި ވިއްކާމީހާ އެ މުދާ މިލްކު ނުކޮށް ،ވިޔަފާރީގެ އެއްވެސް ގެއްލުމެއް ނަގަން ބޭނުން ނުވާ ގޮތަށް ގަންނަ މީހާއާއި އަދި ވިއްކާމީހާއި ދެމެދު ހަމައެކަނި ފައިސާދީގެން ވިޔާފާރިކޮށް ފައިދާ ހޯދުމަކީ މިއީ ހުއްދަވެގެންނުވާ މުޢާމަލާތްތަކެވެ.
ފައިސާ ދިނުމަށްފަހު އަނބުރައި އެއަށް ގިނަކޮށް ފައިސާ ދިނުމަށް އެދުމުން، މި ސިފައިގައި ރިބާގެ މުޢާމަލާތްތައް ހިންގުމުން މީސްތަކުންނަށް އެއީ ރިބާގެ ވިޔަފާރި ކަމުގައި އިނގުމުން، ރީތި ނަންތަކުގައި އަދި މިސްތަކުންނަށް ޙަޤީޤަތަކީ ކޮބައިކަން ނޭނގޭގޮތަށް ހީލަތްތެރި ގޮތުގައި ބަޔަކު މީހުން ރިބާގެ ސިފަތަކެއް ގެނެސްފައިވެ އެވެ.
އޭގެ އެއް ސިފައަކީ މިއަދު އިސްލާމީ ނަމުގައި ކުރާ ބައެއް ރިބާގެ އިތުރުން ޙީލަތްތެރި ގޮތުގައި ކުރާ ވިޔަފާރި އެކެވެ.
އަޚާ އެވެ! ސުވާލެއް ކޮށްލަމެވެ.
ބޭންކުން ރިބާގެ މުޢާމަލާތް ކުރި ކަމުގައިވަނީ ނަގުދު ފައިސާ އަތަށް ދީފައި އަނބުރައި ދައްކާއިރު އެއަށް އިތުރުކޮށްފައި ދިނުމުން އެކަނި ހެއްޔެވެ؟ މާނައަކީ : އެމީހާގެ އަތަށް ފައިސާ ދިނުމުން އެއީ ރިބާގެ ގޮތުގައި ކަނޑައެޅެނީ ހެއްޔެވެ؟ އަތަށް ނުދޭނަމަ ރިބާއެކޭ ނުކިޔަނީ ހެއްޔެވެ؟
ވުމުން، ފިހާރައަކުން އެމީހަކު ގަންނަން ބޭނުންވާ 2000 ރުފިޔާގެ އަގުހުރި މުދަލެއް ގަތުމަށްޓަކައި، މީހަކު ކައިރީގައި ފިހާރައިގައި އެ މުދާ އެބަހުއްޓޭ ބުނެ، އެމީހާ ފިހާރައަށް އައިސް ”އަތަށް ފައިސާ ނުދީ“ ފައިސާ ފިހާރައަށް ދެ އެވެ. އެހިނދު މުދާ ގަންނަން ބޭނުންވާ މީހާ އެވަނީ 2000 ރުފިޔާގެ ދަރަންޏެއް ގޮތުގައި އޭނާ ބޮލުގައި ޒިންމާ އެޅިފަ އެވެ. އަދި އެމީހާ ބުނެ އެވެ. ”6 މަސްތެރޭގައި 3000 ރުފިޔާ ދައްކައި ޚަލާސް ކުރާށެވެ.“ ފަހެ، މިއީ ރިބާ ނޫން ކޮންކަހަލަ މުޢާމަލާތެއް ހެއްޔެވެ؟
ރިބާ، ރިބާއަށްވަނީ އަތަށް ފައިސާ ދީފައި އަނބުރައި ދައްކާއިރު ގިނައިން ދިނުމެއް އެކަންޏެއް ނޫނެވެ. އަތަށް ނުދީ މަތީގައިވާ މިޘާލުގައިވާ ފަދައިން އޭނާގެ ބޮލުގައި ދަރަނި އެވަނީ އަޅުވާފަ އެވެ.
ޝައްކެތްވެސް ނެތެވެ، މިއީ ނުބައިވެގެންވާ ޙީލަތްތެރިވެސް ގޮތެކެވެ.
އެފަދަ ތަންތަނުން ކުރާ މިފަދަ މުޢާމަލާތްތަކުގެ ޙަޤީޤަތް މިޒަމާނުގައި ފާޅުވި ޢިލްމުގެ ފަދުބަދަފަ އިމާމުންނާއި ޢިލްމުވެރިންވަނީ ޙަޤީޤަތް ބަޔާން ކުރައްވާފަ އެވެ.
އޭގެ ތެރޭގައި ފަހުގެ ދުވަސްތަކުގައި ދުނިޔެއަށް ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ الشَّيخ العَلاَّمَة مُحمَّد بن صَالح العُثَيمين رحمه الله ހިމެނިވަޑައިގަންނަވަ އެވެ.
ސުވާލު : މި މީހާއަކީ ދީނަށް އުޅޭ މީހެކެވެ. އަހުލީ ބޭންކުން އޭނާ އިންސްޓޯލްމަންޓްއިން ކާރެއް ނެގި އެވެ. އިނގޭ އެއްޗަކީ އެ ކާރަކީ ބެންކުގެ މިލްކުވެރިކަމުގައި އޮތް ކާރެއްގެ ގޮތުގައި ވިއްކުނު ކާރެއް ނޫނެވެ. ބޭންކް އިން، ފައިސާ ދެނީ ކުންފުންޏަށެވެ. ދެން އޭނާ ފައިސާ ދައްކަންޖެހެނީ ބޭންކަށް (އެ ކުންފުނިން ވިއްކި އަގަށްވުރެ ބޮޑު އެއްޗެއްގެ ގޮތުގަ އެވެ.) މިފަދައިން ބައިބަޔަކަށް ދައްކައިގެން ކާރެއް ގަތުމަށް އަހަރެންވަނީ ނުހަނު ބޭނުން ޖެހިފަ އެވެ. މި މުޢާމަލާތުގެ ތެރޭގައި ރިބާ އެކުލެވިގެންވޭ ހެއްޔެވެ؟
ޖަވާބު : އާނއެކެވެ. ތިޔައީ ޙަރާމްވެގެންވާ (ވިޔަފާރި) އެކެވެ. ތިޔަގޮތަށް އިންސްޓޯލްމަންޓްއަށް ދިނުމަކީ ޙަރާމްވެގެންވާ ގޮތެކެވެ.
މިޘާލަކަށް، މީހަކު ވިޔަފާރިވެރިއެއް ކައިރިއަށް އައިސް ނުވަތަ ބޭންކު ނުވަތަ ބޭންކު ނޫން އެހެން ފަރާތެއް ކައިރިއަށްގޮސް، އޭނާ ބުނެ އެވެ. ”އަހަރެން، އެވަނި ސިފަތަކެއް ހުންނަ ވައްތަރުގެ ކާރެއް ގަންނަން ބޭނުމެވެ.“ އެހިނދު (ބޭންކު ނުވަތަ އެ ކުންފުނިން ބުނަނީ) ތިބާ ކާރު ވިއްކާ ތަނަށްގޮސް އެތަނުން ތިބާ ބޭނުންވާ ވަތްތަރުގެ ކާރެއް ހޯދާށެވެ. އެއަށްފަހު، (އޭނާ ބޭނުންވާ ވަތްތަރުގެ ކާރު ހޯދުމަށްފަހު) އޭނާ އައިސް ބުނެ އެވެ. ތިމަންނަ ބޭނުންވަނީ މިވެނި ވަތްތަރުގެ ކާރެކެވެ. އެހިނދު އެ ވިޔަފާރިވެރިޔާ ނުވަތަ ބޭންކު އެ ކާރު ވިއްކާތަނަށްގޮސް ބުނެ އެވެ. ”މި ކާރު އޭނާއަށް ވިއްކާލާ“ އަދި ބޭންކުން އެތަނަށް 50 ހާސް ރުފިޔާގެ ނަގުދުފައިސާ ދައްކައި ކާރުގަނެ އެވެ. އެއަށްފަހު އެގަންނަން ބޭނުންވި މީހާއަށް 60 ހާސް ރުފިޔާއަށް، އިންސްޓޯލްމަންޓްއިން ދައްކާގޮތަށް އެމީހާއަށް ވިއްކާލަ އެވެ. މިއީ ޙަރާމްވެގެންވާ ކަމެކެވެ. މިއީ ޙަލާލު ވާނެ ގޮތެއް ނޫނެވެ.
ފަހެ، މިއީ ފާޅުކަންބޮޑު ގޮތުގައި ޙީލަތެއް ހަދައިގެން ރިބާ ކެއުމެކެވެ.
ސަބަބަކީ މި ކާރު ގަނެދިން ކުންފުނި (ބޭންކު) ކޮށްފައިވާ ކަމަކީ، ގަންނަން ބޭނުންވި މީހާއަށް އޭގެ އަގު އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވުމެވެ. އަނބުރާ (އެ ފައިސާ ދައްކާއިރު) އެއަށް އިތުރު ކޮށްފައި ދޭންޖެހޭ ގޮތަށެވެ. މިއީ ޙަރާމްވެގެންވާ ކަމެކެވެ. މިތަނުގައި އެ ކުރެވުނު އެ ވިޔަފާރީގެ މުޢާމަލާތަކީ (ވިޔަފާރިއަށް ހަދަން) ދަޅަ ދެއްކުމެކެވެ.
މި މީހާ ކާރެއް ގަންނަން ބޭނުންވެގެން ނާންނަނީސް ބޭންކުން އެ ކާރެއް ނުގަންނާނެ އެވެ. ފަހެ، އެހެންވުމުން މިކަމުން އެއްކިބާވެ ސަމާލުވުން ވާޖިބު ވެގެންވެ އެވެ.
ބައެއް މީހުން މިަފަދައިން ޢަމަލުކުރުމަށް ފަތުވާ ދީފައިވީނަމަވެސް، އެބަޔަކަށް މި މައްސަލައިގައި މި ވާގޮތް ރަނގަޅަށް އޮޅުންފިލައިފައި ނުވެ އެވެ. މި (މައްސަލަ ރަނގަޅަށް ބަލައި، ނަޟަރު ހިންގައިފި ހިނދުގައި) ފާޅުކަންބޮޑު ގޮތުގައި މިއީ ބޮޑުވެގެންވާ އޮޅުވާލުމެއް ކަމާއި މަކަރުވެރި ކަމެއްކަން އެނގިގެންދެ އެވެ.
މި އޮޅުވާލުމަކީ، ﷲ تبارك وتعالى ޔަހޫދީންގެ މައްޗަށް ސަރުބީ ޙަރާމް ކުރެއްވުމުން އެ ސަރުބީ ކައްކައި އޭތި ތެލަށް ހަދައިގެން ވިއްކި އެވެ. އަދި އޭގެ ފައިސާ ބޭނުންކުރި އެވެ. ޔަހޫދީން މިފަދައިން ޢަމަލުކުރި ކުރުމަށްވުރެ، މި މަކަރުވެރިކަމުގެ މުޑުދާރުކަން ނުބައިވެގެންވެ އެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެބައިމީހުންގެ މައްޗަށް، އެ ޔަހޫދީން ނެތިވެ ދިއުމަށް ދުޢާ ކުރެއްވި އެވެ.
އަހަރެން މިތަނުގައި ބަޔާންކުރި، ޔަހޫދީންގެ މަކަރުވެރިކަމާ ޙީލަތަށްވުރެ، މި ސިފައިގައި އެއްޗެހި ވިއްކާ، ޙަރާމް ވިޔަފާރީގެ މަކަރުވެރިކަމާއި ޙީލަތްތެރިކަން މާބޮޑެވެ.
ފަހެ، މުއުމިނު އަޅާއަށް އޮތީ ﷲ އަށް ބިރުވެތިވުމެވެ.
”ތިމަންނައަށް މިކަންތައް ރަނގަޅަށް ކުރާ އެކަކުވެސް ނުފެނުނޭ“ އެމީހަކު މިފަދައިން ބުނާހިނދުގައި، ތިބާއަށް އޮތީ ތިބާއަށް ލިބިފައިވާ ފޭރާމުން ފުދިގެން ހުރުމެވެ. ތިބާއަށް (އަމިއްލަ ގެދޮރު) ނުވަތަ ކުށްޔަށް އުޅޭ ތަނެއްކަމުގައި ވީނަމަވެސް އެވަރުން ފުދިގެން ހުންނާށެވެ. ތިބާއަށް މިދުނިޔެއިން ތިބާ ކައިބޮއި ހެދި އެއްޗެއް ނޫނީ ނުވެ އެވެ. ނުވަތަ ތިބާ ބޭނުންކޮށް ހަލާކު ކުރި ފޭރާމެއް ނޫނީ ނުވެ އެވެ. ނުވަތަ ތިބާ ޞަދަޤާތްކޮށް ހެދި އެއްޗެއް ނޫނީ ނުވެ އެވެ.
ތިބާ ދުވާލަކު އެއްފަހަރު ކައިގެން ހުންނަން ޖެހުނު ކަމުގައިވީނަމަވެސް ތިޔަ ސިފައިގައި ކާރު ނުގަންނާށެވެ.“
(ޝެއިޚްގެ ބަސްފުޅު ނިމުނީ އެވެ.)
މިއަދު މަދީނާއި އުޅުއްވާ ސުންނަތުގެ އެންމެ ބޮޑެތި އަދި ކިޔެއްތޯ! މިއަދު ދުނިޔެ މަތީގައި ތިއްބެވި އެންމެ ޢިލްމާއި ފިޤުހާއި ތަޤްވާވެރިކަމާއި ޙައްޤު ބަޔާން ކުރުމުގައި އެފަދަ ދެވަނައެއް ނުވާ ޢިލްމުވެރިޔާ الشَّيخ العَلاَّمَة أ. د. رَبِيع بن هَادي حفظه الله މި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.
ސުވާލު : މިޒަމާނުގައި އިސްލާމިކް ބޭންކު ނަމުގައި ބުނެވޭ ބޭންކު ތަކުގައި، ކަސްޓަމަރުން އެމީހުން ބޭނުންވާ ވަކި މުދަލެއް އެމީހުންނަށްޓަކައި ހޯދައިދިނުމަށް ބޭންކުގައި އެދެ އެވެ. މިޘާލަކަށް ކާރެއް ގަންނަން ބޭނުންވާ މީހާ ބޭންކަށް އައިސް ބުނެ އެވެ. 100،000 ރިޔާލުގެ އަގުހުރި ކާރެއް ތިމަންނަ ގަންނަން ބޭނުންވެ އެވެ. އެހިނދު ބޭންކުން އެމީހުންނަށް ފައިދާވާގޮތަށް އެމީހާގެ އެދުމަށް އިޖާބަދީ ބުނެ އެވެ. ތިމަންނަމެން ކުންފުނީގެ ފަރާތުން އެކާރު ގަނެފައި ތިބާއަށް 120000 ރިޔާލަށް ވިއްކާނަމެވެ.
ޖަވާބު : ”ތިފަދަ މުޢާމަލާތް ތަކަކީ ޙަރާމް މުޢާމަލާތް ތަކެއް ކަމުގައި ޢިލްމުވެރިންވަނީ ފަތުވާ ދެއްވާފަ އެވެ. ރިބާއަށް ވާ ޙީލަތެއް ކަމުގައިވާތީ އެވެ.
ސުވާލު ކުރާ މީހާ : ޝައިޚް އެވެ. މި މުޢާމަލާތުގައި އެގަތުމަކަށް ބެންކުން (ކަސްޓަމަރުގެ މައްޗަށް) ލާޒިމް ނުކުރެ އެވެ.
ޝެއިޚް : ނޫނެކެވެ. ތިކަމުގައި ފޮރުވިފައިވާ ބާރުގަދަ ފިއްތުންތަކެއް ވެ އެވެ. (މިޘާލަކަށް) ކާރަކަށް ބޭނުންޖެހިގެން އަހަރެން ބޭންކަށް ދާހިނދު (އެއީ އޭގެ ޒާތުގައި) ކާރު ގަތުމަށްޓަކައި ބޭންކާއެކު އެއްބަސްވުމެއްގެ މައްޗަށް އައުންކަން ކަށަވަރެވެ. އެހެނީ ފަހެ (އަމިއްލަ އިޚްތިޔާރުގައި) ގަންނަ މީހާއަކީ، އެމީހަކު އަމިއްލައަށް ބާޒާރަށް ގޮސް އެއްތަން އަނެއްތަން ބަލައި، އޭނާ ހިތްކިޔައި ހިތްހަމަޖެހޭ އެއްޗެއް ގަންނާނެ އެވެ. (އޭގެ ބަދަލުގައި) ހިތްނުކިޔާނަމަ ނުގަނެ ދޫކޮށްލަ އެވެ. (އެއާ ޚިލާފަށް) ބޭންކާ އެކު އެއްބަސްވުމަށް އާދެވިފައިވާ މީހާއަށް އޭގެން ރުޖޫޢަވުމެއް ނުވެ އެވެ. އެ މުދަލަކަށް ޙާޖަތްޖެހިގެން އެގަތުމަށް ބޭންކާއި ޙަވާލު ކުރުމަށްފަހު، އެ ގަތުމުން އޭނާ ރުޖޫޢަވެދާނެ ކަމީ ބުއްދި ޤަބޫލު ކުރެވޭ ކަމެއް ހެއްޔެވެ؟ ތިބާގެ އަމިއްލަ ނަސްފުގެ މައްޗަށް ފިކުރުކޮށްލުން ހުއްޓެވެ. މިޘާލަކަށް އަހަރެން އެއްޗެއް ބޭނުންވެގެން އެގަތުމަށްޓަކައި ތިބާއާ ޙަވާލުކުރުމަށްފަހު، ދެން ތިބާ އެ ގަނެގެން ޙާޟިރުވުމުން ”ތި ބޭނުމެއް ނޫނޭ“ މިފަދައިން ތިބާއާ ދިމާލަށް އަހަރެން ބުނެފާނެކަމަށް ބުއްދި ޤަބޫލުކުރެވޭ ހެއްޔެވެ؟
ސުވާލު ކުރާ މީހާ : ކުރިން ބޭންކުތަކުން ކަސްޓަމަރުން ލައްވާ އަޤުދެއްގައި ސޮއިކުރުވި ނަމަވެސް، ޢިލްމުވެރިންގެ ފަތުވާތައް އެއީ ޙަރާމްވެގެންވާ ކަމެއް ކަމުގެމައްޗަށް ނުކުތުމުން، (އެގޮތަށް މިހާރު ކަންތައްތައް ނުކުރެ އެވެ.)
ޝެއިޚް : އެހިނދު އެހެނިހެން ޙީލަތްތަކާއި ދިމާލަށް އެބައިމީހުން މިސްރާބު ޖެހި އެވެ. ފަހެ، އެބައިމީހުންނަކީ އިޚްލާޞްތެރިން ކަމުގައިވާނަމަ، (މި ޙާލަތުގައި) އެ ކާރު ގަތުމަށްޓަކައި އޭނާއަށް އެއްލައްކަ ރުފިޔާ ދިނީހެވެ. އަދި ބުނާނެ އެވެ. މި ފައިސާއިން ކާރު ގަންނާށެވެ. އަދި އެއްލައްކަ ރުފިޔާ އަނބުރައި ދައްކާށެވެ. އިސްލާމް ދީނުގައި އޮތް ޙައްލަކީ މި އެވެ.“
ފަހެ، އެބައިމީހުންނަކީ އިޚްލާޞްތެރިން ކަމުގައިވާނަމަ، (މި ޙާލަތުގައި) އެ ކާރު ގަތުމަށްޓަކައި އޭނާއަށް އެއްލައްކަ ރުފިޔާ ދިނީހެވެ. އަދި ބުނާނެ އެވެ. މި ފައިސާއިން ކާރު ގަންނާށެވެ. އަދި އެއްލައްކަ ރުފިޔާ އަނބުރައި ދައްކާށެވެ. އިސްލާމް ދީނުގައި އޮތް ޙައްލަކީ މި އެވެ.“
(ޝެއިޚްގެ ފަތުވާ ނިމުނީ އެވެ.)
މިއީ މިފަދައިން ހުއްދަވެގެން ނުވާނެ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.
މި ޞޫރައިގައި ވިޔަފާރި ހުއްދަވާނެ ކަމުގައި ޛިކުރު ކުރައްވާ ޢިލްމުވެރިން އޭގައި މައިގަނޑު ގޮތެއްގައި 3 ޝަރުޠެއް ކަނޑައަޅުއްވަ އެވެ.
ފުރަތަމައީ : ކާރެއް ގަތުމަށް މީހަކު އައިސްފިހިނދު، އެ ކާރެއް ގަނެ ބޭންކުން އެ ކާރު މިލްކު ކުރުމެވެ. އެއީ އެ ބޭންކުގެ ޢަމިއްލަ އެއްޗެއް ކަމުގައި އެ މުދަލެއް ހެދުމެވެ.
ދެވަނައީ : އެމީހުންގެ ބެލެހެއްޓުމުގެ ދަށަށް ގެނެވޭ ކަމުގައިވާނަމަ އެބައިމީހުންގެ ބެލެހެއްޓުމުގެ ތެރެއަށް ގެނައުމެވެ. އަދި އެފަދައިން ބެލެއްޓުމުގެ ތެރެއަށް ނުގެނެވޭ އެއްޗެއް ކަމުގައިވެއްޖެހިނދު، އެއްބަސްވެވޭ ގޮތުގައި އެބައިމީހުންގެ މިލްކުވެފައިވާ އެއްޗެއް ކަމުގައިވުމެވެ.
ތިންވަނައީ : ގަންނަން އަންނަ މީހާއަށް ލާޒިމް ނުކުރުމެވެ. މިޘާލަކަށް ގަންނަން ބޭނުންވާ އެއްޗެއްގެ އަގު ހިފައިގެން އައުމުން ބޭންކުން އޭތި ގަނެފައި އޭނާއަށް ވިއްކުމުގައި، އޭނާއަށް އިޚްތިޔާރު ދީފައި އޮތުމެވެ. އޭނާ ބޭނުންވާ ކަމުގައިވާނަމަ އެ ގަނެ ކުރިއަށް ދިއުމާއި ބޭނުން ނުވާނަމަ އެ ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންވުމެވެ.
ހުއްދަކުރާ ޢިލްމުވެރިން މި ޝަރުޠުތަކަށް ޢަމަލު ކުރާނަމަ ހުއްދަ ކަމުގައި ވިދާޅުވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.