މާސްކު އެޅުމާއި ތަވީދު އެޅުމަކީ އެއްވަތަރު ކަމެއް ތޯ؟
بسم الله الرحمن الرحيم
الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه
أما بعد :
ފާއިތުވީ ދެތިން ދުވަހުގެ ތެރޭގައި ކުދިންގެ ފަރާތުން މާސްކު އެޅުން އެއީ ތަވީދު އެޅުމާއި އެއްވަތްތަރު ކަމެއްތޯ ސުވާލު ކުރުމުން މި މަޢުޟޫގައި ބަސްކޮޅެއް ލިޔުމަށް ޤަޞްތުކުރީ އެވެ.
ފުރަތަމައީ : ތަވީދު އެޅުމަކީ ޙަރާމްވެގެންވާ އަދި ޝިރުކީ ޢަމަލު ތަކުގެ ތެރެއިން ޢަމަލެކެވެ. ޝަރުޢީ ނައްޞުތަކުން އެއި ޝިކުރީ ޢަމަލެއް ކަމުގައި ކަނޑައަޅައި ބަޔާންވެގެންވާ ކަމެކެވެ.
އެ ގޮތުން ގަނޑު ކޮޅެއްގައި ނުވަތަ ހަންގަނޑެއްގައި، ގޮތް ނޭނގޭ ގޮތަށް އޭގެ މާނަ ނޭގޭ ފަދަ ކަލިމަތަކެއް ލިޔެފައިހުރެ އެވެ. ބައެއްފަހަރު ޝައިޠާނުންގެ ނަންތައް ލިޔެފައިވެސް ހުރެދާނެ އެވެ. އަދި ބައެއް ފަހަރު ބައެއް ދުޢާތައް ނުވަތަ އާޔަތްތައްވެސް ލިޔެފައިހުރެ އެވެ. އެއަށްފަހު އެ ތަވީދު، ކުޑަކުދިން ނުވަތަ ބަލި ޙާލުގައިވާ ބޮޑެތިމީހުންގެ ގައިގައި އަޅުވަ އެވެ. އެބައިމީހުންގެ ދަޢުވާ އަކީ އެ ތަވިދަކީ ޖިންނި ޝައިޠާނުންގެ ކިބައިން އެބައި މީހުން ރައްކާތެރި ކޮށްދޭ އެއްޗެއް ކަމެވެ. އަދި ބައެއް މީހުން އެސްފީނާއިން ސަލާމަތް ވުމަށް ޤަޞްދުކޮށްވެސް އަޅަ އެވެ. އަދި މި ޢަމަލަކީ އިސްލާމް ދީން އައުމުގެ ކުރިން ޖާހިލިއްޔަތުގައި އެބައިމީހުންގެ ގެންގުޅޭ ޖަނަވާރުތަކުގައިވެސް، އެތަކެތި ބަލިތަކުންނާއި ބަލާތަކުން ރައްކާތެރި ކޮށްދޭނެ ކަމުގައި ދެކިގެން އަޅަމުން ގެންދިޔަ އެއްޗެކެވެ.
ދެވަނައީ : މިތަކެތި އެޅުމުގެ ޙުކުމެވެ. މިފަދަ އެއްވެސް އެއްޗެއް ހަށިގަނޑުގައި އެޅުމުގެ މައްޗަށް ނަބިއްޔާ އިންޒާރު ދެއްވާފައިވެ އެވެ. އެތަކެތިން ދުރުވުމަށް އިރުޝާދު ދެއްވާފައިވެ އެވެ. ނަބިއްޔާ عليه الصلاة والسلام ޙަދީޘް ކުރެއްވި އެވެ. من تعلق تميمة فلا أتم الله له، ومن تعلق ودعة فلا ودع الله له، ومن تعلق تميمة فقد أشرك ”ތަވީދެއް އަޅައިފި މީހާއަށް، އެކަމެއް ﷲ އޭނާއަށް ފުއްދައި ނުދެއްވާނެތެވެ. އަދި ވަދަޢަ (ވަދަޢަ އަކީ : ކަނޑުން އެބައިމީހުން ނަގާ އެއްޗެކެވެ.) އެއް އަޅައިފި މީހާއަށް ، ފަހެ، ހިތްހަމަ ޖެހުމާއި މަޑުމޮޅިކަމުގެ މަތީގައި ﷲ އެމީހަކު ދޫ ނުކުރައްވާނދޭވެ! (އެބަހީ : ނުތަނަވަސްކަމުގެ މަތީގައި އެމީހަކު ލަހައްޓަވާންދޭވެ.) އަދި ތަވީދެއް އަޅައިފި މީހާ ހަމަކަށަވަރުން ﷲ އަށް ޝަރީކު ކޮށްފި އެވެ.“
ރަސޫލާ عليه الصلاة والسلام ޙަދީޘް ކުރެއްވިއެވެ. (من تعلق تميمة فقد أشرك)
އެމީހެއްގެ ހަށިގަނޑުގައި ތަމީމަ އެއް (ތަވީދެއް ފަދަ އެއްޗެއް) އަޅައިފި މީހާ ﷲ އަށް ޝަރީކު ކޮށްފި އެވެ.
މި ޙަދީޘްތަކުން އަދި މި ނޫން މި މާނައިގައިވާ ގިނަ ޙަދީޘްތަކުން ބަޔާންވެގެންވަނީ މި ޢަމަލަކީ ޝިރުކުގެ ޢަމަލެއް ކަމެވެ. އަދި މި ޢަމަލަކީ އިސްލާމް ދީނުގެ ކުރިން ޖާހިލިއްޔަތުގައި އެބައިމީހުން ކުރަމުންގެންދިޔަ ޢަމަލެއްގެ ގޮތުގައި ވުމުން، އިސްލާމް ދީން އައުމަށްފަހު އޭގެ ޙަޤީޤަތް ބަޔާން ކުރައްވާ އެކަން ބާޠިލް ކުރެއްވި އެވެ.
ތިންވަނައީ : ތަވީދު އަޅާ މީހާގެ ޙުކުމެވެ.
އެ ތަވީދު އެޅި މީހާ ޤަބޫލު ކުރާ ގޮތުގައި ބަލިތަކުން އަދި މުޞީބާތްތަކުން ސަލާމަތް ކޮށްދެއްވާ ފަރާތަކީ ﷲ ކަން ޤަބޫލު ކުރާ ޙާލުގައި، ތަވީދު އެޅުމަކީ އެއީ އެކަމަކަށް ލެވިގެންވާ ސަބަބެއްކަމުގައި ޤަބޫލުކޮށްގެން އަޅައިފިހިނދު އެއީ ކުޑަ ޝިރުކުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައިވެ އެވެ.
ތަވީދު އެޅި މީހާގެ ޤަޞްދު ކަމުގައިވަނީ، ޤަބޫލު ކުރަނީ، ތަވީދަކީ އޭގެ ޛާތުގައި ބަލިތަކުން ދިފާޢުކޮށް ރައްކާތެރި ކޮށްދޭނެ އެއްޗެއްގެ ގޮތުގަ އެވެ. ފަހެ، އެހިނދު އެއީ ބޮޑު ޝިރުކެކެވެ.
ވުމުން މި ޢަމަލުގެ ނުރައްކާ ބޮޑުކަން ބަޔާންވެގެންވެ އެވެ.
ހަތަރުވަނައީ : މާސްކު އެޅުމާއި މެދުގައި ބުނެވޭ ބަސްތަކެވެ. މާސްކު ބޭނުން ކުރުމަކީ އޭގެ އަޞްލުގައި އެއްވެސް ދެބަސްވުމެއް ނުވާ ގޮތުގައި ދީނުގައި ހުއްދަވެގެންވާ އެއްޗެކެވެ. މިކަމުގެ މައްޗަށް ދެވަނަ ބަހެއް، ޚިލާފެއް ނުގެނެވޭނެ އެވެ. ސަބަބަކީ ތަކެތީގެ އަޞްލު ކަމުގައިވަނީ ޙަލާލު ވުމެވެ. ބޭނުން ކުރަން ހުއްދަވުމެވެ.
ޝަރީޢަތުގައި ނައްޞުން، ސާފު ޞަރީޙަ ދަލީލުން އެއީ ޝިރުކުގެ ތެރެއިން ހިމެނިގެންވާ އެއްޗެއްގެ މައްޗަށްވެސް އެ ބޭނުންކުރާ މީހާގެ ޤަޞްދާއި މުރާދުގެ ގޮތުން ކުޑަ ޝިރުކަށް އަދި ބޮޑު ޝިރުކަށް ދިއުމުގެ ތަފްޞީލު އޮތްހިނދު، ޝަރީޢަތުގައި އޭގެ އަޞްލު ހުއްދަވެގެންވާ މާސްކު ބޭނުން ކުރާ މީހާގެ މުރާދެއް އަދި ޙާޖަތެއް ބެލުމެއްނެތި ”ތާވީދާއި“ އެއްފަދަވީ ކޮންފަދަ ފިޤުހީ އަދި ޢިލްމީ ޙާލެއްގައި ބާވަ އެވެ! ޙަޤީޤަތަކީ، މިފަދައިން ބުނާނީ ނުހަނު ޖާހިލު މީހެކެވެ. ޢިލްމަށް ނިޞްބަތްވެ ޢިލްމީ ބަސްމަގުގައި ބަސް ބުނާ މީހަކު މިފަދައިން ބުނާނެ ބަސްތަކެއް ކަމުގައި ނުދެކެމެވެ.
އެއަށްފަހު އެފަދައިން ބުނާ މީހާގެ ދަޢުވާ ބިނާވެފައިވާ ބައެއް ނުކުތާތަކަށް ބަލަމެވެ.
ތަވީދު އެޅުމަކީ، އޭގެ ސަބަބުން ﷲ އަށް ތަވައްކުލު ކުރުން ނަފީ ކުރުވާ ކަމެކެވެ.
އެހެންވުމުން މާސްކު އަޅާ މީހުންވެސް ބަލީގެ މައްޗަށް އޮތް ބިރެއްގެ ބޮޑުކަމުން، މާސްކު އަޅާ މީހާ ތަވީދު އަޅާ މީހާ ތަވީދު އަޅާފަދައިން މާސްކަށް ބަރޯސާ ވަނީ އޭ ބުނުމެވެ. އެހެން ވުމުން ތަވައްކުލު ނަފީ ވަނީ އެވެ.
ތަވީދާއި، ވަދަޢަ އަކީ އަތުގައި އަޅާ ރޮއްޖެއް ނުވަތަ ފޮތި ނުވަތަ ކަރުދާސް ގަނޑެކެވެ. ހަމަ އެގޮތަށް މާސްކު އަކީވެސް މޫނުގައި އަޅާ ފިތިގަނޑެކެވެ.
އެހިނދު އެއްވަތްތަރު ގޮތުގައިވެ އެވެ.
މަތީގައިވާ 2 ނުކުތާގެ މައްޗަށް ބުނަމެވެ.
އަތުގައި އެޅޭ ރޮއްޖާއި، ފަށާއި އަދި އެނޫންވެސް ތަކެތި ޝިރުކީ ބާބަށް ވަންނަނީ، ޢިލްމުވެރިންގެ ބަސްފުޅުގައިވަނީ، އެއްގޮތަކީ އެތަކެއްޗަކީ އޭގެ ޛާތުގައި، ﷲ ފިޔަވައި މަންފާ ހޯދައިދޭނެ ތަކެތި ކަމުގައި ޤަބޫލު ކުރުމެވެ.
މިއީ ބޮޑު ޝިރުކެވެ.
މިފަދައިން މާސްކު އަޅާ ފަރާތެއް ހުންނާނެ ކަމަށް ނުދެކެމެވެ.
މާސްކު އަކީ ﷲ ފިޔަވައި ފައިދާ އަދި ގެއްލުމުން އެ ބޭނުން ކުރާ ފަރާތެއް ކަމުގައި ދެކެނީ ކާކު ހެއްޔެވެ؟
ނުވަތަ ﷲ ތަޢާލާ ސަބަބެއް ކަމުގައި ލައްވާފައިނުވާ ސަބަބެއް ސަބަބެއް ކަމުގައި ދެކިގެން އެ ސަބަބެއް ހޯދައިގަތުމެވެ. އެއަށް ބަރޯސާވުމެވެ. އެހިނދު އެވަންނާނީ ކުޑަ ޝިރުކުއަށެވެ.
މާސްކު އަޅާ މީހާ އަޅަނީ ބަލިން ރައްކާތެރި ވުމަށް އޮތް ސަބަބެއްގައި، ބަލިން ދުރުވެ ހުރުމުގެ ސަބަބެއްގައި ކަމުގަ އެވެ. އޭނާ މާސްކަށް ބަރޯސާވާ ޙާލުގައި ނޫނެވެ.
ފަހެ، މާސްކު އަޅައިގެން ނަމާދުގައި ”ކޮރޯނާ ވައިރަހުން އަޅަމެން އިބަ ﷲ ސަލާމަތް ކުރައްވާނދޭ“ ކިޔައި އެބައިމީހުން ޤުނޫތު ކިޔުމުގައިވެ އެވެ.
ޔަޢުނީ : ސަބަބުގައި ހިފައި ﷲ އަށް އެބައިމީހުން ދެންނެވުމެވެ.
މިއީ ޝަރުޢީ ގޮތުން ވަކީލު ކުރުމެވެ.
ދަންނަ އެވެ! ﷲ އަށް ވަކީލު ކުރުމަކީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤަވާޢިދެކެވެ. މުއުމިނުންގެ ސިފައެކެވެ. وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ . إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا
އަދި ﷲއަށް ވަކީލު ކުރާ މީހާ ދަންނާށެވެ. ފަހެ، އޭނާއަށް އެކަލާނގެ ފުދެ އެވެ. ހަމަކަށަވަރުން ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި ފުރިހަމަ ކުރައްވާ އިލާހެވެ. ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެ އެވެ.
މާސްކަކީ، ބަލިން ރައްކާތެރިވުމަށް، ރޯގާ ނުވަތަ ކެއްސުން، ނުވަތަ ބަލިން ރައްކާތެރިވެވޭ ސަބަބެއްގައި ހިފުން ކަމުގައި ދެކިގެން، ﷲ ލައްވާފައިވާ ސަބަބުތަކުގައި ދެމިހުރުން، އެގޮތުން އެމީހުން އެބުނާ ފަދައިން ”ސެނެޓައިޒާ“ ލުމުން އެކިއެކި ޖަރާސީމް އަތުން މަރުވާތީވެ، އަތް ސާފުކޮށް ޠާހިރުވުމުގެ ސަބަބެއް ކަމުގައި ދެކިގެން އެ ބޭޏުން ކުރުމުގެ ސިފަ ނޫނީ އޭގައި ނުވެ އެވެ.
ފަހެ، ވުމުން، ޝަރުޢީ ގޮތުން ޝިރުކީ ޢަމަލަކާއި، ހުއްދަ އެއްޗެއް، އެއްފަދަ މި ކުރަނީ ކޮން ގޮތަކުން ހެއްޔެވެ؟
ސަބަބަކަށް ބަރޯސާ ވުމާއި، (މިޘާލަކަށް ތަވީދު އެޅުން) އާއި ސަބަބެއްގައި ހިފުން ނުހަނު ތަފާތެވެ. ސަބަބަކަށް ބަރޯސާ ވުމަކީ، އެ ސަބަބެއް ހުއްދަ ސަބަބެއް ކަމުގައިވީނަމަވެސް ޙަރާމް ކަމެކެވެ. އެކަމަކު ސަބަބުގައި ހިފުމަކީ ﷲ އިޛުނަ ދެއްވާފައިވާ އަދި ތަޥައްކުލުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ޙައްޤު ވަކީލު ކުރުމަކީ، ދީނުގައި ހުއްދަވެގެންވާ ސަބަބުތަކުގައި ހިފައި އެފަދައިން ވަކީލު ކުރުމެވެ.
މާއްދީ ދުނިޔެވީ ސަބަބުތައް ދޫކޮށް ތިމާވަނީ ވަކީލު ކުރާޙާލުގައި ބުންޏަސް އެއީ ޙަޤީޤީ ވަކީލު ކުރުމުގެ ތެރޭގައިވާ މީހުން ކަމުގައި ނުވާނެ އެވެ.
މާތް ނަބިއްޔާ ގެ ސިޔަރަތުގައި އެފަދަ އެތައް ޙާދީޘާތަކެއްވެއެވެ. ނަބިއްޔާ ވެވަޑައިގެންނެވީ ސައްޔިދުލް-މުތަވައްކިލީންގެ ބޭކަލެއްގެ ގޮތުގަ އެވެ.
ހަނގުރާމަ އޮތީ މާ ފަހުންނެވެ. އޭގެ ކުރިން ދަގަނޑު ދަހަނާ އެޅުއްވުމާއި އަދި އިސްތަށިފުޅުގައި (ބޮލުގައި) މިޣްފަރް (ހެލްމެޓް) ފަދަ އެއްޗެއް އެޅުއްވުން ނުވޭ ހެއްޔެވެ؟
ފަހެ، އެއީ ލިބިވަޑައިގަންނަވާނެ ގެއްލުމަކުން ސަލާމަތާއި ރައްކާތެރިކަން ހޯއްދެވުމަށް ޢަމަލުފުޅު ކުރެއްވި ގޮތެވެ. ދެއްކެވި ނަމޫނާ އެވެ.
ابن القيم_رحمه الله- :ސަބަބު ތަކުގައި ހިފުމުގެ މައްޗަށް ވިދާޅުވެފައިވެ އެވެ.
މިފަދައިން ﷲ އަށް އިޢުތިމާދު، ބަރޯސާ ވުމާއެކު ސަބަބުތަކުގައި ހިފުން ހުއްޓެވެ. އެހެން ނޫންނަމަ އެވާނީ، އަމުރުފުތަކާއި، ޙިކްމަތް އަދި ޝަރީޢަތް ދޫކޮށްލާފައިވާ ފަރާތެއްގެ ގޮތުގަ އެވެ.
ޞަޙާބީންގެ ހަޔާތްޕުޅެވެ. ޝާމްއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވާ، އެ ހިސާބާއި ގާތްވިހިނދު، ޚަލީފާއަށް އެތަނުގައި ޠާޢޫންބަލި ފާޅުވެފައިވާ ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި އެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ލިބިވަޑައިގެންނެވުމުގެ ކުރިން ވެސް. ޚަލީފާ ( عُمر -رضي الله عنه-) ގެ ބަސްފުޅުކަމުގައިވަނީ، ޝާމްއަށް ނުވަނު މަށާއި އަދި ބަލީގެ ތެރެއަށް ހުށަނޭޅުމެވެ.
މާތް ނަބިއްޔާ ގެ އަޞްޙާބު ބޭކަލުން މަރުގެ ތެރެއަށް ހުށަނޭޅުމަށެވެ. (ފަހެ، މި ޙާލުގައި ބުނާނީ ކީކޭ ހެއްޔެވެ؟ ﷲ އަށްވުރެ ބޮޑަށް ބައްޔަށް ބިރުގަނެ، އެހެން ފަރާތެއްދެކެ މާ ބިރުގަންނަނީ ހެއްޔެވެ؟)
މަޝްހޫރު ބަސްފުޅު ވިދާޅުވި އެވެ. ”ވަޑައިގަންނަވަނީ ﷲ ގެ ޤަދަރުން އެ އިލާހުގެ ޤަދަރަށެވެ.“
މިތަނުގައި އެރަށަށް ނުވަދެ އަނބުރައި ދިއުން އެއީ ސަބަބުގައި ހިފުން ނޫން ކޮން ކަމެއް ހެއްްޔެވެ؟
ޠާޢޫން ބަލި ފާޅުވެއްޖެހިނދު އެބިމުން ބޭރުގައިވާ އަހުލުވެރިން އެބިމަށް ވަނުން މަނާވެގެންވަނީ ކީއްވެ ހެއްޔެވެ؟
ސަބަބުގައި ހިފުން ނޫންތޯ އެވެ؟ އެއީ ރައްކާތެރި ވުމުގެ ސަބަބެއް ކަމުގައިވުމެވެ.
ބަލި މެދުވެރި ކުރައްވަނީ ﷲ އެވެ! އާއެކެވެ! އެހެނަސް އެތަނަނަށް ނުވަނުން ވެގެންދަނީ އެއިން ރައްކާތެރިކަން ހޯދައިދޭނެ ސަބަބެއް ކަމުގަ އެވެ. މިފަދަ އެތައް މިޘާލުތަކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.