ފޭރާމުގެ ތެރެއަށް އަތްލައި އަތް އެއްކޮށް ނިވާކޮށްގެންހުރެ، ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ނަމާދުގައި ހުންނަ މީހާ އަތް އެކުއެކީގައި ނިވާކުރުމުގެ ޙުކުމް ދެނެގަތުމަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ސުވާލުގައި ޛިކުރު ވެގެންވާ ފަދައިން ނަމާދު ކުރާއިރު އަތް އެތެރެއަށް ލައިގެން ހުރުން، މާނަ ކުރެވޭ 2 ގޮތެއް ނުވަތަ 2 ސިފައެއްވެއެވެ.
ފުރަތަމަ ގޮތަކީ:
ޙަދީޘްގައި ނަހީ ކުރެވިގެންވާ ފަދައިން އެއްވެސް ދިމާލަކުން ދެ އަތް ނުނެރެވޭގޮތަށް ދެ އަތް ބަންދުވާ ގޮތަށް ހަށިގަނޑުގައި ފޮތިގަނޑެއް އޮޅާލައިގެން ހުރުމެވެ. ފަހެ، އެފަދައިން ހަށިގަނޑުގައި ފޮތިގަނޑެއް އޮޅާލައިގެންހުރެ ނަމާދު ކުރުމެވެ. މި ސިފައަކީ އިމާމް البُخاري އަދި الإمام مسلم ޞަޙާބީ أبو هريرة -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައި ނަހީކުރެވިގެންވާ اشتمال الصماء ގެ މާނަ ކުރެވިގެންވާ އަދި އެފަދައިން ނަހީކުރެވިގެންވާ ގޮތެވެ.
ޙަދީޘްގައިވެއެވެ. (أنَّ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ نَهَى عن بَيْعَتَيْنِ، وعَنْ لِبْسَتَيْنِ وعَنْ صَلَاتَيْنِ: نَهَى عَنِ الصَّلَاةِ بَعْدَ الفَجْرِ حتَّى تَطْلُعَ الشَّمْسُ، وبَعْدَ العَصْرِ حتَّى تَغْرُبَ الشَّمْسُ، وعَنِ اشْتِمَالِ الصَّمَّاءِ، وعَنِ الِاحْتِبَاءِ في ثَوْبٍ واحِدٍ، يُفْضِي بفَرْجِهِ إلى السَّمَاءِ، وعَنِ المُنَابَذَةِ، والمُلَامَسَةِ) “ހަމަކަށަވަރުން ނަބިއްޔާ صَلَّى اللهُ عليه وسلَّمَ- ….. اشْتِمَالِ الصَّمَّاءِ -އިޝްތިމާލް އައް-ޞައްމާ- ނަހީކުރެއްވިއެވެ. (އެ ފޭރާމެއްގައި އަތެއްނެތް ގޮތުގައިވާ ޙާލުގައި، ހަށިގަނޑުގައި އެކީއެކައްޗަކަށް ފޮތިގަނޑެއް އޮޅާލެވޭ ގޮތަށް އޮޅާލައިގެން – ފޮތިގަނޑުގެ ތެރޭގައި އަތް ބަހައްޓައިގެން- އެ ގޮތުގައި ނަމާދުގައި ހުރެ ރުކޫޢުކޮށް ސަޖިދަ ކުރުމެވެ. މިއީ ނަހީ ކުރެވިގެންވާ ޢަމަލެކެވެ) …”.
މި ސިފައިގައިހުރުން ނަހީވުމުގެ ފަހަތުގައިވާ ސަބަބެއް ކަމަށް الإمام ابن العُثَيمِين- رحمه الله- ވިދާޅުވެފައިވަނީ އެމީހަކަށް ދެ އަތް ނެރެވޭ ގޮތްނެތި ދެ އަތް ބަންދުވުމުގެ ސަބަބުން، އެންމެ އެކަށީގެންވާ ގޮތުގައި ޙަރަކާތްތައް ކުރުމަށް އެމީހަކު ނުކުޅެދުންތެރިވާތީއެވެ. އަދި އެގޮތުން ނަމާދަށް ހުރެ އެއްޗެއްގެ ކިބައިން ދިފާޢުވުމުގެ ޙާލަތެއް އަތުވެއްޖެނަމަ، ޙަރަކާތް ކުރުމަށް ނުކުޅެދުންތެރިވުމުގެ ސަބަބުން އެހާލަތަކުން ދިފާޢުވުމުގެ ފުރުޞަތު ނޯންނާނެތީއެވެ.
މި ބަސްފުޅުތަކުން އެނގިގެންދަނީ، ދެ އަތް ފޮރުވުން ނަހީވެގެން ވަނީ އޭގެ ޒާތުގައި ދެ އަތް ފޮރުވޭތީއެއް ނޫނެވެ. އެހެނީ، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަވެގެންވާ ބަހަކީ، އަންހެނާއަށް އަދި ފިރިހެނާއަށް ވެސް ނަމާދުގައި ދެ އަތް ފޮރުވުން ހުއްދަވެގެންވުމެވެ. އެގޮތުން އިޙްރާމުގައި ހުންނަ ޙާލަތު ފިޔަވައި، އަންހެނުންނަށް އަދި ފިރިހެނުންނަށް ވެސް އަންގި ލައިގެން ނަމާދު ކުރުން ހުއްދަވާނެކަމަށް الإمام ابن بَاز -رحمه الله- އަދި الإمام ابن العُثَيمِين- رحمه الله- ފަދަ ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ.
ދެވަނަ ގޮތަކީ:
ސުވާލުގެ މުރާދަކީ، ލައިގެން ހުރި ފޭރާމުގެ އަތްކުރި ދިގުވެގެންގޮސް އަތުގެ ކުޑަހުޅަށްވުރެ ތިރިއަށް ދިގުވެ އަތްތިލަވެސް ނިވާވުން ކަމުގައިވާނަމަ، އޭގެ ޖަވާބުގައި ބުނަމެވެ.
ބައެއް ޢިލްމުވެރިން، އެ ގޮތުން މިއަދު ދުނިޔެ މަތީގައިވާ ސުންނަތުގެ (ޢިލްމުގެ) ފަރުބަދަތަކެއްފަދަ އެންމެ ބޮޑެތި އިމާމްވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة رَبِيع بن هَادِي -حفظه الله- ފަދަ ޢިލްމުވެރިން، ފައިތިލައިގެ ތަނބިކަށްޓަށްވުރެ ތިރިވުމުން އިސްބާލުވުން ނަހީކުރެވިގެންވާ ޢާންމު ޙަދީޘްތަކުން އަތްކުރި ވެސް ކުޑަހުޅުގެ ތިރިއަށް ހުރުންވަނީ ނަހީ ކުރެވިގެންވާ ކަމުގައި ވިދާޅުވެއެވެ.
އަދި ނަބިއްޔާ صلى الله عليه وسلم ތުރުކުރައްވައިގެން ހުންނަވާ ހެދުންކޮޅުގެ އަތްކުރި ބަހައްޓަވަނީ ކުޑަހުޅުގެ މައްޗަށް ކަމަށް أَسمَاء بنت يَزِيد އަދި أَنَس ގެ ފަރާތުން އައިސްފައިވާ ދެ ރިވާޔަތުން މިކަމަށް ދަލީލު ކުރެވެއެވެ.
އެހެނަސް أَسمَاء بنت يَزِيد الأنصارية ގެ ރިވާޔަތަކީ މުރުސަލް ބަލިކަށި ރިވާޔަތެކެވެ. އަދި ހަމަ އެފަދައިން أَنَس ގެ ރިވާޔަތަކީ ވެސް ބަލިކަށި ރިވާޔަތެއް ކަމުގައި الشّيخ الألَبانِي -رحمه الله- ވިދާޅުވެފައިވެއެވެ.
އެހެނަސް ابن ابي شيبة ގައި أَنَس ގެ ގެ ފަރާތުން ރިވާވެގެންވާ ރިވާޔަތުގައި، އަތްކުރި ކުޑަހުޅާ ހަމައަށް ބަހައްޓަވާކަން ވާރިދުވެގެންވުމުން، ދަލީލު ކުރެވެނީ މިއީ އެކަމަށް އަޞްލެއް ވާރިދުވެގެންވާ ޢަމަލެއް ކަމެވެ.
ވީމާ އެކަމަކީ އެއީ ވާޖިބެއް ކަމުގައި ނުބެލެވުނަސް އެންމެ ސަލާމަތްތެރި އަދި އެންމެ ހެޔޮވެގެންވާ އަދި އެކަށީގެންވާ ގޮތަކީ ފިރިހެނުން އެބައިމީހުންގެ އަތްކުރި އެބައިމީހުންގެ ކުޑަހުޅާ ހަމައަށް ބެހެއްޓުމެވެ. އެއަށްވުރެ ތިރިއަށް ދިގު ނުކުރުމެވެ. މިއީ މި މައްސަލައިގައި الإمام ابن بَاز -رحمه الله- އަދި الإمام ابن العُثَيمِين- رحمه الله- ދެކެވަޑައިގަންނަވާ ގޮތްވެސް މެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.