ޗަންދާނަގައިގެން އުޟްޙިއްޔާ ޤުރުބާން ކުރުން ހުއްދަވާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އުޟްޙިއްޔާގެ ގޮތުގައި ގެރި އަދި ޖަމަލު ޤުރުބާން ކުރުމުގައި ހަތް މީހުންނަށް ބައިވެރި ވެވިދާނެއެވެ. އެހެނަސް ކަންބަޅި އަދި ބަކަރީގައި އެކަކަށްވުރެ ގިނަ ފަރުދުންނަށް ބައިވެރި ނުވެވޭނެއެވެ. މިފަދައިން ޞަޙާބީންގެ އަރިހުން ބަޔާން ވެގެންވެއެވެ.
އިމާމް مسلم ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައި ވެއެވެ. “ޙުދައިބިއްޔާގެ ދުވަހުގައި އަހަރެމެން ﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހުގައި ތިއްބަވައިގެން ހަދްޔު ޤުރުބާން ކުރެއްވީމެވެ. ޖަމަލެއް އަދި ގެރިއެއް ހަތް މީހުންގެ މައްޗަށެވެ”.
އިމާމް أبو داود ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. “ގެރި ހަތް މީހުންގެ މައްޗަށެވެ. އަދި ޖަމަލު ހަތް މީހުންގެ މައްޗަށެވެ.”
މި މައްސަލައިގެ މައްޗަށް النووي ވިދާޅުވެފައިވެއެވެ. “މި ޙަދީޘްތަކުން ދަލީލު ކުރެވެނީ، ހަދްޔުގައި (ގެރި އަދި ޖަމަލުގައި) އެކަކަށްވުރެ ގިނަ މީހުންނަށް ބައިވެރިވުން ހުއްދަ ވެގެންވާ ކަމެވެ. އަދި ކަންބަޅީގައި (އެކަކަށްވުރެ ގިނަ މީހުން ބައިވެރިވުން) ހުއްދަ ވެގެންނުވާ ކަމުގައި ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވައެވެ. ފަހެ، މި ޙަދީޘްތަކުން ބަޔާން ވެގެންވަނީ، ޖަމަލެއް ހަތް މީހުންގެ މައްޗަށް ފުދޭނެ ކަމެވެ. އަދި ގެރި ވެސް އެފަދައެވެ. އަދި (ޖަމަލާއި، ގެރި) ހަތް ކަންބަޅީގެ މަޤާމުގައިވާ ކަމެވެ….”.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިގެ 11/401 ގެ ފަތުވާގައިވެއެވެ. “ގެރި އަދި ޖަމަލު ހަތް މީހުންނަށް ފުދިގެންވެއެވެ. އެއީ އެއް ގެއެއްގައި ދިރިއުޅޭ އަހުލުވެރިންގެ (އެއް ގޭގައި ދިރިއުޅޭ 7 ޢާއިލާ) ބައިވެރިވި ކަމުގައި ވީނަމަވެސް ނުވަތަ އެކިއެކި ތަންތަނުގައި އުޅޭ ހަތް (ޢާއިލާ) ބައިވެރި ކަމުގައި ވީނަމަވެސް މެއެވެ. އަދި އެއީ އެފަދައިން ބައިވެރިވާ މީހުންގެ މެދުގައި ޢާޢިލީ ގުޅުން އޮތް ކަމުގައި ވީނަމަވެސް ނުވަތަ އެފަދަ ގުޅުމެއްނެތް ކަމުގައި ވީނަމަވެސް (ހުއްދަ ވެގެންވެއެވެ.). ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ވަނީ ޞަޙާބީންނަށް ޖަމަލުގައި އަދި ގެރީގައި ހަތް މީހުންނަށް ބައިވެރިވުމަށް ހުއްދަ ދެއްވާފަ އެވެ…”.
މި އަޅުކަމަކީ އެކަމަށް ކެރިފޯރުންތެރިކަން ލިބިގެންވާ، އެކަމަށް ކުޅަދާނަ ވެގެންވާ އަހުލުވެރިންނަށް ﷲ އަމުރުފުޅާއި އެއްގޮތަށް ޝަރުޢުގައި ކަނޑައެޅިގެންވާ އަމުރުފުޅެވެ. މިއީ ހަމައެކަނި މުޖައްދަރު ލޭ އޮހޮރުވައިލުމެއް ނޫނެވެ.
ވީމާ، ތިމާގެ ނަފްސުގައި އުޟްޙިއްޔާއެއް ޤުރުބާން ކުރުމުގެ ޤާބިލްކަން ނެތުމުން، ޓީމް ހަދައި، އެންމެންގެ މައްޗަށް އޭގެ އަގު ބަހާލައި، އެއް ކަންބަޅިގައި ނުވަތަ ބަކަރީގައި 10 މީހުން ނުވަތަ 20 މީހުން ބައިވެރި އެ ޙާލުގައި އެ ކަތިލެވުނީ އުޟްޙިއްޔާއެއް ނޫނެވެ. އެވާނީ ބަކަރި އެއް ކަތިލި ކަމުގައިއެވެ.
މިއަދު މިކަމަކީ އެމީހަކު ފެނުނު ގޮތަކަށް، އެމީހަކު ހިތުހުރި ގޮތަކަށް ކުރާ ކަމަކަށް ބަޔަކުވަނީ ހަދާފައިއެވެ.
މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ.
ސުވާލު: ފިރިމީހާ އާއި އޭނާގެ އަނބިމީހާއަށް އުޟްޙިއްޔާގައި ބައިވެރިވެވިދާނެ ހެއްޔެވެ؟ އެކަކު ދެބައިކުޅަ އެއްބައި ފައިސާ އަދި އަނެކަކު އަނެއްބައިގެ ފައިސާ ދައްކައެވެ.
ޖަވާބު: އެނާ އަދި އޭނާގެ އަނބިމީހާ އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ (ކަންބަޅި، ބަކަރީގެ) އަގުގައި ބައިވެރިވެއްޖެހިނދު ޞައްޙައެއް ނުވާނެއެވެ. ސަބަބަކީ، އެހިނދު އެކަކަށްވުރެ ގިނަ ފަރާތްތައްވަނީ ބަކަރީގެ މިލްކުވެރި ކަމުގައި ބައިވެރިވެފައިއެވެ. ފަހެ، އެކަކަށްވުރެ ގިނަ މީހުންނަށް ބައިވެރިވެވޭނީ ޖަމަލު އަދި ގެރީގައެވެ. އެގޮތުން ޖަމަލު އަދި ގެރީގައި ހަތް މީހުންނަށް ބައިވެރިވެވޭނެ އެވެ”. ފަތުވާ ނަގާފައިވަނީ: مجموع الفتاوى (25-46).
ގިނަ ބަޔަކު ބައިވެރިވެގެން، ޗަންދާ ނަގައިގެން، އެންމެން އުޟްޙިއްޔާ ޤުރުބާން ކުރުމުގައި، އޭގައި ބައިވެރިވުން ނަމުގައި ބަޔަކު ކުރަމުންގެންދާ ޢަމަލުތަކާ މެދު، މިހާރު މަދީނާގައި ދިރިއުޅުއްވާ ޑރ. الشيخ عَرَفَات المُحمدِي -حفظه الله- އަރިހުގައި ސުވާލު ދެންނެވީމެވެ.
ސުވާލު: އަހަރެމެންގެ ޝެއިޚްއެވެ! ﷲ ތަޢާލާ ޝެއިޚް ރައްކާތެރި ކުރައްވާށިއެވެ. އަހަރެމެންގެ ތެރޭގައި އުޅޭ ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އުޟްޙިއްޔާއަކީ މުޖައްރަދު ލޭ އޮހޮރުވައިލުމެއް ކަމުގައެވެ. އެގޮތުން 10 މީހުން (ރަޙްމަތްތެރިން ނުވަތަ ކުންފުންޏެއްގައި އުޅޭ މުޥައްޒަފުން) އެމީހުންގެ މެދުގައި އުޟްޙިއްޔާގެ އަގު ބަހާލައެވެ. ކޮންމެ މީހަކު ވެސް އޭގޭ އަގު ބަހާލުމުން އޭނާ ދައްކަންޖެހޭވަރު ދައްކައި އޭގައި ބައިވެރިވެއެވެ. އެ ކަތިލުމަށްޓަކައި މި އެންމެން ޗަންދާ ނަގައި އެކަމުގައި ބައިވެރިވެއެވެ. މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށިއެވެ.
ޖަވާބު : “އެމީހުންނަށް (ތިޔަ ޢަމަލުން) އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ތިޔައީ އުޟްޙިއްޔާ ޤުރުބާން ކުރުން ކަމުގައި ނުވާނެއެވެ”.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم